ފުވައްމުލަކުގައި ކުރިއަށްދާ އިމާމުންނާއި ޒުވާން ޚަޠީބުން ތާޒާކުރުމުގެ ޕްރޮގްރާމްގައި 42 ފަރާތަކުން ބައިވެރިވެއްޖެ

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 9ސ
ފުވައްމުލަކުގައި ކުރިއަށްދާ އިމާމުންނާއި ޒުވާން ޚަޠީބުން ތާޒާކުރުމުގެ ޕްރޮގްރާމްގައި 42 ފަރާތަކުން ބައިވެރިވެއްޖެ

ޏ. ފުވައްމުލަކުގައި މިހާރު ކުރިއަށްދާ އިމާމުންނާއި ޒުވާން ޚަޠީބުން ތާޒާކުރުމުގެ ޕްރޮގްރާމްގައި 42 ފަރާތަކުން ބައިވެރިވެފައިވާކަމަށް އިސްލާމިކް މިނިސްޓްރީން މިއަދު ހާމަކޮށްފިއެވެ.

މި ޕްރޮގްރާމަކީ މިސްކިތްތަކުގެ އިމާމުންނާއި ޚަޠީބުންގެ ފެންވަރު މަތިކޮށް، އެފަރާތްތަކުގެ ޢިލްމީ ޤާބިލްކަން އިތުރުކުރުމަށް އަމާޒުކޮށްގެން ކުރިއަށްގެންދާ ޚާއްޞަ ޕްރޮގްރާމެކެވެ. މީގެ ތެރޭގައި ޤުރްއާނާއި، ތަޖުވީދުގެ ޢިލްމާއި، ތަފްސީރާއި، ފިޤުހާއި، ޙަދީޘާއި، އަޤީދާގެ ޢިލްމުގެ ދާއިރާތަކުން މުހިންމު މަޢުލޫމާތު ފޯރުކޮށްދެވެއެވެ.

އިސްލާމިކް މިނިސްޓްރީން ފާހަގަކުރިގޮތުގައި، "މި ޕްރޮގްރާމް ފަރުމާކުރެވިފައިވަނީ މިސްކިތްތައް ބެލެހެއްޓުމުގެ ގޮތުން އަދާކުރަންޖެހޭ މަސްއޫލިއްޔަތުތައް އެންމެ ފުރިހަމަ ގޮތުގައި އަދާކުރެވޭނެ ފަދަ ގޮތަކަށް އިމާމުންގެ ޝަޚްޞިއްޔަތު ބިނާކުރުމަށް އަމާޒުކޮށްގެންނެވެ."

މިނިސްޓްރީން އިތުރަށް ބުނެފައިވަނީ އިމާމުން ތަމްރީން ކުރުމާއި އިތުރު ތަމްރީންގެ ފުރުސަތުތައް ހޯދައިދިނުމަކީ އެ މިނިސްޓްރީން އިސްކަންދީގެން ކުރިއަށްގެންދާ މުހިންމު މަސައްކަތެއްކަމަށެވެ. މި ފަދަ ޕްރޮގްރާމްތަކުގެ ސަބަބުން މިސްކިތްތަކުގެ ޚިދުމަތުގެ ފެންވަރު މަތިވެ، މުޖުތަމަޢުއަށް މީގެ ހެޔޮ އަސަރުތައް ކުރާނެކަމަށް އެ މިނިސްޓްރީން އުންމީދުކުރެއެވެ.

މިއަދު އޮންލައިން