ވަރި ގިނަވަނީއެވެ. ކޮންމެ މީހަކުވެސް ކުށްވެރިކުރަނީ އަނެކާއެވެ. އެހެންވެ އަހުރެންގެ ހިތުގައި އުފެދޭ ސުވާލެކެވެ. އެސުވާލަކީ ތިބާ ޒަވާޖީ ޙަޔާތަކަށްފެށީންސުރެ މިއަދާއިހަމައަށް ކުރި ހުރިހާ ކަމެއްގެ ވީޑިއޯ އެއްވެސް ސެންސަރެއް ނެތި ދެމަފިރިން އެކުގައި ތިބެގެން ބަލައިލަން ކެރޭނީ ކިތަށް ދެމަފިރިންނަށް ހެއްޔެވެ؟
ވަރަށް ކެރިހުރެގެން ބުނަމެވެ. ބޮޑުތަނުން ގިނަވާނީ އެފަދަ ވީޑިއޯއެއް ބަލައިލަންވެސް ނުކެރޭނެ މީހުންނެވެ. ކުރެވިފައިވާ ކުށްތައް ގިނަކަމުން ލަދުން ދުވެ ފިލާނެ މީހުންނެވެ. އެކަން ޙައްލުނުކޮށް ވަރިމަދުކުރެވޭނީ ކިހިނަކުން ހެއްޔެވެ؟
އަހުރެން ބުނަން އޮތީ އެންމެ ވާހަކައެކެވެ. ދެމަފިރިންވެސް އުޅެމުން އަންނަނީ ވަފާތެރިކަންމަތީގައި ކަމަށްވާނަމަ މައްސަލަ ޖެހުން މަދުވާނެއެވެ. އެކަކު ގޯސްވެ ނުބައިވެގެން ކައިވެނި ރޫޅިއްޖެނަމަ އަނިޔާ ލިބުނު މީހާއަށް ލިބޭ ދިރިއުޅުން މާއުފާވެރިވާނެއެވެ. އިން ޝާ ﷲ
ދެން ނިކަން ވިސްނައިލަބަލާށެވެ! ތިބާ ދުނިޔޭގައި ހުރެ ކުޅަ ހުރިހާ ކަންކަމާއިމެދު ޤިޔާމަތް ދުވަހު އެންމެހައި މީސްތަކުންގެ ކުރިމަތީގައި ސުވާލުކުރައްވަވާ ވަޤުތު އަންނާނެކަން އެބައެނގެއެވެ. އެޢަމަލުތައް ތިބާއަށް މާފުރިހަމައަށް ﷲ ތަޢާލާ ދައްކަވާނެތެވެ. ﷲ ތަޢާލާގެ ކުރިފުޅުމަތީގައި ހުއްޓިހުރެ ބަލަން ކެރޭނެ ހެއްޔެވެ؟ ލަދުން މީހާ ހަލާކެއް ނުވާނެ ހެއްޔެވެ؟ ފިލަން ދާނީ ކޮންތަނަކަށް ހެއްޔެވެ؟
މީސްތަކުންނޭވެ! ދުލުން ބުނާ ބަސްތަކާއި ކުރާ ޢަމަލުތަކުގައި ތެދުވެރިވާށެވެ! ﷲ ތަޢާލާގެ ޙަޟްރަތުގެ އިތުރުން އަމިއްލަ ޢާއި މީސްތަކުންގެ ކުރިމަތީގައި ލަދުގަންނަން ޖެހޭނެ ފަދަ އެއްވެސް ޢަމަލެއް ނުކުރާށެވެ! އެއްވެސް މީހަކަށް މަކަރެއް ޙީލަތެއް ނުހަދާށެވެ! ﷲ ތަޢާލާއަށް ނުކިޔަމަންތެރިނުވާށެވެ! ފާފައެއް ނުކޮށް ހުންނަން ގަދައަޅައި މަސައްކަތްކުރާށެވެ!
އެންމެ ކުޑަމިނުން ބައިވެރިޔާއަށް ބޭވަފާތެރިވެސް ނުވާށެވެ! ކޮންމެ ދެމަފިރިއަކަށްވެސް މިކަންކަން ވަރަށް ޚާއްޞަކަމަށް މިބުނަނީ ސަބަބެއް ނެތިއެއް ނޫނެވެ. ތެދުވެރިކަން ނެތިގެންދާތީއެވެ. މަކަރުހެދުމާއި އޮޅުވައިލުން ޢާންމުކަމަކަށް ވެގެންގޮސްފައި އޮތީމައެވެ. ތެދުވެރި ރިވެތި ސުލޫކަސް އިންތިހާއަށް ބޭނުންޖެހިފައި އޮތްވަރުންނެވެ.
ދުނިޔެއާއި އާޚިރަތުގައިވެސް ސަލާމަތްކަމެއް ކިރިޔާވެސް ލިބެން އޮތީ އެއިރުންނެވެ. އިން ޝާ ﷲ
- މަޢުލޫމާތު: ޝައިޚް ޢަލީ ހައްމުދާގެ ދަރުސަކުން