ތިބާ އެދޭ މީހަކާއި ކައިވެނި ނުކުރެވި ލަސްވިޔަސް އޭނާ ދެއްވެވުން އެދި ދުޢާވެސް ނުކުރާށެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 42ސ
ތިބާ އެދޭ މީހަކާއި ކައިވެނި ނުކުރެވި ލަސްވިޔަސް އޭނާ ދެއްވެވުން އެދި ދުޢާވެސް ނުކުރާށެވެ!

މިރޭގެ މިބައްދަލުވުމުގައި ގިނަ އަދަދެއްގެ ޒުވާނުން ތިބުމުން ދަރުސަށް ފެށުމުގެ ކުރިން ނަޞީޙަތުގެ ބަހެއް ބުނެލާނަމެވެ. އެއީ ލޯބިވެވިގެން ތިއައުޅޭ މީހަކާ ކައިވެނިކުރެވުން ލަސްވިޔަސް ސީދާ އޭނާއާއި ކައިވެނިކުރެވުން އެދިގެން ދުޢާނުކުރާށެވެ. މިބުނެދޭ މަގުން ދުޢާކުރާށެވެ! ސަބަބުތައް ބައިވަރެވެ. 

ރަނގަޅަށް ވިސްނާށެވެ! ކައިވެނިކޮށް އެތައް އަހަރެއްވަންދެން އެއް އެނދެއްގައި ނިދައި ހޭލާއިރުވެސް މިއުޅެނީ ބައިވެރިޔާ ދަސްނުވެގެންނެވެ. އިރުއިރުކޮޅުން ގޮތަކަށް ބަދަލުވާތީއެވެ،. އެއްދުވަހު ލޯބިވެފައި އަނެއް ދުވަހު ލޯބިނުވާތީއެވެ. އެއް ދުވަހު ރުހޭ ކަންކަމަށް އަނެއް ދުވަހު ނުރުހޭތީ ރުހޭނެ ގޮތަކަށް ކަންކަންކޮށްދޭން ނުއެނގިގެންނެވެ.  

އެހެންކަމަށްވާއިރު އިއްޔެ ބައްދަލުވި ލޯބިވެރިޔާގެ ކަންކަން ދެނެގަންނާނީ ކިހިނަކުންހެއްޔެވެ؟ އެއީ ކޮންގޮތަކަށް ކުރެވޭނެ ކަމެއް ހެއްޔެވެ؟  

ބުނަން މިއުޅޭ ވާހަކައަކީ ތިބާ އެދޭ މީހަކާއި ކައިވެނި ނުކުރެވި ލަސްވާތީ ކަންބޮޑުނުވާށެވެ. އޭނާ ދެއްވެވުން އެދި ދުޢާވެސް ނުކުރާށެވެ. ބައިވެރިއަކަށް މީހަކު ދެއްވެވުން އެދި ދުޢާކުރަންވާނީ ވަކި މީހަކު ކަނޑައަޅައިގެނެއް ނޫނެވެ. ތިމާ އާއި ކައިވެނިކޮށް، އެކުގައި ލޯބިން ދިރިއުޅެ ތިމާ ގޮވައިގެން ސުވަރުގެދާން މަސައްކަތްކުރާނެ ބައިވެރިއަކު ދެއްވެވުން އެދިގެންނެވެ.  

އެގޮތަށް ދުޢާކުރިނަމަވެސް ތިބާގެ ހިތް ﷲ ތަޢާލާ ދެނެވޮޑިގެންވެއެވެ. ތިބާ މީހަކު ދެކެ ލޯބިވާކަންވެސް ﷲ ތަޢާލާ ދެނެވޮޑިގެންވެއެވެ. ވީމާ އެމީހަކީ ތިބާއަށް ރަނގަޅުވާނެ، ހެޔޮކޮށް ކަންކަން ކުރާނެ، ލޯބިން އެކުގައި ދިރިއުޅޭނެ ދިރިއުޅޭނެ މީހަކު ކަމުގައިވާނަމަ ހަމަ އެމީހާ ތިބާއަށް ދެއްވަވާނެތެވެ. އިން ޝާ ﷲ  

ދެން ބުނެލަން އޮތީ ދުޢާކުރުމަސްފަހު ޢިޖާބަކުރެއްވެވުން ލަސްވިނަމަވެސް ކަންބޮޑުނުވާށެވެ. ތިބާ ކައިވެނިކުރަން އެންމެ ރަނގަޅު ވަޤުތު ދެނެވޮޑިގެންވަނީވެސް ﷲ ތަޢާލާއެވެ. ވީމާ ދުޢާ ޢިޖާބަ ކުރެއްވެވުން ލަސްވާނަމަ އެއީވެސް ލައްވަވާ ރަޙްމަތެއްކަމުގައި ބަލައިގަނެގެން ކެތްތެރިވެލާށެވެ. ތިމާއަށް އެންމެ ފައިދާހުރި، އަދި އެންމެ ރަނގަޅު ވަޤުތުގައި ތިމާއަށް ހިންމަވައި ދެއްވަވާނެކަމުގެ ޔަޤީންކަމުގައި ހުންނާށެވެ. އެފަދަ މީހަކަށް ވެވިއްޖެނަމަ ﷲ ތަޢާލާގެ ރަޙްމަތް އަބަދުވެސް ދާނީ ލިބެމުންނެވެ. އިން ޝާ ﷲ

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން