އަންހެނަކަށް ނަމަވެސް ފިރިހެނަކަށް ނަމަވެސް އޭނާގެ ސިފަ ރީތިކަން ދެއްވަވައިފިނަމަ ޝުކުރުވެރިވާންޖެހޭނެއެވެ. ޝުކުރުވެރިވުމަކީ އެ ނިޢްމަތުގެ ބޭނުން އެންމެ ހެޔޮގޮތުގައި ހިފުމެވެ. އެއީ ﷲ ތަޢާލާ އަންގަވާފައިވާ ގޮތުގައި ޙަޔާތުގެ ކަންކަން ބައްޓަންކުރުމެވެ. އެގޮތުގައި އަމަލުތައް ބެހެއްޓުމެވެ.
ޚާއްޞަކޮށް އަންހެނުން މިކަމަށް ވަރަށް ބޮޑަށް ސަމާލުކަން ދޭންވާނެއެވެ. އެހެނީ އެކަމަށް ސަމާލުކަން ނުދިނުމުން މުޖުތަމައުން ބާކީވެ އެކަމުން ލިބޭ ގެއްލުން ފޫބެއްދުމަކީ އަންހެނުންނަށް ފަސޭހަކަމަކަށް ނުވާތީއެވެ.
މީސްތަކުންގެ ޝިކާރައަށްވާ ރިތި އަންހެނުން، އެމީހުންގެ ޒުވާން އުމުރު ނުރަނގަޅު ގޮތުގައި ނަގައިލުމަށްފަހު ޒަވާޖީ ހަޔާތަކަށް ފަށަން މަސައްކަތްކުރުމުން ހަޔާތުގެ ބައިވެރިއަކަށް ރަނގަޅު ފިރިހެނަކު ލިބުން ގިނަ ފަހަރު އޮންނަނީ ވަރަށް ނާދިރު ކަމަކަށްވެފައެވެ. އެހެނީ މުޖުތަމައު އެ އަންހެނަކު ބަލައިގަތުމަށް ފަސްޖެހޭތީއެވެ. އިތުބާރުވެސް ނުކުރާތީއެވެ. މިއީ ވަރަށް ގިނަ އަންހެނުންނަށް ތަޖުރިބާކުރަންޖެހޭ ވަރަށް ނިކަމެތި ޙާލަތެކެވެ.
މިކަމުގައި މޮރޮއްކޯގެ ޒުވާން 2 އަންހެނަކު ކުރި ތަޖުރިބާއެއް މިތަނުގައި ހިއްޞާކޮށްލާނަމެވެ. 2 އަންހެނުންނަކީވެސް ވަރަށް ރީތި 2 އަންހެނުންނެވެ. މުޅި އަވަށުގައި ތިބި އެންމެ ރީތި އަންހެނުންގެ ތެރޭގައި ހިމެނޭ 2 އަންހެނުންނެވެ.
އެކަކު ވެގެންދިއައީ ތަނަވަސް ފިރިހެނުންގެ ޝިކާރައަކަށެވެ. ނަތީޖާއަކަށްވެގެންދިއައީ އުމުރުން 30 ވަރަކަށް އަހަރުވީއިރު އޭނާގެ ރީތިކަން ގެއްލިގެންދިއުމެވެ. އުޅެވުނު ގޮތުގެ ނަތީޖާއެއްގެ ގޮތުންނެވެ. އެހިސާބުން އެކަން ވިސްނި ކައިވެނި ކުރަން މަސައްކަތްކުރުމުން އެކަން ކުރުމަކީ ފަސޭހަކަމަކަށް ނުވިއެވެ. އެންމެފަހުން ކައިވެނިކުރަންޖެހުނީ އޭނާއަށްވުރެ އުމުރުން 15 އަހަރު ދޮށީ ފިރިހެނަކާއިއެވެ. އަނބިމީހާ މަރުވެފައި ހުރި 5 ދަރިންގެ ބައްޕައަކާއިއެވެ.
2 ވަނަ އަންހެން މީހާގެ ކައިވެންޏަށް އެދި ގިނަ ބައަކު ހުށަހެޅިއެވެ. ނަމަވެސް އޭނާ ކައިވެނިކުރަން ބޭނުންވީ ތަޤްވާވެރިއަކާއިއެވެ. އޭނާ ކައިވެނިކުރީ ވަރަށް ފަޤީރު އަދި ސިފަވެސް އެހައި ރީތި ނޫން މީހަކާއިއެވެ. އަޖައިބެއް ފަދަ ކަމަކަށް ވެގެންދިއަ އެއް ކަމަކީ ކައިވެންޏަށްފަހު ފިރިމީހާއަށް އިތުރު ރީތިކަން ލިބުމެވެ. އަދި އޭނާ ކުރާ މަސައްކަތުގައި ބަރަކާތް ލައްވަވައި ދެމަފިރިންނަށް ތަނަވަސް ދިރިއުޅުމެއް ލިބިގެން ދިއުމެވެ.
މީސްތަކުންނަށް ﷲ ތައާލާ ނިޢްމަތްތައް މިންވަރުފުޅު ކުރައްވަވަނީ އިމްތިޙާން ކުރެއްވެވުމަށްޓަކައެވެ. އެ އިމްތިޙާނުން ފާސް ނުވެއްޖެ ނަމަ ދިރިއުޅުން ކާމިޔާބެއް ނުކުރެވޭނެއެވެ. އަދި އާޚިރަތްވެސް ކާމިޔާބެއް ނުކުރެވޭނެއެވެ. ވީމާ ތިމާއަށް ދެއްވަވާ އެއްވެސް ނިޢްމަތަކީ އެ ނިޢްމަތެއްގެ ސަބަބުން ނަރަކައަށް ތިމާ އަމިއްލަ ވެއްޓިގަންނަ ކަމަކަށް ނުހަދާށެވެ! އަބަދުވެސް މަސައްކަތްކުރަން ވާނީ ނަރަކައިން ސަލާމަތްވުމަށެވެ!
ﷲ ތަޢާލާ ދެއްވަވާ ނީޢްމަތްތަކުގެ ސަބަބުން އެންމެ ގިނަ ބައަކު ނަރަކައަށް ވަންނަނީ ތަނަވަސްކަން ދެއްވެވުމުންނާއި ރީތިކަން ދެއްވެވުމުންނެވެ. ފަޤީރަކަށް ނަމަވެސް ރީތިކަން ދެއްވަވައިފިނަމަ ގިނައީ މަގުއޮޅިގެންދާ މީހުންނެވެ. ފާހިޝް އަމަލުތައް ހިންގަން ބޭނުންވެގެން ދަމައިލާ ދަންތުރައިގެ ދަލުގައި ޖެހެނީއެވެ. ޖަހާ މަޅިފަތީގައި ބެދެނީއެވެ.
ﷲ ތަޢާލާ ދެއްވަވާ ނިޢްމަތްތަކުގެ ސަބަބުން ނަރަކައަށް ވަންނަ މީހުންގެ އަދަދު ދުވަހެއް ދުވަހަކަށް ގިނަވަމުންދާއިރު މިއީ ކޮންމެ މީހަކުވެސް ވިސްނައިލުން ވަރަށް މުހިންމު ކަމެކެވެ.
ގިނަ ބައަކަށް ތަނަވަސްކަމާއި ރީތިކަން ދެއްވެވުމުން އެއީ ކުރު މުއްދަތަކަށް ދެއްވަވާ އެއްޗެއްކަން ހަނދާނަކު ނުހުރެއެވެ. ހީވަނީ އެއީ ތިމާގެ އަމިއްލަ މިލްކެއް ކަމަށެވެ. ތިމާ ދުނިޔޭގައި ހުރިހާ ދުވަހަކު އެނިޢްމަތްތައް ތިމާ އާއިއެކު ދެމިހުންނާނެ ކަމަށެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން