މިދިޔަ މަހު 960 ޕާސްޕޯޓު އިމިގްރޭޝަންގެ އަތޮޅުތަކުގެ އޮފީސްތަކުން ދޫކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 16ސ
މިދިޔަ މަހު 960 ޕާސްޕޯޓު އިމިގްރޭޝަންގެ އަތޮޅުތަކުގެ އޮފީސްތަކުން ދޫކޮށްފި

މޯލްޑިވްސް އިމިގްރޭޝަނުން އާންމުކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިދިޔަ ސެޕްޓެމްބަރު މަހު އެ އިދާރާގެ އަތޮޅުތަކުގެ އޮފީސްތަކުން 960 ޕާސްޕޯޓު ދޫކޮށްފައިވެއެވެ. އަދި މުޅި ރާއްޖެއިން މިދިޔަ މަހު ޖުމްލަ 3،884 ޕާސްޕޯޓު ދޫކޮށްފައިވާއިރު، 3،897 އެޕްލިކޭޝަން ވަނީ ޕްރޮސެސްކޮށްފައެވެ.

ގްރޭޓަރ މާލެ ސަރަހައްދުން އެންމެ ގިނަ ޕާސްޕޯޓު ދޫކޮށްފައިވަނީ މާލެއިންނެވެ. އެގޮތުން މާލެއިން 2،115 ޕާސްޕޯޓު ދޫކޮށްފައިވާއިރު، ހުޅުމާލެ ފުރަތަމަ ފިޔަވަހިން 386 ޕާސްޕޯޓާއި، ދެވަނަ ފިޔަވަހިން 367 ޕާސްޕޯޓު ދޫކޮށްފައިވެއެވެ. އަދި ވިލިމާލެއިން 36 ޕާސްޕޯޓު ދޫކޮށްފައިވެއެވެ.

އަތޮޅުތަކުގެ އޮފީސްތަކުން އެންމެ ގިނަ ޕާސްޕޯޓު ދޫކޮށްފައިވަނީ ސ. މަރަދޫއިންނެވެ. އެގޮތުން މަރަދޫއިން 146 ޕާސްޕޯޓު ދޫކޮށްފައިވާއިރު، ހދ. ކުޅުދުއްފުށި ސިޓީން 144 ޕާސްޕޯޓާއި، ލ. ފޮނަދޫއިން 122 ޕާސްޕޯޓު ދޫކޮށްފައިވެއެވެ. މީގެ އިތުރުން ގދ. ތިނަދޫ ސިޓީން 111 ޕާސްޕޯޓާއި، ރ. އުނގޫފާރުން 100 ޕާސްޕޯޓު ދޫކޮށްފައިވެއެވެ.

އަތޮޅުތަކުގެ އެހެނިހެން އޮފީސްތަކުގެ ތެރޭގައި ހއ. ދިއްދޫއިން 70 ޕާސްޕޯޓާއި، ޏ. ފުވައްމުލަކު ސިޓީން 65 ޕާސްޕޯޓު ދޫކޮށްފައިވެއެވެ. އަދި ށ. ފުނަދޫއިން 57 ޕާސްޕޯޓާއި، ދ. ކުޑަހުވަދޫއިން 47 ޕާސްޕޯޓު ދޫކޮށްފައިވެއެވެ.

މީގެ އިތުރުން މެލޭޝިޔާގެ ކުއަލަލަންޕޫރުގައި ހުންނަ އިމިގްރޭޝަން އޮފީހުން 20 ޕާސްޕޯޓު ދޫކޮށްފައިވާކަމަށް އިމިގްރޭޝަނުން ބުނެއެވެ. އަދި މިދިޔަ މަހު 25 ޕާސްޕޯޓެއް ގެއްލިގެން ރިޕޯޓުކޮށްފައިވާކަމަށްވެސް އިމިގްރޭޝަނުން މަޢުލޫމާތު ދީފައިވެއެވެ.

މިއަދު އޮންލައިން