އަންނަ އަހަރުގެ ފުރަތަމަ ސެމިސްޓަރގެ ކޯސްތަކަށް އިސްލާމީ ޔުނިވަރސިޓީން ހުޅުވާލައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 27ސ
އަންނަ އަހަރުގެ ފުރަތަމަ ސެމިސްޓަރގެ ކޯސްތަކަށް އިސްލާމީ ޔުނިވަރސިޓީން ހުޅުވާލައިފި

ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީން 2024 ވަނަ އަހަރުގެ ފުރަތަމަ ސެމިސްޓަރގައި ކިޔަވައިދޭ 68 ކޯހަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. މި ކޯސްތަކަށް އެދި ހުށަހެޅުމުގެ ސުންގަޑިއަކީ މި އަހަރުގެ ޑިސެމްބަރު 31 ވަނަ ދުވަހުގެ 13:00 އެވެ.

ޖެނުއަރީ އިންޓޭކްގައި ހިމެނޭ ކޯސްތަކުގެ ތެރޭގައި ޕީއެޗްޑީ ލެވެލްގެ 3 ކޯހާއި، މާސްޓާސް ލެވެލްގެ 17 ކޯހާއި، ޕޯސްޓްގްރެޖުއޭޓް ޑިޕްލޮމާ ލެވެލްގެ 1 ކޯހާއި، ބެޗްލަރސް ލެވެލްގެ 15 ކޯހާއި، އެސޯސިއޭޓް ޑިގްރީ ލެވެލްގެ 1 ކޯހާއި، ޑިޕްލޮމާ ލެވެލްގެ 11 ކޯހާއި އަދި ސެޓްފިކެޓް ލެވެލްގެ 20 ކޯސް ހިމެނެއެވެ.

މި ކޯސްތައް އަމާޒުކުރެވިފައިވަނީ ޤުރްއާނާއި ހަދީޘް، ޝަރީޢާ އެންޑް ލޯ، ފިޤްހް، އިސްލާމިކް ސްޓަޑީސް، އިމާމްޝިޕް، ލޭންގުއެޖް، އެޑިޔުކޭޝަން، ކައުންސެލިން، ފައިނޭންސް، އެކައުންޓިންގް، ލީޑަރޝިޕް އެންޑް އެޑްމިނިސްޓްރޭޝަން މެނޭޖްމެންޓް އަދި ޖަރނަލިޒަމް ފަދަ ދާއިރާތަކަށެވެ.

އިސްލާމީ ޔުނިވަރސިޓީގެ ވައިސް ޗާންސެލަރ ޑރ. ޢަލީ ޒާހިރު ވިދާޅުވި ގޮތުގައި، ޔުނިވަރސިޓީން ދަރިވަރުންނަށް ދޭ ޚިދުމަތްތައް އިތުރަށް ހަރުދަނާ ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ.

"ވަރަށް ބޮޑަށް މަސައްކަތްކުރަމުން މި ދަނީ ކިޔެވުމުގެ ކަންކަން ރަނގަޅުކުރެވޭތޯ، އަދި ހަމައެއާއެކު، ދަރިވަރުންނަށް ދެވޭ ޚިދުމަތްތައް ރަނގަޅުކުރެވޭތޯ. ޔުނިވަރސިޓީގަ ވަރަށް ބޮޑު ރޫހެއް އުފެއްދުމަށްޓަކައި އަޅުގަނޑުމެން މަސައްކަތް ކުރަމުން މި ގެންދަނީ، ޔުނިވަރސިޓީން ލިބޭ ތަޢުލީމާއި ޔުނިވަރސިޓީން ލިބޭ ޚިދުމަތަކީ މީހުން ހިތްހަމަޖެހޭ ގޮތަށް ފޯރުކޮށްދެވޭ ކަންކަމަށް ހެދޭތޯ ބެލުމަށްޓަކައި،" ޑރ. ޢަލީ ޒާހިރު ވިދާޅުވިއެވެ.

މިއަދު އޮންލައިން