ހިތްތިރިކުރަން އެންމެ ބޮޑަށް މަސައްކަތްކުރަންވީ ވަޤުތު-!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 42ސ
ހިތްތިރިކުރަން އެންމެ ބޮޑަށް މަސައްކަތްކުރަންވީ ވަޤުތު-!

ތިމާއަށް ﷲ ތަޢާލާ ނިޢުމަތެއް ދެއްވެވުމުން ތިމާއަށް މިހުރެވެނީ މާމަތީގައި ކަމަށް ވިސްނޭނަމަ އެކަންވާނީ މީހަކަށް ލިބޭނެ އެންމެ ނުބައި ވިސްނުމަށެވެ. އެމީހާގެ ހަލާކަށެވެ. އެމީހަކު ދެރަވެ ނިކަމެތިވެގެންދާނެ އެންމެ ބޮޑު ސަބަބުވެސް ކަމަށެވެ.  

ވީމާ ﷲ ތަޢާލާ އެއްވެސް މީހަކަށް މަތިވެރިކަމެއް ދެއްވަވައިފިނަމަ ފުރަތަމަކަމަށްވެސް ﷲ ތަޢާލާއަށް ޝުކުރުވެރިވާށެވެ. ކިޔަމަންތެރިކަން އަދާކުރުން އިތުރުކުރާށެވެ. އަޅުކަންކުރުން ގިނަކުރާށެވެ. ހަމައެއާއިއެކު ތިމާ ފަދައިން ﷲ ތަޢާލާ އުފައްދަވާފައިވާ އެންމެހައި މީސްތަކުންނަށް ލޯބިވެ އިޙްތިރާމްކުރާށެވެ. ޤަދަރުކުރާށެވެ! 

ޙަޤީޤަތަށް ބަލައިފިނަމަ އަހުރެމެންގެ ތެރެއިން އެންމެ ބޮޑު މަތިވެރިކަމެއް ލިބިފައިވާ މީހުން ކަމަށް ޤަބޫލުކުރެވޭ މީހުންނަށްވެސް ލިބިފައިވަނީ ކޮން މަތިވެރިކަމެއް ހެއްޔެވެ؟ ދުނިޔޭގެ އެންމެ މަތީ ވެރިންގެ ހުރި ހަމައެކަކަށްވެސް ނޫނީ އެންމެ ބޮޑެތި ބިލިއަނަރުންގެ ތެރެއިން ހިމެނޭ އެންމެ މީހަކަށްވެސް އޭނާގެ ފާފަތައް ފުއްސަވައިދެއްވަވާފައިވާކަން ﷲ ތަޢާލާ އަންގަވާފައިވަނީހެއްޔެވެ؟ ނޫނީ ސުވަރުގެ ވައްދަވާނެކަން އަންގަވާފައިވަނީ ހެއްޔެވެ؟ 

އެންމެހައި އިންށާނުންގެ ތެރެއިން އެންމެ މަތިވެރިކުރެއްވެވީ އަހުރެމެންގެ ލޮބުވެތި ނަބިއްޔާ މުޙައްމަދު ޞައްލަﷲ ޢަލައިހިވަސައްލަމައެވެ. އިތުރު އެކަލޭގެފާނުި ޢަމަލުފުޅު ކުރެއްވެވި ގޮތަށް ބަލާށެވެ. އެންމެ ބޮޑަށް އޯގާތެރިވެވަޑައިގަތީވެސް ކަމޭ ހިއްތެވީވެސް އެންމެ ނިކަމެތި މީހުންނަށް ނޫނެހެއްޔެވެ؟ އިތުރުއެކަލޭގެފާނާއި ދިމާއަށް އެންމެ ހަޑިހުތުރުކޮށް އެއްޗެތި ގޮވައި އެންމެ ބޮޑަށް އަނިޔާވެރިވި މީހުންނާއިމެދު ކަންކަން ކުރެއްވެވި އޯގާތެރި ގޮތާއިމެދު ވިސްނައިލާށެވެ! 

ﷲ ތަޢާލާ ތިބާއަށް ރަޙަމަތް އިތުރުކުރައްވަވާވަރަކަށް ހިތްތިރިކުރާށެވެ! އެހެންމީހުންނަށް ކަމޭހިތައި އޯގާތެރިވެ އެހީތެރިވާ މިންވަރު މަތިކުރާށެވެ. ﷲ ތަޢާލާ އާއި ކުއްތަންވުމަސް ކުރަންޖެހޭ ކަންކަން ކުރުން ގިނަކުރާށެވެ! ސުންނަތުގައި އޮތީ އެގޮތެވެ. 

ޚުލާޞާއަކީ ހިތްތިރިކުރަން އެންމެ ބޮޑަށް މަސައްކަތްކުރަންވީ ވަޤުތަކީ ތިމާއަށް ﷲ ތަޢާލާ މަތިވެރިކަމެއް ދެއްވަވާ ވަޤުތެވެ! އެވަޤުތުގައި އެކަން ނުކުރެވިއްޖެނަމަ ފަހުން ކުރަންޖެހޭނެ ހިތާމަ މާބޮޑުވާނެއެވެ!

 

- މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން