ކައިވެނިކުރުމަށްފަހުވެސް ކުރަން ޙަރާމްކަންކަން ކުރަން އަނބިމީހާއަށް މަޖުބޫރު ކުރުވި ފިރިއަކު އެންމެ ހިތްދަތިޙާލުގަ ނިމިދިއަގޮތުގެ ވާހަކަ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 41ސ
ކައިވެނިކުރުމަށްފަހުވެސް ކުރަން ޙަރާމްކަންކަން ކުރަން އަނބިމީހާއަށް މަޖުބޫރު ކުރުވި ފިރިއަކު އެންމެ ހިތްދަތިޙާލުގަ ނިމިދިއަގޮތުގެ ވާހަކަ-

ފުރަތަމަ ކަމަކަށް މިކިޔައިދެނީ ދާދިފަހުން ހިނގައިދިއަ ކަމެއްގެ ވާހަކައެވެ. ޢުމުރުން 43 އަހަރުގެ ފިރިމީހާއަށް ގޮތްތަކެއް ވެފައި ބަލިވީއެވެ. ބަލިޙާލު ބޮޑުވަމުން އައިސް ނިޔާވީ ތަންމަތިން ނުތެދުވެވޭތީ 3 އަހަރުފަހުންނެވެ. ނިޔާވިއިރުވެސް އޭނާއަށް ޖެހުނު ބަލި ޔަޤީންކުރެވުނު ކަމަށް ނުވިއެވެ.  

އޭނާ ނިޔާވިއިރު 38 އަހަރުގެ އަނބިމީހާގެ ހަށިގަނޑަށްވަނީ ބަދަލުތަކެއް އަންނަންފަށައިފައެވެ. ވަރުބަލިވަނީއެވެ. ހިމެނީއެވެ. ކާހިތްނުވަނީއެވެ. ދުނިޔެމަތިން ފޫހިވަނީއެވެ. އެޙާލަތުގައި އަހުރެންގެ ލަފައަކަށް އެގިގެން އައިސް އޭނާ ކިޔައިދިން ވާހަކަތައް އަޑުއެހުމަށްފަހު ކުރަންހުރި ސުވާލުތައް ކުރަންފެށީމެވެ. ވަރަށް ބޮރުން އަދި އެހައިމެ ލަދުން އިނދެވެސް އޭނާ ދިން ޖަވާބުތަކުން އެނގުނީ ކައިވެނިކުރީންސުރެ ދެމަފިރިން އައީ ލިވާޠުކުރަމުން ކަމެވެ. އަދި އެއްދާންކުރުމުގައި އިތުރު މީހުންވެސް ބައިވެރިކުރާކަމެވެ. އެކަންކަމަށް އެއްބަސްވީ ފިރިމީހާދެކެ ލޯބިވާތީ އެކަމަށް އެއްބަސްނުވާނަމަ ވަރިކުރާނެކަން އެނގޭތީކަމެވެ.  

ކޮންމެއަކަސް އެވާހަކަތައް އަޑުއަހާފައި ބުނީމެވެ! "ދައްކަންހުރި ވާހަކަ ވަރަށް ގިނައެވެ. ނަމަވެސް ތިބާ މިޙާލަތުގައި ހުއްޓައެއް ނޫނެވެ. އިހަށް ފުރަތަމަ ކަމަކަށްވެސް ތައުބާވެ ޥިހާގިނައިން އަސްތަޣްފާރުކުރަން ފަށާށެވެ! ރޭއަޅުކަންކޮށް ދުޢާކުރަން ފަށާށެވެ! ﷲ ތަޢާލާގެ ރަޙްމަތަށް މާޔޫސްނުވެ މިކަންކަމުގައި ކުރިއަށްދާށެވެ! މަދުވެގެން 40 ވަރަކަށް ދުވަހު މިގޮތަށް ކަންކަންކޮށްފައި ވީގޮތެއް ބުނެލަން އަންނާށެވެ!  

އޭނާ އެނބުރި އައީ ދެމަސްކޮށްފައެވެ. ބުނީ ކުރިމަތިވި ކަންކަމަށް ވަރަށް ބޮޑުތަނުން ލުއިލިބިއްޖެކަމަށާއި ދިރިއުޅެން ހިތްވަރުލިބި މިހާރުހުރީ ހިތްހަމަޖެހިގެން ކަމަށެވެ. ދެން އޭނާ ސުވާލުކުރީ ދެވަނަ ކައިވެންޏެއް ކުރުމާއިމެދުގައެވެ. އަހުރެން ބުނީ ޞިއްޙީ ގޮތުން މައްސަލައެއް ނެތްނަމަ ނުވަތަ ތިބާހުރި ޙާލުގައި ތިބާ ބަލައިގަންނާނެ މީހަކާއި ބައްދަލުވެއްޖެނަމަ ކައިވެނިކުރުން އަވަސްކުރުމަށެވެ. ކޮންމެއަކަސް މިހާރު އޭނާއަކީ ކައިވެނިކޮށްގެން އުފަލުގައި ދިރިއުޅެމުން އަންނަ އަންހެނެކެވެ.  

އަހުރެންގެ ނަޞީހަތަކީ އެއްވެސް ދެމަފިރިއަކު މިބާވަތުގެ އެއްވެސް ކަމެއް ނުކުރުމެވެ. ކައިވެނިކުރިނަމަވެސް ކުރުން ޙަރާމް ކުރައްވަވާފައިވާ އެއްވެސް ކަމެއް ނުކުރުމެވެ. އެފަދަ ކަމެއް ކުރަން ބައިވެރިޔާ މަޖުބޫރުކުރވާނަމަ ކިތަންމެ ބޮޑަށް ލޯބިވިޔަސް އަވަހަށް އެމީހަކާއި ވަކިވުމެވެ. ﷲ ތަޢާލާގެ ލޯބިވެވޮޑިގަތުން ގެއްލިއްޖެނަމަ ކުރިމަތިވާނެ ކަންކަން ގިނަވީމައެވެ. ކުރިމަތިވާނެ މުޞީބާތްތައް މާބޮޑުވާނެތީއެވެ.

- އިސްލާމީ ތިލަފަތުގެ ދަރުސަކުން  

ތިރީގައިވާ ލިޔުންވެސް ވިދާޅުވެލައްވާށެވެ!  

އަނބިންގެ ކިބައިން އުފާވެރިކަން ހޯދަން ޖެހޭނެއެވެ. އަދި އަނބިންވެސް ފިރިންގެ ކިބައިން އުފާވެރިކަން ހޯދަން ޖެހޭނެއެވެ. ކައިވެނީގެ ބޭނުމަކީވެސް އެއީއެވެ. ނަމަވެސްއުފާ ލިބިގަންނަން ޖެހޭނީ ﷲ ތަޢާލާ ހުއްދަ ކުރެއްވެވި އިންތަކުގެ ތެރެއިންނެވެ. އަނބިންގެ ކިބައިންވެސް އަދި ފިރިންގެ ކިބައިން ނަމަވެސް ﷲ ތަޢާލާ ހުއްދަ ކުރެއްވެވި އިމުން ބޭރުން އެއްވެސް އުފަލެއް ހޯދުން ހުއްދަވެގެނެއް ނުވެއެވެ. އަދި އެއިރުން އެކަން ބަދަލުވާނީ ހުއްދަ ނުކުރައްވަވާ ކަމަކަށް އަރައިގަތުން ކަމަށެވެ.  

ފުރަތަމަ ކަމަކީ އަނބިމީހާގެ ފުރަގަސްފަރާތުން ބޭނުން ކުރުމެވެ. އެއީ ކަނޑައެޅިގެން ހަރާމް ކަމެކެވެ. ދެވަނައަށް ޙައިޟުގެ ދުވަސްވަރުގަ އާއި ނިފާސްކަމުގެ ދުވަސްވަރު އަންހެން މީހާގެ ގުނަވަން ބޭނުން ކުރުން ހުއްދައެއް ނޫނެވެ. އެކަން ނުކޮށް ލޯބިން ބީހިލައި އުޅުމަކީ ހުއްދަ ކަމެކެވެ. 

ހަމަ އެއާއިއެކު ދެމީހުންގެ ގުޅުން ހިންގާ ވަގުތު އަނިޔާއަކަށްވެދާނެ ގޮތަށް ހަރުކަށިކަމާއެކު އަމަލުކުރުމާއި ހަޑިހުތުރު ބަސްތައް ބޭނުންކުރުންވެސް ހުއްދަވެގެނެއް ނުވެއެވެ. އިސްލާމް ދީނަކީ އޯގާތެރިކަމުގެ ދީނެވެ. ބަސްމަގު ރިވެތިކުރުމުގެ ދީނެވެ. ކޮންމެ ކަމެއްގައިވެސް ރިވެތި އަޚްލާޤީ މިންގަނޑުތަކުގައި ހިފެހެއްޓުމުގެ ދީނެވެ.  

މިބާވަތުގެ ކަންކަން ޢާންމުވެގެން މިއުޅެނީ ބެލުން ހުއްދަނޫން ފިލްމްތައް ބެލުން ފަދަ ކަންކަން ކުރާތީއެވެ. އެފަދަ ކަންކަން ކުރާތަން ފެންނަން ފެށުމުން އެއީ ހުއްދަ ކަންކަން ކަމުގައި ޤަބޫލުކުރެވޭގޮތްވާތީއެވެ. އެއްވެސް ކަމެއްގައި ހައިވާނުންގެ ދަރަޖައަސް ވެއްޓުމަކީ މުސްލިމުންނަށް ހުއްދަވެގެންވާ ކަމެއް ނޫނެވެ.  

މިވާހަކަތައް ދައްކަން މިޖެހެނީ މިކަންކަމާއި ގުޅިގެން ގިނަ ބައަކު ސުވާލުކުރަން ބޭނުންވާތީއެވެ. ބޭނުންވި ނަމަވެސް ސުވާލުކުރަން ލަދުގަންނާތީއެވެ. ދީނީ ޢިލްމުވެރިއަކާއި ސުވާލުކުރަން ލަދު ގަންނާތީ ދެން ބަލަނީ އިންޓަރނެޓެވެ. އެއިރުން ލިބޭނީ އިސްލާމް ދީނުގައި ކަންކަން އޮތް ގޮތުގެ މައުލޫމާތެއް ނޫނެވެ. ވީމާ ކޮންމެވެސް ގޮތަކަށް މިކަންކަމުގެ ވާހަކަތައް ކިޔައިދޭން އެބަ ޖެހެއެވެ. މިހާރަކަށް އައިސް ކައިވެނިކުރެވުމުން އެއީ ދެމަފިރިން ކުރަން ބޭނުންހައި ކަންކަން ކުރުން ހުއްދަވުން ކަމަށް މާނަކުރާތީއެވެ. ނަމަވެސް އެއީ އެކަން އޮތްގޮތެއް ނޫނެވެ. ﷲ ތަޢާލާ ހުއްދަ ދެއްވަވަނީ އިންތަކެއްގެ ތެރެއިންނެވެ. އެއިންތައް ޤުރްއާނާއި ސުންނަތުން އެނގެން އެބައޮތެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން 

 

މިއަދު އޮންލައިން