އަޅުގަނޑަކީވެސް ނަފްސް ކޮންޓްރޯލަކުރަން ވަރަށް ބޮޑަށް މަސައްކަތްކުރާ މީހަކީމެވެ. އެހެންކަމާއިއެކުވެސް އަޑިއަޑިން ދާންޖެހޭ ޙާލަތުވެސް ކުރިމަތިވެއެވެ. އަޅުގަނޑަކީ އެކުވެރިން އެހައި ގިނަ މީހެއް ނޫނެވެ. ތިބި މަދު އެކުވެރިންގެ ތެރޭގައިވެސް ކިރިޔާ ކަމެއް ދިމާވިޔަސް ނަފްސް ކޮންޓްރޯލް ނުކުރެވޭ މީހުން އުޅެއެވެ. އަޅުގަނޑުގެ ސުވާލަކީ އެފަދަ މީހުންނަށް އޮތް ޙައްލަކީ ކޮބައިތޯއެވެ؟ ކުރަންވީ ކޮން ކަމެއްތޯއެވެ؟
ކިޔުންތެރިޔާގެ ސުވާލަށް ޖަވާބަކަސް މިގެނެސްދެނީ ވިސްނައިފިނަމަ ވަރަށް ފަސޭހައިން ތިއަ ބޭނުންވާ ކަންތައް އެނގޭނެ ލިޔުމެކެވެ. އެއީ މިލިޔުމުގައި ހެއްކާއި ދަލީލު ދައްކާފައި އެވަނީ އެންމެންގެ ކުރިމަތީގައި ދާދި ފަހުން ހިނގައި ދިއަ، އަދި އެކަމުގެ އިޙްޞާޞްތައް އެންމެންނަށް ކުރަންޖެހުނު ކަމަކުން ކަމަށްވާތީއެވެ.
އަހުރެން ފުރަތަމަ ދައްކާލަން ބޭނުންވަނީ ކޮވިޑް 19 ގެ ވާހަކައެވެ. އެތައް މިލިއަން ބައަކު މަރުވިއެވެ. އެތައް މިލިއަން ބައަކު ބަލިވިއެވެ. އެތައް މިލިއަން ބައަކަށް ތަފާތު މުޞީބާތްތައް ޖެހުނެވެ. އެތައް މިލިއަން ބައަކަށް މާލީ ގޮތުން ބޮޑެތި މުޞީބާތްތައް ކުރިމަތިވިއެވެ.
ދެން ފާހަގަކޮށްލަން ބޭނުންވަނީ އެބަލީގެ ސަބަބުން ނަފްސާނީ ގެއްލުން ލިބުނު މީހުންގެ ޢަދަދަށެވެ. އެއީ މާގިނަ ބައެކެވެ. އަހުރެންނަށް ޤަބޫލުކުރެވޭ ގޮތުގައި ނަފްސާނީ ގޮތުން ގެއްލުން ނުވަނީ ވަރަށް މަދު މީހަކަށެވެ. ވީމާ އެއީ މާގިނަ ޢަދަދެކެވެ.
ދެން ބަލައިލަންވީ ނަފްސާނީ ގޮތުން ގެއްލުން ނުލިބުނު މަދުމީހުންނަކީ ކޮންބައެއްތޯއެވެ؟ އެމީހުންނަށް ގެއްލުން ނުލިބުނީ ކީއްވެގެންތޯއެވެ؟ ސުވާލުގެ ޖަވާބަކީ އެމީހުންނަކީ އެމީހުންގެ ދީނުގެ ޢަޤީދާގައި ޘާބިތުވި މީހުންނެވެ. ދުނިޔޭގައި ކުރިމަތިވާ ކޮންމެ ކަމަކީވެސް އިމްތިޙާންކަމާއި ފާސްވާނީ ކެތްތެރިންކަން ޤަބޫލުކުރި މީހުންނެވެ.
ޢަޤީދާގައި ޘާބިތުވީމާ ދުނިޔޭގައި މައްސަލަތައް ކުރިމަތިވާނެކަމާއި މައްސަލަތަކުން އަރައިގަނެވޭނެ ކަމާއި އަދި ތިމާއަށް ދެރަގޮތެއް ﷲ ތަޢާލާ މިންވަރު ނުކުރައްވަވާނެކަން ޔަޤީންކުރެވޭނެއެވެ. އެމީހުންނަކީވެސް އިންސާނުންނެވެ. ވީމާ ކަންބޮޑުވުންތަކެއްވެސް ހުންނާނެއެވެ. ނަމަވެސް އެމީހުންގެ ނަފްސަށް ގެއްލުން ލިބޭ މިންވަރަކަށް އެއްވެސް ކަމަކަށް ކަންބޮޑެއް ނުވާނެއެވެ.
ޢަޤީދާ ވަރުގަދަކޮށް ހަރުދަނާކުރަންޖެހޭ ސަބަބަކީ އެއީއެވެ. ދިރިއުޅުމުގައި ކަންކަން ކުރިމަތިވުމުން މާޔޫސްނުވެ ކުރިއަށް ދެވޭނެ މަގު ފެންނާނެތީއެވެ. އެއީ ކޮންމެ ކަމެއް ނަމަވެސްމެއެވެ. މާލީ ގެއްލުމެއް ލިބުނަސް އަދި ޒަވާޖީ ޙަޔާތް ރޫޅި އެކަނިވެރިވާންޖެހޭ ޙާލަތުގައިވެސްމެއެވެ. އިން ޝާ ﷲ
- އިސްލާމީ ތިލަފަތުގެ ދަރުސަކުން