ފިރިމީހާއަށް އާދޭސްކޮށްކޮށްވެސް ނަމާދުނުކުރާނަމަ އެމީހަކާއިއެކުގަ އުޅެން ހުއްދަވާނެތޯ؟
މިއީ ހެޔޮލަފާ ވަރަށް ގިނަ އަނބިންގެ ކިބައިން ލިބޭ ސުވާލެކެވެ. "ކައިވެނީގައި މިތަކެއް އަހަރުފާއިތުވެއްޖެއެވެ. މިތަކެއް ދަރިންވެސް ލިބިއްޖެއެވެ. އަހުރެން އުޅެމުން މިއަންނަނީ ވަރަށް ތަޤްވާވެރި ދިރިއުޅުމެކެވެ. ފިރިމީހާއަށްވެސް ވަރަށް ގިނައިން ނަޞޭޙަތްދީފީމެވެ. ނަމަވެސް އޭނާ ބަދަލެއް ނުވިއެވެ. ނަމާދެއްވެސް ނުކުރެއެވެ. އެހެންވީމާ ދެން ކަންތައްކުރަންވީ ކިހިނަކުންތޯއެވެ؟"
ޙަޤީޤަތުގައި މިމައްސަލައަކީ ކައިވެނީގެ ކުރިން ޙައްލުކުރަންޖެހޭ މައްސަލައެކެވެ. ޙައްލުކުރަން ކުރަން އޮތްކަމަކީ ދީން ދެކެ ޅޯބިވާ ދީނަށް ލޯބިކުރާ މީހަކާއި ނޫނީ ކައިވެނި ނުކުރުމެވެ.
އަހުރެމެން ޤަބޫލުކުރަން ބޭނުންނުވި ނަމަވެސް ޙަޤީޤަތަކީ ފިރިހެނުންގެ ތެރެއިން މަދުމީހަކު ނޫނީ އަނބިމީހާ ބުނެގެން އޭނާގެ އުޅުމެއް ބަދަލެއް ނުކުރާނެއެވެ. ވީމާ ތަޤްވާވެރިކަން އިތުރުކުރުން، ނަމާދުކުރުން ފަދަ ކޮންމެހެން ކުރަންޖެހޭ ކަމެއް ކުރަން ބުނިނަމަވެސް އެކަމަކަށް ސަމާލުކަމެއް ނުދޭނެއެވެ. ކަންކަން އެމީހުން ބަދަލުކުރާނީ އެމީހުންނަށް ބަދަލުކުރަން ވިސްނުމުންނެވެ.
ދެނަބަލައިލަންވީ މިމައްސަލަތައް ނުކުންނައިރު ދެމަފިރިން ތިބޭ ޙާލަތަށެވެ. ދަރިންތަކެއް ލިބިފައެވެ. ވަކިވުން ފަސޭހައެއް ނުވާނެއެވެ. ދީނުގައި އޮތީ ނަމާދުނުކުރާނަމަ އެމީހަކާއި ވަކިވުމެވެ. އޭނާގެ ސަބަބުން އަނެކާއަށްވެސް ނުރަނގަޅު އަސަރުތަކެއްކޮށްފާނެތީއެވެ. އަދި ޤަޞްދުގައި ނަމާދު އަޅަމުން ގެންދާ މީހާ އެހުންނަނީ ދީނުގައި ނޫންކަމަށްވާތީއެވެ.
ވީމާ އަހުރެން ދޭން އޮތް ނަޞޭޙަތަކީ ކުރިން މިބުނިފަދައިން ކައިވެނީގެ ކުރިން އެކަންކަމަށް ސަމާލުކަންދިނުމެވެ. އަދި ފަހުން ނަމަވެސް ޤަޞްދުގައި ނަމާދުއަޅަމުންގެންދާ، ނަމާދުނުކުރާ މީހަކާއި އޮތީ ވަކިވުމެވެ. ވަކިވެ ﷲ ތަޢާލާއަށް ވަކީލްކުރާށެވެ! މާރަނގަޅު ގޮތް މިންވަރުކުރައްވަވާނެތެވެ. ﷲ ތަޢާލާއަށްޓަކައި ކަމެއް ދޫކޮށްލައިފި މީހަކަށް މާރަނގަޅު ގޮތްތައް މިންވަރުކުރައްވަވާނެތެވެ. އިން ޝާ ﷲ
ދެން ވިސްނާލަންވީމާ އަނބިމިހާވީމާ ފިރިމީހާއަށް އަމުރުކުރެވޭނެތޯއެވެ؟ ނަމާދުކުރުންފަދަ ދީނުގެ ކަންކަމުގައި އަމުރުވެސް ކުރެވޭނެއެވެ. އަމުރަށް ކިޔަމަންނުވާނަމަ ފިޔަވަޅުވެސް އެޅޭނެއެވެ. ވަކިވުންވެސް ހުއްދަވާނެއެވެ. ހަމައެކަނި ހުއްދަވަނީއެއްވެސް ނޫނެވެ. އޮތީ ވަރިވުމެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން