ބަންކަރިން ޚިދުމަތުން 192 މިލިޔަން ރުފިޔާ ލިބިއްޖެ

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 5ސ
ބަންކަރިން ޚިދުމަތުން 192 މިލިޔަން ރުފިޔާ ލިބިއްޖެ

ރާއްޖޭގައި ފެށި ބަންކަރިން ޚިދުމަތުން މިހާތަނަށް 192 މިލިޔަން ރުފިޔާއަށްވުރެ ގިނަ ރުފިޔާގެ އާމްދަނީ ލިބިފައިވާކަމަށް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުހައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގައި މެންބަރުންގެ ސުވާލުތަކަށް ޖަވާބު ދެއްވަމުން ވަޒީރު ވިދާޅުވީ، އެސްޓީއޯ މެދުވެރިކޮށް ދެމުންގެންދާ މި ޚިދުމަތުން މިހާތަނަށް 192،149،939 ރުފިޔާގެ އާމްދަނީ ލިބިފައިވާ ކަމަށެވެ. އަދި މި މުއްދަތުގައި ޓެކުހުގެ ގޮތުގައި 17،360،589.10 ރުފިޔާ ދައުލަތަށް ދައްކާފައިވާ ކަމަށްވެސް ވަޒީރު ފާހަގަކުރެއްވިއެވެ.

ވަޒީރު ސަޢީދު ވިދާޅުވި ގޮތުގައި ބަންކަރިން ޚިދުމަތުން ލިބުނު އާމްދަނީގެ 83 ޕަސެންޓަކީ ލޯ ސަލްފަރ ފިއުލް އިން ލިބުނު އާމްދަނީއެވެ. މިއީ ރާއްޖެއަށް މީގެ ކުރިން އެތެރެކޮށް ބަންކަރކޮށްފައިނުވާ ބާވަތެއްގެ ތެލެކެވެ.

މިދިޔަ އަހަރުގެ ސެޕްޓެންބަރު މަހުން ފެށިގެން ދެމުންގެންދާ މި ޚިދުމަތަކީ ބައިނަލްއަޤްވާމީ ގޮތުން މި ދާއިރާގައި ތަޖުރިބާ ލިބިފައިވާ ވިޓޯލް ކުންފުންޏާ ގުޅިގެން އެސްޓީއޯއިން ފަށާފައިވާ ޚިދުމަތެކެވެ. މި ޚިދުމަތް ދިނުމަށް ޚާއްސަ ބޯޓެއް ބޭނުންކުރެވެއެވެ.

ބަންކަރިން ޚިދުމަތަކީ ރާއްޖޭގެ އިޤްތިޞާދު ސިންދަފާތުކޮށް، ދައުލަތަށް ލިބޭ އާމްދަނީ އިތުރުކުރުމަށް ސަރުކާރުން ފަށާފައިވާ މުހިންމު މަޝްރޫޢުތަކުގެ ތެރެއިން މަޝްރޫޢެކެވެ.

މިއަދު އޮންލައިން