10 ރަށެއްގައި ހިންގާ ކުޅިވަރުގެ 11 މަޝްރޫޢެއްގެ އެއްބަސްވުމުގައި ސޮއިކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 20ސ
10 ރަށެއްގައި ހިންގާ ކުޅިވަރުގެ 11 މަޝްރޫޢެއްގެ އެއްބަސްވުމުގައި ސޮއިކޮށްފި

އެމްޓީސީސީ އާއި މިނިސްޓްރީ އޮފް ސްޕޯޓްސް، ފިޓްނަސް އެންޑް ރެކްރިއޭޝަން އާ ދެމެދު 10 ރަށެއްގައި ހިންގާ ކުޅިވަރުގެ 11 މަޝްރޫޢުގެ އެއްބަސްވުމުގައި މިއަދު ސޮއިކޮށްފިއެވެ.

މި އެއްބަސްވުމުގައި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޖަމްޝީދެވެ. އަދި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޑެޕިއުޓީ މިނިސްޓަރުން މުޙައްމަދު ފައްޔާޟް، ޙުސައިން ނިހާދު އަދި އަސްލަމް ރަހާއެވެ.

މި މަޝްރޫޢުތަކުގެ ދަށުން ލ. ފޮނަދޫގައި ފުޓްސަލް ދަނޑެއް އެޅުމާއި، ލ. ހިތަދޫ އަދި ލ. މާވަހުގައި އައުޓްޑޯ ވޮލީ ކޯޓު އެޅުމުގެ މަސައްކަތް ހިމެނެއެވެ. މީގެ އިތުރުން ހއ. ވަށަފަރުގައިވެސް އައުޓްޑޯ ވޮލީ ކޯޓެއް ގާއިމުކުރެވޭނެއެވެ.

އަދި މި މަޝްރޫޢުތަކުގެ ދަށުން ކ. އަތޮޅުގެ 6 ރަށެއްގައި ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރު ތަރައްޤީކުރެވޭނެއެވެ. މިގޮތުން ކ. މާފުށި، ކ. ދިއްފުށި، ކ. ގުޅި، ކ. ތުލުސްދޫ، ކ. ހިންމަފުށި އަދި ކ. ހުރާގައި މި ސެންޓަރުތައް ގާއިމުކުރެވޭނެއެވެ. އަދި ލ. މާވަހުގައިވެސް ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރެއް ތަރައްޤީކުރެވޭނެއެވެ.

މި އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގައި ކ. ހުރާ ދާއިރާގެ އިއްޒަތްތެރި މެންބަރު އަނާރާ ނަޢީމް ބައިވެރިވެ ވަޑައިގެންނެވިއެވެ. މި މަޝްރޫޢުތަކުގެ ސަބަބުން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ކުޅިވަރުގެ ވަސީލަތްތައް އިތުރުވެ، ޒުވާނުންނަށް ކުޅިވަރުކުޅުމުގެ ފުރުސަތުތައް ފަހިވެގެންދާނެކަމަށް ބެލެވެއެވެ.

މިއަދު އޮންލައިން