މީހަކަށް ޙަމަލާދީ ބޮޑެތި އަނިޔާތައް ނުކުރާނަމަ ގިނަ ބައަކަށް ޤަބޫލުކުރެވިފައި އޮންނަނީ އެމީހަކީ އެއްވެސް މީހަކަށް އަނިޔާއެއް ނުކުރާ މީހެއްކަމަށެވެ. އެހެންކަމުން ތިމާ އެބައެއްގެ ކިބައިން މާފަށް އެދެންޖެހޭނެ ހަމައެކަކުވެސް ނުހުންނާނެ ކަމަށެވެ. ނަމަވެސް އެއީ ރަނގަޅު ވިސްނުމެއް ނޫނެވެ.
ސަބަބަކީ ތިމާއަށް ބުނެވޭ ބަހަކުން މީހަކަށް ދެރައެއް ނުވަތަ ގެއްލުމެއް ލިބިފައިވާނަމަ އެދެވުނީވެސް އަނިޔާއެކެވެ. މީހަކަށް ލިބެން އޮތް ރަނގަޅަކަށް ތިމާގެ ސަބަބުން ހުރަސް އެޅިފައިވާނަމަ އެދެވުނީވެސް އަނިޔާއެކެވެ. މީހަކަށް ރަނގަޅު ނޫން ނަޞީޙަތެއް ދެވުނަސް އެދެވުނީވެސް ހަމަ އަނިޔާއެކެވެ. އަދި މީހެއްގެ ހިތުގައި ޖެހޭ ފަދަ ބަހެއް ބުނެވުނަސް އެދެވުނީ ހަމަ އަނިޔާއެކެވެ. އަދި އެއީ ކުޑަކަމެއްކަމަށް ހީވެސް ނުކުރާށެވެ. އެކަން ހިމެނޭނީ އެންމެ ބޮޑެތި އަނިޔާގެ ތެރޭގައެވެ.
ވީމާ އަހުރެން ބުނާނީ މިދުޢާއަކީ ކޮންމެ މީހަކުވެސް ގިނަގިނައިން ކުރަންޖެހޭ ދުޢާއެއްކަމަށެވެ. ސަބަބަކީ މިބަޔާންކުރި ފަދަ ޤަޞްދުގައި ނޫންނަމަވެސް ނުކުރެވޭ މީހަކު ވަރަށް މަދުވާނެއެވެ. މީހަކަށް ތިމާގެ ފަރާތުން އެއްވެސް ވަރެއްގެ އަނިޔާއެއް ކުރެވިފައިވާނަމަ އޮތީ މާފަށް އެދުމާއިއެކު އެމީހަކަށްޓަކައި ހެޔޮދުޢާކުރުމެވެ. އެމީހަކަށް ފާފަފުއްސަވައި ރަޙްމަތް ލެއްވެވުން އެދިގން ދުޢާކުރުމެވެ. އެއިރުން ޤިޔާމަތް ދުވަހު އަނެކާއަށް ދޭންޖެހޭ ބަދަލުން ސަލާމަތްވެވުމުގެ ފުރުޞަތު ބޮޑުވެގެންދާނެއެވެ. އިން ޝާ ﷲ
ޔާ ﷲ! މިއަލާގެ ކިބައިން އަނިޔާ ލިބިފައިވާ މީހުންގެ ކިބައިން މާފަށް އެދުމަށާއި މިއަޅާއަށް އަނިޔާކޮށް ގެއްލުންދޭ މީހުންނަށް މާފުކުރުމުގެ ހިތްވަރު މިއަޅާއަށް ދެއްވަވާނދޭވެ! އަދި މިއަޅާގެ ކިބައިން ކިތަންމެ ކުޑަ ނަމަވެސް އަނިޔާއެއް ލިބިފައިވާ އެންމެންގެ ފާފަ ފުއްސަވައި އެއެންމެންނަށް ރަޙްމަތް ލައްވަވާނދޭވެ! އާމީން
- އިސްލާމީ ތިލަަފތުގެ ދަރުސަކުން