ދުނިޔޭގަ އެންމެ ކާމިޔާބު މީހުންނަކީ ލޮލަށް ފެންނަ ކަންކަމުން ޢިބްރަތް ލިބިގަނެ ދިރިއުޅުން ހަރުދަނާކުރަން މަސައްކަތްކުރާ މީހުން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 50ސ
ދުނިޔޭގަ އެންމެ ކާމިޔާބު މީހުންނަކީ ލޮލަށް ފެންނަ ކަންކަމުން ޢިބްރަތް ލިބިގަނެ ދިރިއުޅުން ހަރުދަނާކުރަން މަސައްކަތްކުރާ މީހުން!

ބުނަންހެއްޔެވެ؟ ދިރިއުޅެންކުރާ މަސައްކަތްވެސް އަދި ޒަވާޖީ ޙަޔާތްވެސް ފޭލްވާ އެންމެ ބޮޑޫ ސަބަބަކީ ތިމާގެ ލޮލަށް ފެންނަ ކަންކަމުން ޢިބްރަތް ޙާޞިލުނުކުރެވުމެވެ. ކިޔެވި ފޮތުގައި ލިޔެވިފައި އޮތްގޮތަށް ހުރިހާ ކަމެއްވެސް ހިނގާނެ ކަމަށް ޤަބޫލުކުރެވޭކަމެވެ.  

ފޮތުގައި ލިޔެވިފައި ހުންނަ ތިއަރީތައް އަބަދުވެސް ދާނީ ބަދަލުވަމުންނެވެ. އެކަން ޤަބޫލުކުރާ މީހާ ފޮތުން ދަސްވި ކަންކަމާއި އެއްވަރަށް ތިމާގެ ލޮލަށް ފެންނަ ކަންކަމަށްވެސް ސަމާލުކަންދޭނެއެވެ.  

ބައެއް ބޭކަލުން ޙަދީޘް ޢިލްމް އުނގެނިވަޑައިގަންނަވަން 10، 12 އަހަރު ޢިލްމުވެރިންގެ ގާތުގައި ހޭދަކުރެއްވެވުމަށްފަހުގައިވެސް އެންމެ ޙަދީޘްފުޅެއް ހާމަނުކުރައްވަވައި އެބަ ތިއްބެވިއެވެ. އެއިގެ ތެރެއިން ޢިލްމަށް އަރައި ހުންނެވި ބޭކަލަކު ވިދާޅުވެފައިވެއެވެ.  

"12 އަހަރު ހޭދަކުރެވުނުއިރު އިމާމް ބަޔާންކުރެއްވެވި އެންމެ ޙަދީޘްފުޅެއްވެސް ނޯޓް ނުކުރައްވަވަމެވެ. ނަމަވެސް އިމާމް ކުރެއްވެވި ކަންކަމާއި އެކިއެކި ކަންކަމާއި ގުޅިގެން ވިދާޅުވި ބަސްފުޅުތަކާއި ޢަމަލުކުރެއްވެވި ގޮތް ވަރަށް ރަނގަޅަށް ހިތުގައި ނޯޓްކުރެއްވީމެވެ."  

މިފަދަ މޭރުމުން ޢަމަލުކުރެއްވެވި އެތައް ބައިވަރު ބޭކަލުން އެބަތިއްބެވިއެވެ. އަދި އެބޭކަލުން ވެވަޑައިގެންފައިވަނީ އެންމެ ބޮޑެތި ޢިލްމުވެރިންނަށެވެ. އިސްލާމީ އުންމަތަށް ނުހައި ގިނަ ފައިދާތައް ހޯއްދަވައި ދެއްވި ބޭކަލުންނަށެވެ.  

ފާހަގަކޮށްލަން ބޭނުންވާ ކަމަކީ ކޮންމެ މީހަކަށް ފޮތުގެ ޢިލަމުވެރިއަކަށް ނުވެވިދާނެއެވެ. އަދު މުޖުތަމައުއަށް ބޭނުންވަނީވެސް ހަމައެކަނި ފޮތުގެ ޢިލްމުވެރިންނެއް ނޫނެވެ. ފޮތުގެ ޢިލްމުވެރިންފަދައިން ޙިލްމުވެރިންވެސް ވެސް ބޭނުންވެއެވެ. ހެޔޮ ގޮތުގައި ކަންކަން ކުރާ މީހުންނާއި ހެޔޮ ގޮތުގައި ކަންކަން ކުރަން ދަސްކޮށްދޭ މީހުންވެސް ބޭނުންވެއެވެ.  

ފޮތުގެ ޢިލްމްވެރިން އަދާކުރާ ވަޒީފާގައި ކިޔާ ނަން ރީތިވެދާނެއެވެ. ނަމަވެސް ރަނގަޅު ބޮޑު މުސާރަ ލިބޭނީ ޙިލްމްވެރިންނަށެވެ. މަސައްކަތްތެރިންނަށެވެ. ވީމާ ބުނެލަން ބޭނުންވަނީ ހަމައެކަނި ފޮތުން ޢިލްމް އުނގެނުމަކުން ނުފުދޭނެއެވެ. ކަންކަމުގައި އަމަލުކުރާނެ ގޮތްވެސް އެބަ ދަސްކުރަންޖެހެއެވެ. ދިރިއުޅުމުގެ ހުރިހާ މަރުޙަލާތަކެއްގައިވެސް ޢިލްމް ފަދައިން ޙިލްމްވެސް ބޭނުންވެއެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

މިއަދު އޮންލައިން