އެއަރޕޯޓް ޓެކުހާއި ފީ، އޭޓީއެފްގެ ގޮތުގައި ދައުލަަތަށް 2.5 ބިލިޔަނަށްވުރެ ގިނަ ރުފިޔާ ލިބިއްޖެ

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 16ސ
އެއަރޕޯޓް ޓެކުހާއި ފީ، އޭޓީއެފްގެ ގޮތުގައި ދައުލަަތަށް 2.5 ބިލިޔަނަށްވުރެ ގިނަ ރުފިޔާ ލިބިއްޖެ

ދިވެހިރާއްޖޭގެ އެއަރޕޯޓްތަކުން ނެގޭ ޓެކުހާއި ފީގެ ގޮތުގައި މިއަހަރުގެ މިހާތަނަށް ދައުލަތަށް 2.5 ބިލިއަން ރުފިޔާއަށްވުރެ ގިނަ އަދަދެއްގެ އާމްދަނީ ލިބިފައިވާކަމަށް މިނިސްޓްރީ އޮފް ފިނޭންސުން ހާމަކޮށްފިއެވެ.

މާލީ ވުޒާރާއިން އާންމުކޮށްފައިވާ "ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓް" ރިޕޯޓުގައިވާ ގޮތުން، ރާއްޖޭގެ އެއަރޕޯޓްތަކުން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން ނެގޭ ދެ ބާވަތެއްގެ ޓެކްސް ކަމުގައިވާ ޑިޕާޗަރ ޓެކްސް އަދި އެއަރޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި މިއަހަރުގެ ސެޕްޓެންބަރު 18 ގެ ނިޔަލަށް ލިބިފައިވާ އާމްދަނީ ވަނީ މިދިޔަ އަހަރާ އަޅާބަލާއިރު 51 އިންސައްތަ އިތުރުވެފައެވެ.

ޑިޕާޗަރ ޓެކްސްގެ ގޮތުގައި މިއަހަރުގެ ޖަނަވަރީ 1 އިން ސެޕްޓެންބަރު 18 އަށް 1.2 ބިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު 821 މިލިއަން ރުފިޔާއާ އަޅާބަލާއިރު 51 އިންސައްތައިގެ ކުރިއެރުމެކެވެ. ޑިޕާޗަރ ޓެކްސް ނަގަން ފެށީ 2022 ވަނަ އަހަރުގެ ޖަނަވަރީ 1 އިން ފެށިގެންނެވެ.

އަދި 2017 ވަނަ އަހަރުގެ މެއި 1 އިން ފެށިގެން ނަގަމުންދާ އެއަރޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި މިއަހަރުގެ ސެޕްޓެންބަރު 18 ގެ ނިޔަލަށް 1.3 ބިލިއަން ރުފިޔާ ލިބިފައިވެއެވެ. މިއީވެސް މިދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު 839 މިލިއަން ރުފިޔާއާ އަޅާބަލާއިރު 51.1 އިންސައްތައިގެ އިތުރުވުމެކެވެ.

މިގޮތުން އެއަރޕޯޓް ޓެކުހާއި ފީ (އޭޓީއެފް)ގެ ގޮތުގައި މިއަހަރުގެ އޮގަސްޓް މަހުގެ ނިޔަލަށް ޖުމްލަ 2.5 ބިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު 1.5 ބިލިއަން ރުފިޔާއާ އަޅާބަލާއިރު ފާހަގަކޮށްލެވޭ ކުރިއެރުމެކެވެ.

މިއަދު އޮންލައިން