ކޮންމެ ސަބަބަކާއިހުރެ ނަމަވެސް އެންޒައިޓީގެ ވާހަކަ ދެކެވޭއިރަށް ގިނަ ބައަކަށް ފުރަތަމަވެސް ވިސްނައިލެވޭނީ ތިމާއަށް މިހުރެވެނީ ސަލާމަތުންކަމާއިމެދުގައެވެ. އެހައިވެސް ބޮޑު އަދި ޢާންމުވެފައިވާ ކަމަކަށް އެކަންތައް ވެއްޖެއެވެ. އެހެންވެ ބަލައިލަން މަސައްކަތް މިކުރަނީ ގިނަ ބައަކަށް މިކަން ކުރިމަތިވާ ސަބަބަށެވެ.
ގިނަބައަކަށް ހީކުރެވެނީ ސިކުނޑިއަށް ޖެހޭ އެންމެ ބޮޑު ބައްޔަކީ ޓިޔުމަރެއް އުފެދުން، ނާރުތައް ބްލޮކްވެ ލޭ ނުހިނގުން، ނުވަތަ ލޭ ގިނަވުން، ލޭ ލީކްވުން ފަދަ ކަމެއްގެ ސަބަބުން ޖެހޭ ބަލިތައް ކަމަށެވެ. ނަމަވެސް އެގޮތަށް ޤަބޫލުކުރެވޭކަށް ނެތެވެ.
ދުނިޔޭގައި އެންމެ ބޮޑަށް މިހާރު ފެތުރިފައިވާ ސިކުނޑިއަށް ޖެހޭ ބަލި ފެންނާނެ އެއްވެސް ސީޓީ ސްކޭނެއް، ނުވަތަ އެމްއާރުއައިއެއް އަދި މިހައިތަނަށް އުފެއްދިފައެއް ނެތެވެ.
ސިކުނޑިއަށް ޖެހޭނެ އެންމެ ބޮޑު ބައްޔަކީ އެހެން މީހުންނާއިމެދު ވިސްނުމެވެ. އެހެން މީހުން ކުރާ ކަންކަމަށް އަޅައިގަތުމެވެ. އެހެން މީހުންނަށް ލިބޭ ނިޢްމަތްތަކަށް ހަސަދަވެރިވުމެވެ.
މިބަލި ޖެހޭ މީހުންނަށް ދޭނެ ފަރުވާ ޑޮކްޓަރުންނަކަށް ނުއެނގޭނެއެވެ. އެބަލީގެ އޮތް ހަމައެކަނި ފަރުވާއަކީ ﷲ ތައާލާ އާއިމެދު ވިސްނުން ގިނަ ކުރުމެވެ. ތިމާ ވިސްނައި ކަންބޮޑުވާންވީ ކަންކަން އޮޅުންފިލުވައި އެނޫން އެއްވެސް ކަމަކަށް ކަންބޮޑު ނުވުމެވެ. އެހެން މީހުންނަށް ދެއްވަވާ ނިޢުމަތްތަކަށް ނުވިސްނުމެވެ.
މިއީ އަހަރެންގެ އަމިއްލަ ބަހެއް ނޫނެވެ. މުސްލިމުންގެ ދެވަނަ ޚަލީފާ ޢުމަރު (ރޢ) ވިދާޅުވެފައިވާ ކަމަށް ބުނެވޭ ބަސްފުޅެކެވެ.
އެއްވެސް މީހަކީ އެހެން މީހެއްގެ އެއްވެސް ޒިންމާއެއް ޤިޔާމަތް ދުވަހު އުފުލަން ޖެހޭނެ މީހެއް ނޫނެވެ! އެމީހާގެ ބެލެނިވެރިކަމުގެދަށުގައިވާ ބައެއް މެނުވީއެވެ. ވީއިރު މީހަކު ކޮންމެ ކަމެއް ކުރިނަމަވެސް އެކަމަކާއިމެދު ކަންބޮޑުވެގެން އުޅޭކަށް ނުޖެހެއެވެ. ނަމަވެސް މީހަކު ފާފައަކަށް އަރައިގަތުން ފަދަ ކަމެއް ކުރަނިކޮށް ފެނިއްޖެ ނަމަ އެކަން ނުކުރުން އެދި ނަޞޭޙަތްތެރިވާން ވާނެއެވެ. އެއީ ކޮންމެ މުސްލިމަކުވެސް ކުރަންޖެހޭނެ ކަމެކެވެ. އަދި އެފަދަ ކަމެއް މީހަކު ކުރަން އުޅޭކަން އެނގުނު ނަމަވެސް އެމީހަކަށް ނަޞޭހަތެރިވެ އެމީހަކު އެކަމުން ސަލާމަތްކުރަން މަސައްކަތްކުރަންވާނެއެވެ."
މިފަދަ ޙާލަތެއްގައި މެނުވީ އެއްވެސް އެހެން މީހެއްގެ ކަންކަމާއި ނުބެހޭށެވެ! އެކަން ވާނީ ތިމާގެ ސިކުނޑިއަށް ޖެހޭ އެންމެ ބޮޑު ބައްޔަށެވެ!
މީގެ ތެރެއަކު އިސްލާމް ދީން ދިފާޢުކޮށް ދީނަށް ނަޞްރުދިނުމަށް ކުރަންޖެހޭ ކަންކަމެއް ނުހިމެނެއެވެ. އެފަދަ ޢަމަލުތައް ހިންގާ މީހުން އެކުރަނީ އެމީހުންގެ އަމިއްލަ ކަމެއް ނޫނެވެ. އެހެނީ ދީނަކީ މުޅި އުންމަތުގެ ޙައްޤެކެވެ. މުޅި އުންމަތުގެ ޙައްޤަކަށް އަރައިގެންފިނަމަ ޙިމާޔަތުގައި ބުނަންޖެހޭ ބަސްބުނުމަކީ އެހެން މީހުން ކުރާ ކަންކަމަށް ބެހުމެއް ނޫނެވެ. އެކަންކުރުމަކީ ކޮންމެ މުސްލިމެއްގެ މައްޗަށްވެސް އޮތް ވަރަށް ބޮޑު ވާޖިބެކެވެ. އެ ވާޖިބު އަދާކުރަން ހަމަ އެކަކުވެސް ފަސްނުޖެހޭށެވެ!
އަހުރެން މިދެއްކި ވާހަކަ އެންޒައިޓީ އާއި ގުޅުވީތީ ސުވާލު އުފައްދާނެ މީހުންނަށް ބުނެލަން އޮތީ ގޮތްބަލަންވެސް ތިމައާއި ނުބެހޭ ކަންކަމާއިމެދު ވިސްނުން ނިކަން ހުއްޓައިލަބަލާށެ. ހަމައެއާއިއެކު ތިމާއަށް ކުރިމަތިވެފައިވާ މައްސަލައަކީ ﷲ ތަޢާލާ ތިމާއަށް ކުރިމަތިކުރެއްވެވި ޙާލަތެއްކަމަށް ޤަބޫލުކޮށް އެކަމަށްވެސް އެހައި ބޮޑަށް ކަންބޮޑުނުވެބަލާށެވެ! އެންޒައިޓީއެވެ މިކިޔަ ތަންތަކުން ކުރާ އަސަރު ބޮޑުތަނުން ކުޑަވެގެންދާނެއެވެ. އިން ޝާ ﷲ
ގިނަ ބައަކަށް ކަންކަްނ މެދުވެރިވާ ގޮތަކީ ތިމާ ބެހެން ނުޖެހޭ ކަންކަމަށް ވިސްނަމުންގޮސް ސިކުނޑި ފުރާލައި ސިކުނޑި ވަރުބަލިކޮށްލުވަނީއެވެ. އެޙާލަތުގައި ހުއްޓައި ތިމާއަށް ކިތަންމެ ކުޑަކަމެއް ކުރިމަތިވިނަމަވެސް ވިސްނައިލުމުގެ ބާރުވެސް ގެއްލެނީއެވެ.
އަހުރެން މިބުނި ގޮތަށް ކަންކަން ކުރާކަށް އެއްވެސް ޚަރަދެއްވެސް ކުރާކަށް ނުޖެހޭނެއެވެ. ސައިދް އިފެކްޓެއްވެސް ކުރިމައްޗެއް ނުވާނެއެވެ. ވީމާ ޢަމަލުކުރަން ޖެހިލުންވާންވީ އެއްވެސް ސަބަބެއް ނެތެވެ. ވީމާ އަހުރެން ބުނީތީވެސް ނިކަން މިކަން ތަޖުރިބާކޮށްލައިބަލާށެވެ! ތަފާތު ފެންނާނެއެވެ. އިން ޝާ ﷲ
- އިސްލާމީ ތިލަފަތުގެ ދަރުސަކުން