ވަޒީފާގަ މައްޗަށްދާނީވެސް ވިޔަފާރީގަ ލިބޭ ފައިދާ ބޮޑުވާނީވެސް ޖަމާޢަތުގެ ނަމާދުތަކަށް ސަމާލުކަންދީގެން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 59ސ
ވަޒީފާގަ މައްޗަށްދާނީވެސް ވިޔަފާރީގަ ލިބޭ ފައިދާ ބޮޑުވާނީވެސް ޖަމާޢަތުގެ ނަމާދުތަކަށް ސަމާލުކަންދީގެން!

ވަޒީފާއެއްގައި އުޅުނު ނަމަވެސް ނުއުޅުނު ނަމަވެސް ދުނިޔެއިން ލިބިދާނެ ފައިދާއެއް ގެއްލިދާނެ ކަމުގެ ދަހިވެތިކަމުގައި ބަންގިއަށް އިޖާބަ ނުދޭ އެންމެން ވެސް މިއާޔަތަށް ބިރުވެތިވުން ހުއްޓެވެ.

"އެދުވަހަކުން އެއްވެސް ނަފްސަކަށް އެއްވެސް ނަފްސެއްގެ ކިބައިން އެއްވެސް ކަމެއް ފުއްދައިނުދެވޭނޭ އަދި އެކެއްގެ ކިބައިން ފިދުޔައެއް  އެއްވެސް ނުހިއްޕަވާނޭ އަދި (އެއްވެސް ފަރާތެއްގެ) ޝަފާޢަތަކުން އެއްވެސް މީހަކަށް މަންފާއެއް ނުކުރާނޭ އަދި އެއުރެންނަށް (އެއްވެސް ފަރާތަކުން) ނަޞްރެއް ނުލިބޭނޭ ދުވަހަކަށް ތިއަބައިމީހުން ބިރުވެތިވެ ރައްކާތެރިވާށެވެ!" (ބަޤަރާ: 123) 

ވަޒީފާގެ މަސްއޫލިއްޔަތު ބުރަކަމުންނާއި ވެރިމީހާ ހޯއްދަވާއިރު ނުފެނިދާނެތީ ނުވަތަ ވެރިމީހާ ބޭނުންވާއިރަށް ވަގުތުން އިޖާބަ ނުދެވިދާނެ ކަމުގެ ބިރަށް ޖަމާޢަތުގެ ނަމާދަށް ނުދާ މީހުންނާއި ނަމާދު އަޅާ މީހުން ބައިވަރެވެ. މިފަދަ ޘަޤާފަތެއް މުސްލިމުންގެ މެދުގައި އުފެދިފައި މިވަނީ އިސްވެރިންނަށް ބަންގީގެ އަޑު ނުއިވޭތީއެވެ. އިސްވެރިން ޖަމާއަތުގައި ނަމާދު ނުކުރާތީއެވެ. ބަންގި ގޮވުމުން އެމީހަކު ހުރިތަނެއްގައި ހުރެގެންވެސް ނަމާދު ނުކުރާތީއެވެ. 

މީސްތަކުންނޭވެ! ތިއަ ބައިމީހުން ބިރުގަންނަންވީ ވެރިންނަކަށް ނޫނެވެ. އެމީހުންނަށް ވެރިކަން ދެއްވެވި ފަރާތަށެވެ. އަދި ތިއަ ބައިމީހުންނަށް ވަޒީފާ މިންވަރު ކުރެއްވެވި ފަރާތަށެވެ. އެހެނީ ކޮންމެ މީހަކަށް ނަމަވެސް ވަޒީފާ ލިބެނީ ﷲ ތަޢާލާ އެކަމަށް މިންވަރުފުޅު ކުރެއްވެވުމުންނެވެ. މިއީ ކޮންމެ މުސްލިމަކުވެސް ހިތުގެ އެންމެ އަޑިން ޤަބޫލުކުރަން ޖެހޭނެ ކަމެކެވެ.  

ނަމާދުވަގުތު ޖެހުމުން ނުވަތަ ބަންގި ގޮވުމުން އެއީ އިމާމް މީހާ ގޮވާ ގޮވުމެއްގެ އަޑު ކަމަށް ހަމައެކަކުވެސް ޤަބޫލުކޮށްގެން ނުވާނެއެވެ. ބަންގީގައި އިމާމް މީހާ "ނަމާދަށް އަވަހަށް އަންނާށެވެ! ސަލާމަތާއި ނަޞީބު ލިބިގަތުމަށް އަވަހަށް އަންނާށެވެ!" އެގޮވަނީ އޭނާގެ އަމިއްލަ ބަހެއް ނޫނެވެ. އެއީ ﷲ ތަޢާލާގެ އެންގެވުމެވެ. ވީމާ ﷲ ތަޢާލާގެ އެންގެވުމަށް އިޖާބަ ނުދީ ހުރުމަކީ ކިހައިވަރެއްގެ "ދެކޮޅުވެރިކަމެއް"ކަން ހިތަށް ގެނެސް ބިރުވެތިވާށެވެ. 

ޤިޔާމަތް ދުވަހު މަޙްޝަރު މައިދާނުގައި ތިބާ އާއި ސުވާލުކުރެވޭއިރު އެތަނުގައި ތިބާއަށް ހިމާޔަތް ދޭނެ ރައީސުންނެއް އަދި ވެރިންނެއްވެސް ނުތިބޭނެއެވެ. ރައީސަކަށް ނުވަތަ ވެރިއަކަށް ކޮށްދެވޭނެ އެއްވެސް ކަމެއްވެސް ނުއޮންނާނެއެވެ. އެކަން ބަޤަރާ ސޫރަތުގެ 123 ވަނަ އާޔަތުގައި ﷲ ތަޢާލާ ވަނީ ވަޙީކުރައްވަވައި އިންޒާރު ދެއްވަވައިފައެވެ. ސަލާމަތްކަން ހޯދުމާއި ނުހޯދުން ވަނީ މީސްތަކުންގެ އަތްމަތީގައެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

މިއަދު އޮންލައިން