އަހުރެން މިހެން ބުނި ނމަވެސް ތަފާތު ގޮތްގޮތަށްވެސް ކަންކަން ހިނގާފައި ހުންނާނެއެވެ. އެއްވެސް ކަމެއް އެންމެންނަސް ކުރިމަތިވާނީ އެއްގޮތަކަށް ކަމަށްނުވާނެތީއެވެ. އެކަމަކުވެސް ބުނަން ޖެހެނީ ފުރަތަމަ ކައިވެނި ރޫޅި ދެވަނަ ކައިވެނީގައި އުފާވެރިކަން ގިނައިން ލިބިފައިވަނީ އަންހެނުންނަށް ކަމަށެވެ. ޚާއްޞަކޮށް ކުދި ދަރިންނާއިއެކު ނިކަމެތިކޮށްލެވޭ އަންހެނުންނަށް ކަމެވެ.
މިހެން މިބުނަނީ ހަމަ ހުރެފައެއް ނޫނެވެ. މިކަންކަން ދިރާސާކުރާ މީހުންގެ އެހީތެރިކަމާއިއެކުގައިވެސްމެއެވެ. ހަމައެކަނި އަހުރެން ދަންނަ އަންހެނުންނަށް ބަލައިލިނަމަވެސް ފެންނަނީ ހަމަ މިގޮތަށެވެ.
އަހުރެން ޤަބޫލުކުރާ ގޮތުގައި މިގޮތަށް އެކަންވުމަށް މެދުވެރިވާ ސަބަބަކީ އަންހެނުންގެ ތެރޭގައިވެސް ނުބައި ބައަކު ތިބިނަމަވެސް ގިނަފަހަރު އަނިޔާލިބޭ ބައަކީ އަންނުންކަމުގައިވާތީއެވެ. އަނިޔާ ލިބޭ މީހުންނަށް ﷲ ތަޢާލާ ރަޙްމަތްލައްވަވާނެތީއެވެ.
އެއްވެސް ޙާލެއްގައި މިއީ ހުރިހާ އަންހެނުންނަކީ ރަނގަޅު ބައެއްކަމުގައި ބުނުމެއް ނޫނެވެ. ކައިވެނި ރޫޅާބައަކީ ހަމައެކަނި ފިރިހެނުން ކަމަށްބުނުމެއްވެސް ނޫނެވެ. ގިނަ ފަހަރު ކަމަށް މިބުނަނީ ސަބަބުތަކެއް ހުރުމުންނެވެ.
އެންމެ ފައުޅުކަންބޮޑު އެއް ސަބަބަކީ ވަރިކުރުމަށްފަހު ދަރިން އަނބިންގެ ބޮލަށްޖަހައި ޚަރަދުނުކުރާ ކަމެވެ. އެއިރުން އަނިޔާ އެލިބެނީ ދަރިންނަށާއި މައިމީހާއަށެވެ. ދަރިން ބަލަން މައިމީހާ އިންހައި ދުވަހަކު އެކަމަށްވެސް ޚަރަދުކުރަންޖެއެވެ. އެހެންކަމާއިއެކުވެސް ކުޑަކުޑަ 3، 4 ދަރިން ބޮލަށްޖަހާފައި އަޅައިވެސްނުލާ ފިލައިގެން އުޅެނީ ކިތައް ފިރިހެނުން ހެއްޔެވެ؟
އެޙާލަތުގައި އޭނާ އާއި ދަރިންގެ ޙައްޤުގައި އޭނާކުރާ ދުޢާ ﷲ ތަޢާލާ ޢިޖާބަކުރައްވަވާނެތެވެ. އިން ޝާ ﷲ. އޭނާއަށާއި ދަރިންނަށް އަނިޔާލިބެމުން އަންނާތީއެވެ. އަނިޔާ ލިބެމުންދާ މީހާ ކުރާ ދުޢާ އާއި ﷲ ތަޢާލާގެ ޙަޟްރަތާއި ދެމެދަށް އެއްވެސް ހުރަހެއް ނެތެވެ. އެހެންވެ ހެޔޮލަފާ ފިރިއަކު ދެއްވަވަނީއެވެ. އިން ޝާ ﷲ
އަހުރެންގެ ބޭނުމަކީ ވަކި މީހަކު ކުށްވެރިކުރުމެއް ނޫނެވެ. އެއްވެސް މީހަކީ އަނިޔާވެރިއަކު ކަމުގައި ނުވުމަށް ބުނުމެވެ. އެކަމަށް އިލްތިމާސްކުރުމެވެ. ﷲ ތަޢާލާގެ ރުހިވޮޑިގަތުން ލިބި ރަހްމަތް އިތުރުވާނީ އެއިރުންނެވެ. އިން ޝާ ﷲ
- އިސްލާމީ ތިލަފަތުގެ ދަރުސަކުން