އުކުނޑިކޮށްޓާނަމަ އެނގުން މުހިންމު ކަންކަމާ ކުރެވިދާނެ ފަރުވާ-

ކިޔުމަށް ހޭދަވާނީ 2މ 24ސ
އުކުނޑިކޮށްޓާނަމަ އެނގުން މުހިންމު ކަންކަމާ ކުރެވިދާނެ ފަރުވާ-

ޢަލީ އިހްޞާން ފިރާޤް

 

މިކިޔުމަކީވެސް ޞިއްޙީ ގޮތުން ކުރިމަތިވާ ކަންކަމަށް ކިޔުންތެރިން ހޭލުންތެރިކުރުވަން މިއަދުނޫހުން ކުރަމުން ގެންދާ މަސައްކަތްތަކުގެ ތެރެއިން ގެނެސްދޭ ލިޔުމެކެވެ. ވިދާޅުވެލެއްވުމުން ފައިދާކުރާނެއެވެ. އިން ޝާ ﷲ 

މެޔާއި ބަނޑަކީ އިންސާނާގެ ހަށިގަނޑުގެ މުހިންމު ގުނަވަންތަކެއް ހުންނަ ދެ ސަރަހައްދެވެ. މޭގެ ސަރަހައްދުގައި ހުންނަ އެންމެ މުހިންމު ދެ ގުނަވަނަކީ ހިތާއި ފުއްޕާމެއެވެ. ބަނޑުގެ ސަރަހައްދުގައި ކިޑްނީއާއި، މައިދާ، ކުޑަގޮހޮރު، ބޮޑުގޮހޮރު، ފުރަމޭ ފަދަ މުހިންމު ގުނަވަންތައް ހުރެއެވެ. މެޔާއި ބަނޑުގެ ސަރަހައްދު ވަކިކޮށްދެނީ [ޑައިފްރަމް] އިންނެވެ. ޑައިފްރަމްއަކީ ނޭވާލުމުގައި މުހިންމު ދައުރެއް އަދާކުރާ މަސްގަނޑެކެވެ. 

އުކުނޑި ކޮއްޓުމުގެ މައްސަލަ ގުޅިފައިވަނީ މިދެންނެވި ޑައިފްރަމް އާއެވެ. އުކުނޑި ކޮއްޓަން މެދުވެރިވާ ސަބަބަކީ، ކުއްލިއަކަށް މިދެންނެވި މަސްގަނޑު ހަރުވުމެވެ. ނުވަތަ ކޮންޓްރެކްޓްވުމެވެ. ކުއްލިއަކަށް ޑައިފްރަމް މަސްގަނޑު ހަރުވެއްޖެނަމަ އޭގެ ސަބަބުން އަޑުފޮށިވެސް ކުއްލިއަކަށް ބަންދުވެއެވެ. އޭގެ ސަބަބުން ކޮއްޓާއިރު ނުކުންނަ [ހިކް] އަޑު އަނގައިން ބޭރުވެއެވެ. 

އުކުނޑި ކޮއްޓުމަށް މަގުފަހި ކުރުވާނެ ބައެއް ސަބަބުތައް ހުރެއެވެ. އޭގެ ތެރޭގައި ކާބަނޭޓްކޮށްފަ ހުންނަ ދިޔާ ތަކެތި ބުއިމާއި، މާގިނައިން ރާ ބުއިމާއި، މާގިނައިން ބަނޑުފުރާ ކެއުމާއި، މާބޮޑަށް އެކްސައިޓްވުން ނުވަތަ ސްޓެރެސްގެ ސަބަބުންނާއި، ފިނިހޫނު މިނަށް އަންނަ ކުއްލި ބަދަލެއްގެ ސަބަބުންނާއި، ޗުވިންގަމް ކާއިރު ނުވަތަ ދުންފަތުގެ އިސްތިއުމާލު ކުރާއިރު ވައި ދިރުވުން ހިމެނެއެވެ. 

އުކުނޑި ކޮއްޓުން 48 ގަޑިއިރަށްވުރެ ދިގުވާން މެދުވެރިވާ ސަބަބުތަކުގެ ތެރޭގައި ނާރަކަށް ގެއްލުންވުމާއި، ސެންޓްރަލް ނާވަސް ސިސްޓަމްގެ މައްސަލައެއް އުޅުމާއި، މެޓަބޮލިކް މައްސަލައެއް އުޅުން ހިމެނެއެވެ. މަސްތުވާ ތަކެތީގެ ސަބަބުންނާއި ނުވަތަ ބޭނުން ކުރެވޭ ބޭހެއްގެ ސަބަބުންވެސް އުކުނޑި ކޮއްޓުން 48 ގަޑިއިރަށްވުރެ ދިގު ދެމިގެން ހިނގައިދާނެއެވެ. 

ނާރުތަކުގެ ތެރެއިން ވޭގުސް (vagus nerves) ނާރު އަދި ފްރެނިކް ނާރު (phrenic nerves) އަށް ގެއްލުން ލިބިއްޖެނަމަ އުކުނޑި ކޮއްޓާނެއެވެ. މިދެ ނާރަކީ ޑައިފްރަމްއާ ގުޅިފައިވާ ދެ ނާރެވެ. 

އުކުނޑި ކޮއްޓުމަކީ ގިނަ ފަހަރު ކޮންމެހެން ފަރުވާއެއް ނުދިން ކަމުގައި ވިޔަސް އޭގެ ޒާތުގައި ކުޑައިރުކޮޅެއްގެ ތެރޭގައި ރަނގަޅުވާ ކަމެކެވެ. ނަމަވެސް ދިގު ދެމިގެންދާނަމަ، އެތެރެއަށް ފުންނޭވާއެއް ދަމާލައިފައި، ކުޑަވަގުތުކޮޅެއް ވަންދެން މަޑުކުރުމަށްފަހު، މަޑުމަޑުން ނޭވާ ބޭރަށްލަމުން ގެންދާށެވެ.  ހަމައެހެންމެ ފެންބޯއިރު އާންމުކޮށް ފެންބޯގޮތަށް ނުބޮއެ، ކުޑަކޮށް ގުދުވެ، އިސްދަށަށް ޖަހައިލައިގެން ހުރެ ފެން ބުއިމުންވެސް އުކުނޑި ކޮއްޓުން ރަނގަޅުވާނެ ކަމަށް ސިއްހީ މާހިރުން އިރްޝާދު ދެއްވައެވެ.

މިއަދު އޮންލައިން