ބައިވެރިޔާގެ ރީތިކަން ފުރިހަމަވާނީ ހަމައެކަނި ސިފައަކުން ނޫން! މުހިންމީ ފުރިހަމަވާންޖެހޭ އިތުރު ޝަރުޠު!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 34ސ
ބައިވެރިޔާގެ ރީތިކަން ފުރިހަމަވާނީ ހަމައެކަނި ސިފައަކުން ނޫން! މުހިންމީ ފުރިހަމަވާންޖެހޭ އިތުރު ޝަރުޠު!

ލޯބިވާ މީހާ ނުލިބިގެން ކަންބޮޑުވާ މީހުންގެ ގާތުގައި އޭނާ ދެކެ އެހައި ބޮޑަށް ލޯބިވަނީ ކީއްވެގެންތޯ ސުވާލުކުރުމުން ގިނަ ބައަކު ބުނަނީ އޭނާ ހަމަ ރީތީ ކަމަށެވެ. އެފަދަ މީހުންނަށް އަހުރެން ވިސްނައިދެނީ މިމަގުންނެވެ. މިވާހަކަ މިރޭވެސް ތަކުރާރުކޮށްމިލަނީ މިއީ ޒަވާޖީޙަޔާތާއި ވަރަށް ބޮޑަށް ގުޅުންހުރި މައްސަލައަކަށްވާތީއެވެ.  

ވަރަށް ގިނަ ބައަކަށް އެންމެ ރީތި މަލަކީ ފިނިފެންމަލެވެ. ފިނިފެންމާ އެހައި ގިނަ ބައަކަށް ރީތިވާ ސަބަބަކީ ހަމައެކަނި މަލުގެ ރީތިކަމެއް ނޫނެވެ. މަލުން ދުވާ ވަސްވެސް މީރުކަމެވެ. ވީމާ ފިނިފެންމަލުގެ ރީތިކަން ގުޅިފައި މިވަނީ ރީތިކަން އަދި ވަހާއިއެވެ.  

ޙަޔާތަށް ބައިވެރިއަކު ހޯދުމުގައިވެސް މިއީ ބަލަންޖެހޭ ކަމެކެވެ. ހަމައެކަނި ސިފަ ރީތިވުމަކުން ނުފުދޭނެއެވެ. ޢަމަލުތައްވެސް ރީތިވާންޖެހޭނެއެވެ. ޢަމަލުތައް ރީތިވާނީ ރިވެތި އަޚްލާޤާއި ތަޤްވާވެރިކަން އެމީހެއްގެ ކިބައިގައި ހުރެގެންނެނެވެ.  

ހެޔޮލަފާ ތަޤްވާވެރިއަކާއި ކައިވެނިކުރަން ފުރުޞަތު ލިބިއްޖެނަމަ އެކަން އޭނާގެ ސިފައަށް ބަލައި ދޫކޮށްނުލަންވީ އެ ސަބަބަށްޓަކައެވެ. އަދިކީއްހެއްޔެވެ؟ ބައިވެރިއަކަށް ސިފަހުތުރު ޟީހަކު ލިބިއްޖެނަމަވެސް އުފަލުގައި ދިރިއުޅެވިދާނެއެވެ. އެހެނަސް ކިތަންމެ ސިފަ ރީތި ނަމަވެސް ރިވެތި އަޚްލާޤީ ސިފަތަކާއި ތަޤްވާވެރިކަން ނެތް މީހަކާއި ގުޅިގެން އުފަލުގައި ދިރިއުޅުމަކީ އެއްވެސް މީހަކަށް ކުރެވޭނެ ކަމެއް ނޫނެވެ. އެފަދަ މީހަކާއި ކައިވެނިކޮށްގެން ލިބޭނެ އުފާވެރިކަމެއްވެސް ނުއޮންނާނެއެވެ.  

އިސްލާމް ދީނުގައި ކައިވެނިކުރާއިރު އަޚްލާޤަށާއި ތަޤްވާވެރިކަމަށް ބަލަން އެހައި ބޮޑު އިސްކަމެއް ދެވިފައިވަނީ މިބަޔާންކުރި ސަބަބުތަކަށްޓަކައެވެ. ރަސޫލް ކަމަކަށް ޙަދީޘްފުޅު ކުރައްވަވާނީ އެކަމަކުން މީސްތަކުންނަށް ފައިދާކުރާނެތީއެވެ. އަދި އެއީ އެންމެ ފައިދާހުރި ގޮތް ކަމުގައި ވާނެތީއެވެ!  

ބައިވެރިޔާގެ ސިފަ ކިތަންމެ ހުތުރުނަމަވެސް ވަރަށް އުފަލުގައި ދިރިއުޅޭ ދެމަފިރިން ވަރަށް ގިނައިން ބައްދަލުވެއެވެ. ނަމަވެސް ބައިވެރިޔާގެ އަޚްލާޤް ނުބައިވެފައި ތަޤްވާވެރިކަން ނެތިއްޖެ ނަމަ އުފަލުގައި ދިރިއުޅެވޭ ދެމަފިރިއަކު ފެނިފައެއް ނުވެއެވެ!

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން