ކޮންމެ ހެޔޮ ޢަމަލެއްވެސް ﷲ ތަޢާލާ ޤަބޫލުފުޅުކުރައްވަވާނީ އިޚްލާޞްތެރިކަމާއިއެކު އެކަން ﷲ ތަޢާލާ ޤަބޫލުފުޅު ކުރައްވަވާނެ ފެންވަރުގައި ކުރުމުންނެވެ. އެގޮތުން ދުޢާކޮށް އަދި ޛިކުރުކުރާއިރު އެ ޢަމަލު ﷲ ތަޢާލާ ޤަބޫލުފުޅު ކުރެއްވެވުން އެދޭ މީހާ ސަމާލުކަންދޭންޖެހޭ ބައެއް ކަންކަން ފާހަގަކޮށްލާނަމެވެ.
1 ތުންފަތް ތަޅުވަންޖެހޭކަން
2 ކުރާ ޢަމަލު /ކިޔާއެއްޗެތި ހިތަށް އަރުވަންޖެހޭކަން
3 ދުޢާކުރާއިއރު ޢިޖާބަކުރައްވަވާނެ ކަމުގެ ފުރިހަމަ ޔަޤީންކަމާއިއެކު ދުޢާކުރުން
މީސްތަކުންނޭވެ! ޛިކުރުކުރުމަކީ ވަގުތަކު ކުރާ ކަމަކަށް ނުހަދާށެވެ! ހުސްވަގުތެއް ލިބިއްޖެނަމަ ޛިކުރުކުރާށެވެ! އެހެނީ ޛިކުރުކުރުންމަތީގައި ދެމިހުރުމަކީ މީހަކަސް ކުރެވޭނެ އެންމެ ހެޔޮ ޢަމަލުތަކުގެ ތެރެއިންވާ ޢަމަލެކެވެ.
ޛިކުރުކުރުމުގެ އެންމެ ބޮޑުފައިދާއަކީ އެމީހާ ﷲ ތަޢާލާގެމަތިން ހަނދުމަކުރުމުން ﷲ ތަޢާލާ އެމީހެއްގެމަތިން ހަނދުމަފުޅުކުރައްވަވާ ކަމެވެ. އެމީހާ ﷲ ތަޢާލާ އަށް ދެންނެވުމުން ﷲ ތަޢާލާ ހަމައެފަދައިން އެމީހަކަށް ﷲ ތަޢާލާ ޢިޖާބަ ދެއްވަވާ ކަމެވެ. ވީމާ ކުރަން މިއަށްވުރެ ފައިދާހުރި ކަމަކީ ކޮބައިހެއްޔެވެ؟ އެމީހެއްގެ މަތިން ﷲ ތަޢަލާ ހަނދުމަފުޅު ކުރައްވަވައި އެމީހާގެ ނަމުން ﷲ ތަޢާލާ ވަޙީކުރެއްވެވުމަށްވުރެ މަތިވެރިކަން ބޮޑުވެގެންވަނީ ކޮންކަމެއް ހެއްޔެވެ؟
ޛިކުރުކުރުމުގެ އެންމެ މަތިވެރި މިންވަރަކީ އެކަނި އިނދެ ﷲ ތަޢާލާގެމަތިން ހަނދުމަކޮށް ލޮލުން އެންމެ ކަރުނަތިއްކެއް ނަމަވެސް ވައްޓައިލެވުމެވެ. ޢަރުޝީގެ ހިޔާވަހިކަން ނޫން އެއްވެސް ހިޔާވަހިކަމެއް ލިބުން ނެތް ޤިޔާމަތް ދުވަހު އެމީހާ ވާހުށީ ޢަރުޝީގެ ހިޔާވަހިކަން ދެއްވަވާނެ މީހުންގެ ތެރެއިންނެވެ.
- ޝައިޚް ޢަބްދުލްމަޖީދު މަޙްމޫދުގެ ދަރުސަކުން