ފާފަތަކުގެ ތެރެއިން ސަލާމަތްވާން އެންމެ ފަސޭހަވާނީ ތިމާ އާއި ﷲ ތަޢާލާ އާއި ދެމެދު ކުރެވިފައިވާ ފާފަތަކެވެ. ތައުބާވެ ހެޔޮ އަމަލުތައް ކުރުމުން އެފަދަ ފާފަތައް ﷲ ތަޢާލާ ފުއްސަވައި ދެއްވަވާނެތެވެ. އެކަމުގެ ޔަޤީންކަންވެސް ﷲ ތަޢާލާ ވަނީ ދެއްވަވައިފައެވެ.
ކަން އޮތީ މިފަދައިން ނަމަވެސް ޤިޔާމަތް ދުވަހު ސަލާމަތް ވެވޭނީ ކިހިނަކުން ހެއްޔެވެ؟ މީސްތަކުން މިއަދު އެންމެ ބިރު ނުގަންނަނީ، އެންމެ ގިނައިން ކުރަނީ ޤިޔާމަތް ދުވަހު ފުއްސަވައި ނުދެއްވަވައި ﷲ ތަޢާލާ ފަހަތްޕުޅަށް ޖެހިވޮޑިގަންނަވާނެ ފާފަތަކެވެ. ހިތަށް ބިރުވެތިކަމެއް ވަދޭތޯ ބެލުމަށް މިކަމާއިމެދު ނިކަން ވިސްނައިލަމާ ހެއްޔެވެ؟
އެންމެ ބޮޑަށް ކަންބޮޑުވާންޖެހޭ ދަރަޖައިގެ ފާފަތަކަކީ އެންމެ ބިރުހުރި ފާފަތަކެވެ. އެއީ މީސްތަކުންގެ ޙައްޤުތަކަށް އަރައިގަތުމުގެ ފާފައެވެ. އެއްވެސް މީހެއްގެ ޙައްޤަކަށް އަރައިގަނެވިއްޖެނަމަ އެމީހެއްގެ ކިބައިން މާފު ހޯދަން ޖެހެނީ އެހެންވެގެންނެވެ. ޤިޔާމަތް ދުވަހު އެމީހަކަށް ދޭން ޖެހޭ ބަދަލު ދީގެން ނޫނީ ފާފައިން ސަލާމަތް ނުވެވޭނެތީއެވެ.
ބިރުވެތިވާށެވެ. މީހެއްގެ ލޭ އޮހޮރާފައިވާނަމަ، މީހެއްގެ ފައިސާއަށް ޚިޔާނާތްތެރިވެފައިވާނަމަ، ދަރަނި އަދާނުކޮށް އޮތްނަމަ، މީހެއްގެ އަބުރަށް އަރައިގަނެވިފައިވާނަމަ، ޙައްޤު ނޫން އިލްޒާމެއް އަންހެނެއްގެ ކިބައިގައި އަޅުވާފައިވާނަމަ ނުވަތަ އެނޫންވެސް ގޮތަކަށް މީހެއްގެ ޙައްޤަކަށް އަރައިގަނެވިފައިވާނަމަ އެކަމަށްއިންޞާފުޤާއިމުކުރެވޭނެއެވެ. ޙައްޤު ބަދަލު ދޭން ޖެހޭނެއެވެ.
އެއްވެސް މީހަކަށްއެއްވެސް ޙައްޤެއް އަދާކުރަން ޖެހިފައިވާނަމަ ޤިޔާމަތް ދުވަހު އެކަމަށް ބަދަލު ހިފުމުގެ ހުރިހާ ބާރެއް އޮންނާނީ ބަދަލު ލިބެންޖެހޭ މީހާގެ އަތްމަތީގައެވެ. ވީމާ އެމީހުން އެދުވަހު އެވަނީ ބާރު ލިބިގެންވާ ބައަކަށެވެ. އެއްވެސް މީހެއްގެ ޙައްޤަކަށް އަރައިގަނެވިފައިވާނަމަ އެކަމަށް ބަދަލު ހިފުމުގެ ހުރިހާ އިޚްތިޔާރެއް ﷲ ތަޢާލާ، އަނިޔާ ލިބުނު މީހާގެ މައްޗަށް ދޫކޮށް ލައްވަވާނެތެވެ.
މީހުންގެ ޙައްޤުތަކަށް އަރައިގަތުމުގެ މައްސަލަތަކުގައި އެމީހަކަށް ޢަފޫ ނުކުރައްވަވައި ﷲ ތައާލާ ޖެހިވޮޑިގަންނަވަނީ ފަހަތަށެވެ. ކުރިއަށް ނެރުއްވަވަނީ ޙައްޤު ލިބެންޖެހޭ މީހާއެވެ! "ރަޙްމާންވަންތަ ރަޙީމްވަންތަ ﷲ ތަޢާލާ މިގޮތަށް ކަންތައްތައް ކުރައްވަވާނެއިރު އެފަދަ މީހަކަށް ޤިޔާމަތް ދުވަހު މާފުކުރާނީ ކާކުހެއްޔެވެ؟
މީހެއްގެ ލޭ ނުއޮހޮރައި އިސްލާމް ދީނުގައި ސާބިތުވެ ހުރިމީހާއަށް ސަލާމަތްވެވިދާނެ ކަމަށާއި ނަމަވެސް ނަމަވެސް މީހެއްގެ ލޭ އޮހޮރައިފި މީހާ އެ ފުންމައިލަނީ ބޮޑުވެގެންވާ މައްސަލައެއްގެ ތެރެއަށް ކަމަށް ބަޔާންވެގެންވަނީ މި ސަބަބަށްޓަކައެވެ. މިމޭރުމުން ރަސޫލް (ޞޢވ) ޙަދީޘްފުޅު ކުރައްވަވާފައި އެވަނީ މިކަމުގެ މުހިންމުކަން ބޮޑުކަމުންނެވެ. ލޭ އޮހޮރުވުން އޮތް ބަސްފުޅުގެ މާނައިގައި އެހެން މީހެއްގެ ކޮންމެ ޙައްޤަކަށް އަރައިގަތުންވެސް ހިމެނެއެވެ.
ހިތާމައަކީ މިއަދު އެންމެ ގިނައިން ކުރާ ފާފައަކީ ކޮންމެވެސް މީހެއްގެ ޙައްޤަކަށް ކޮންމެވެސް ސިފައެއްގައި އަރައިގަތުން ކަމަށްވެފައި އޮތުމެވެ. ވީއިރު ޤިޔާމަތް ދުވަހު އެފަދަ މީހުންގެ ޙާލަކީ ކޮބައިހެއްޔެވެ؟ ވީމާ ފަށަމުން ބުނިފަދައިން މިކަންކަމަށް އިތުރަށް ވިސްނައި އަމަލުކޮށްގެން ނޫނީ ޤިޔާމަތް ދުވަހު ސަލާމަތުގެ އައްސޭރި ނުހޯދިދާނެ ކަމަށް ބިރުވެތިވާށެވެ.
ނިކަން ވިސްނައިލަބަލާށެވެ! ﷲ ތަޢާލާއަށް ކުރެވޭ ފާފަތަކަށް ތައުބާވުމުން ފާފަ ފުއްސަވައި ދެއްވަވާނެ ކަމަށާއި ނަމަވެސް މީހެއްގެ ޙައްޤަކަށް އަރައިފިނަމަ، މީހަކަށް އަނިޔާކޮށްފިނަމަ، މީހަކަށް ގެއްލުން ދީފިނަމަ އެމީހާއަށް ޢަފޫ ކުރެއްވެވުމަކީ ތިމަން ﷲގެ ޙައްޤުފުޅެއް ނޫން ކަމަށް ﷲ ތަޢާލާ ބަޔާންކުރައްވަވާފައި އޮތުމުން އެކަމުގެ ހުރި ބިރުވެރިކަމާއި ނުރައްކައުތެރިކަމުގެ ބޮޑުކަން އެނގިގެން ނުދޭ ހެއްޔެވެ؟
- ޝައިޚް ޢަލީ ހައްމުދާގެ ދަރުސަކުން