ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓުގެ އޮޕަރޭޝަންތައް އައު ޓަރމިނަލަށް ބަދަލުކޮށް ޚިދުމަތް ދޭން ފަށައިފިއެވެ. މި ބަދަލާއެކު، ކުރީގެ ޓަރމިނަލްގައި ދެމުން އައި އެންމެހައި ޚިދުމަތްތައް މިހާރުވަނީ އައު ޓަރމިނަލަށް ބަދަލުކޮށްފައެވެ.
އެމްއޭސީއެލްއިން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، އޮރާޓާ ޕްރޮސެސްގެ ދަށުން ކުރިއަށްގެންދިޔަ މި ބަދަލުވުމުގެ މަސައްކަތް ވަނީ ވަރަށް އަމާންކަމާއެކު ކުރިއަށް ގެންގޮސްފައެވެ. މި މަސައްކަތުގެ ތެރޭގައި ފަސިންޖަރުންނަށް ދެވޭ ޚިދުމަތްތަކާއި ޓަރމިނަލްގެ އޮޕަރޭޝަންތައް ވަނީ ޓެސްޓުކޮށް ޗެކްކޮށްފައެވެ.
މި ބަދަލު ގެނައުމުގެ މައިގަނޑު ސަބަބެއްގެ ގޮތުގައި އެމްއޭސީއެލްއިން ފާހަގަކުރައްވާފައިވަނީ، ކޯޑް ސީގެ މަތިންދާ ބޯޓުތައް ޖެއްސުމަށްޓަކައި ރަންވޭއާ ކައިރީގައި ހުރި ކުރީގެ ޓަރމިނަލް އިމާރާތާއި އެ ސަރަހައްދުގެ އުސް ތަންތަން ހުސްކުރަން ޖެހުމެވެ. މި މަސައްކަތްތައް ކުރިއަށް ގެންގޮސްފައިވަނީ ސިވިލް އޭވިއޭޝަން އޮތޯރިޓީގެ މިންގަނޑުތަކާ އެއްގޮތަށެވެ.
އައު ޓަރމިނަލް ރަސްމީކޮށް ހުޅުވުމުގެ ތައްޔާރީތައް މިހާރު ދަނީ ކުރެވެމުންނެވެ. މީގެ ތެރޭގައި ޓަރމިނަލްގެ ޚިދުމަތްތަކާއި ޕްރޮސީޖަރތައް އެކުލަވާލުމާއި، އިކުއިޕްމަންޓްތަކާއި މެޝިނަރީތައް ޓެސްޓުކުރުމުގެ މަސައްކަތް ހިމެނެއެވެ.
އައު ޓަރމިނަލް ރަސްމީކޮށް ހުޅުވުމުގެ ކުރިން، ޓަރމިނަލްގެ ޚިދުމަތްތަކާއި ޕްރޮސީޖަރތައް ތައްޔާރުކުރުމާއި އިކުއިޕްމަންޓް އަދި މެޝިނަރީސް ޓެސްޓުކުރުމުގެ މަސައްކަތްތައް ދަނީ ކުރިއަށެވެ. މި މަސައްކަތްތައް ނިމުމުން، އެއަރޕޯޓުގެ ޚިދުމަތްތައް އިތުރަށް ހަރުދަނާވެ، ފަސިންޖަރުންނަށް ލިބޭ ޚިދުމަތުގެ ފެންވަރު މަތިވެގެންދާނެއެވެ.
ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓުގެ މި ތަރައްޤީއާއެކު، އުތުރު ސަރަޙައްދުގެ ފަތުރުވެރިކަމަށް އިތުރު ކުރިއެރުންތަކެއް ލިބި، ސަރަޙައްދީ ތަރައްޤީއަށް މަގުފަހިވެގެންދާނެ ކަމަށް ބެލެވެއެވެ.