ފިރިމީހާ ބާރުއެޅިޔަސް ފާފަނުކުރަން ޢަޒުމްކަނޑައަޅައި ﷲ ގެ ޙަޟްރަތުން ވާގިއެދޭ މީހަކަށް ރައްކައުތެރިކަން ﷲ ދެއްވަވާނެކަން އެނގިގެންދާ ޙާދިސާއެއްގެ ވާހަކަ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 42ސ
ފިރިމީހާ ބާރުއެޅިޔަސް ފާފަނުކުރަން ޢަޒުމްކަނޑައަޅައި ﷲ ގެ ޙަޟްރަތުން ވާގިއެދޭ މީހަކަށް ރައްކައުތެރިކަން ﷲ ދެއްވަވާނެކަން އެނގިގެންދާ ޙާދިސާއެއްގެ ވާހަކަ-

އެއިރު އަޅުގަނޑުގެ ޢުމުރަކީ 22 އަހަރެވެ. މައިންބަފައިން ވަނީ ނިޔާވެފައެވެ. އެހީތެރިވާނެ އެކަކުވެސް ނެތެވެ. ދިރިއުޅެމުން އައީ ވަރަށް ނިކަމެތި ޙާލުގައެވެ. އެދުވަސްވަރު ރަށުގައި ސަރުކާރުންކުރި ޢިމާރާތެއް އަޅަން އައި ބައެއްގެ ބޮޑު ސަރުދާރު އަޅުގަނޑާއި ކައިވެނިކުރަން ބޭނުންކަމަށް ބުނުމުން ކައިވެނިކުރީމެވެ. އޭނާ ތަންކޮޅެއް ދޮށިވީމާ އެފަދަ މީހަކާއިއެކު އުފާވެރި ދިރިއުޅުމެއް އުޅެވިދާނެ ކަމުގެ އުންމީދުގައެވެ. އަޅުގަނޑަށް ހެޔޮކޮށް ހިތައިގެން ގެންގުޅޭނެ ކަމުގެ އުންމީދުގައެވެ.  

އޭނާގެ ޙަޤީޤަތް އެނގުނީ މަސައްކަތް ނިންމާފައި މާލެ އަންނަމުން އޭނާއާއިއެކު މާލެ ގެނައުމުންނެވެ. އޭނާއަކީ ހެއްދެވިހައި ނުބައި ކަންކަން ކުރާ މީހެކެވެ. އޭނާކުރާ ނުބައި ޢަމަލުތައް އަޅުގަނޑު ލައްވައި ކުރުވަންވެސް ވަރަށް މަސައްކަތް ކުރިއެވެ. އެކަމަކުވެސް އެއްބަހެއް ނުވަމެވެ. ބުނަމުން އައީ މާބޮޑު ޢިލްމެއް ލިބިފައި ނެތްނަމަވެސް ފިރިމީހާއަށް ކިޔަމަންތެރިވާންއޮތީ ﷲ ތަޢާލާއަށް އުރެދުމެއްނުވާ ކަންކަމުގައިކަން އެނގޭ ކަމަށެވެ. އަދި ﷲ ތަޢާލާއަށް ބިރުވެތިވާ ކަމަށެވެ. 

އެކަންކަން ކުރަން އެއްބަސްނުވުމުންނާއި ތިއަކުރާ ފާފަތަކުގެ ސަބަބުން މާތް ﷲ އޭނާއަށް ލަޢްނަތް ލައްވަވައިފާނެ ކަމަށް ބުނަން ފެށުމުން ގަތް ބިރުން ނަމަވެސް އަޅުގަނޑު ވަރިކޮށްލީ ބަނޑަށް 5 މަހުގައެވެ. ވަރިކުރީތީ ދެރައެއް ނުވަމެވެ. ކުރީ އުފަލެވެ. އޭނާގެ ކިބައިން އަޅުގަނޑު ސަލާމަތްކޮށްދެއްވެވުން އެދި އެއިރުވެސް އައީ ދުޢާކުރަމުން ކަމަށްވާތީއެވެ. 

ރަށަށް އައިސް އިނީ ބޮޑުދައިތަ ގާތުގައެވެ. ވިހާ ގަދަވުމުން މިހާރު މިއުޅެނީ ރަށުމީހަކާ ކައިވެނިކޮށްގެންނެވެ. އަތްމަތިވެސް ދަތްޗެއް ނޫނެވެ. ބޭނުންތައްވެސް ފުދެއެވެ. އެންމެ ބޮޑަށް އުފާވާ ކަމަކީ ފިރިމިހާގެ ރަނގަޅު ކަމެވެ. އަޅުގަނޑަށް އަޅައިލައެވެ. ކިތަންމެ ދަންވަރަކު މަހުން އައުދެވުނަސް ނަމާދުތައް ކޮށްގެން ނޫނީ ނުނިދާކަމެވެ. 

އަޅުގަނޑުގެ ޙަޔާތުގައި ކަންކަން ދިމާވިގޮތް މިއަދުނޫހުގެ ކިޔުންތެރިންނަށް ޙިއްޞާމިކުރީ ކިތަންމެ ނިކަމެތި ނަމަވެސް ފުރަތަމަ ކަމަކަށް މާތް ﷲ އަށް ބިރުވެތިވުމުން ކުރާނެ ފައިދާ މާބޮޑުވާނެކަން އަޅުގަނޑަށް ތަޖުރިބާކުރެވިއްޖެކަމަށް ބުނުމަށެވެ. މާތް ﷲ ރުހިވޮޑިނުގަންނަވާނެ ކަންކަމުގައި ބިރުވެތިވާންވީ ފިރިމީހާއަށްވެސް ނޫންކަމަށާއި ﷲ ތަޢާލާއަށް ކަމަށް ބުނުމަށެވެ. 

- މަރީނާ / މިއަދުނޫހުގެ ކިޔުންތެރިއެއް 

- ޢިބްރަތްތެރި ވާހަކަ-

 

 

މިއަދު އޮންލައިން