އެކުވެރިން ކަމަށްވުމަކީ އެމީހުންގެ ޒާތީ ކަންކަމުގެ ވާހަކަ އެހެން މީހުންގެ ގާތުގަ ދެއްކުން ހުއްދަވާ ސަބަބެއް ނޫން! ދައްކާނަމަ ފެތޭނީ ޣީބަ ބުނުމަށް! އެއީ ބޮޑު ޙަރާމް ކަމެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ
އެކުވެރިން ކަމަށްވުމަކީ އެމީހުންގެ ޒާތީ ކަންކަމުގެ ވާހަކަ އެހެން މީހުންގެ ގާތުގަ ދެއްކުން ހުއްދަވާ ސަބަބެއް ނޫން! ދައްކާނަމަ ފެތޭނީ ޣީބަ ބުނުމަށް! އެއީ ބޮޑު ޙަރާމް ކަމެއް!

"މިވެނި މީހަކު އެހެން ބުނެފި، މިވެނިކަމެއް ކޮށްފި، މިވެނި ދެމަފިރިއެއްގެ މެދުގައި މިވެނި ބާވަތުގެ މައްސަލައެއް ޖެހިގެން އެބައުޅޭ!" ފަދަ ވާހަކަތައް ދެއްކުން މިވަނީ ބިރުގަންނަންޖެހޭ މިންވަރަށް ގިނަވެފައެވެ. މިފަދަ ކޮންމެ ވާހަކައެއް ދެއްކިނަމަވެސް ފެތިގެންދާނީ ޣީބަ ބުނުމުގެ ތެރެއަށެވެ. އެއީ ބޮޑުވެގެންވާ ފާފައެކެވެ. ޙަރާމް ކަމެކެވެ.

ރަސޫލް () އަށް މީސްތަކުންގެ ސިއްރުތައް ﷲ ތަޢާލާ އަންގަވައި ދެއްވެވުމުންވެސް އެކަންކަން ހާމަކުރައްވަވާފައިވަނީ ހާމަކުރެއްވެވުމުން މީސްތަކުންނަށް އެކަމުން ފައިދާކުރާނެ ކަންކަމުގައެވެ. ރަސޫލް () އެންމެންގެ ހުރިހާ ކަންކަން ޢާންމުކޮށް ހާމަ ނުކުރެވެވީ ހާމަ ކުރައްވަވައިފިނަމަ އެމީހުންނަށް އެކަމުން ލިބިދާނެ ގެއްލުމަކަށްޓަކައެވެ.  

މިކަމުން އެނގެނީ މީހެއްގެ ޒާތީ ކަމެއް އެނގޭއިރަށް އެކަން ބޭޒާރުކޮށް ޢާންމުކުރުމެއް ނެތް ކަމެވެ. އެފަދަ ކަމެއް ޢާންމުކުރަން ޖެހޭނީ ހާމަކުރުމުން އުންމަތަށް ފައިދާ ކުރާނެ ނަމަ ކަމެވެ. ހާމަ ނުކުރުމުން އުންމަތަށް ގެއްލުމެއް ލިބިދާނެ ކަމެވެ. ނިކަން ބުނެބަލާށެވެ! މިއަދު އަހަރެމެންނަށް ކަންކަން މިކުރެވެނީ ރަނގަޅަށް ހެއްޔެވެ؟ މީހުންގެ ޒާތީ ކަންކަން ހާމަކުރަމުން ގެންދިއުމުގެ ސަބަބުން އުންމަތަށް ކުރަނީ ފައިދާ ހެއްޔެވެ؟ ނުވަތަ ލިބެމުން ދަނީ ގެއްލުން ހެއްޔެވެ؟  

ރަސޫލް () ޙަދީޘްފުޅު ކުރައްވަވާފައި ވަނީ ދައްކަން ނުޖެހޭ ވާހަކަތައް ނުދެއްކުމަށެވެ. ބަސް މަދުކުރުމަށެވެ. އަމަލު ގިނަކުރުމަށެވެ. މިތަނުގައި އަމަލު ގިނަކުރުން މާނަކުރައްވަވާފައި އެވަނީ ބޭކާރު އަމަލުތައް ކުރުމަކަށް ނޫނެވެ. ދުނިޔެއާއި އާޚިރަތުގައި ފައިދާކުރާނެ އަމަލުތައް ގިނަކުރުމަށެވެ.  

ކޮންމެ އިންސާނަކަށް ދުނިޔޭގައި ހޭދަކުރަން މިލިބެނީ ވަރަށް މަދު ވަގުތުކޮޅެކެވެ. އެ ވަގުތުކޮޅުގެ ބޭނުން ހެޔޮ ގޮތުގައި ހިފާށެވެ! ތިމާއަށް ދެ ދުނިޔޭގައި ވެސް ފައިދާކުރާނެ ކަންކަމަށް ވަގުތު ހޭދަކުރާށެވެ! ތިމާއަށް ނަރަކައަށް ވަންނަން ޖެހިދާނެ އެންމެ ބަހެއްވެސް ދުލުން ނުބުނާށެވެ! ސުވާރުގެ އެދޭ މީހާ އެންމެ ބޮޑަށް ސަމާލުކަން ދޭން ޖެހޭ އެއް ގުނަވަނަކީ އެމީހެއްގެ ދުލެވެ. 

މިޘާލަކަށް މިވެނި ދެމަފިރިއަކު ވަރަށް ގިނައިން ޒުވާބުކުރާ ވާހަކަ، މިވެނި އަންތބަކު މިވެނި ފިރިހެނަކާ ވާހަކަދެއްކި ވާހަކަ، މިވެނި ފިރިއަކު އަނބިމީހާގެ ގައިގައި ޖެހިވާހަކަ އެންމެންނަށް އަންގާކަށް ނުޖެހެއެވެ. އެމީހުންގެ ވާހަކަދައްކަންޖެހޭނީ އެމީހުންނެވެ. ބައިވެރިޔާގެ ކިބައިން އަނިޔާ ނުވަތަ ހިތްދަތިކަން ލިބޭނަމަ އެކަމުގެ ވާހަކަ ދައްކަން އޮތީ އަނިޔާ ލިބޭ މީހެކެވެ.  

އެވާހަކަ ނުދައްކައި އެމީހަކު ހުންނާނީ ސިއްރުކުރުމުން މަޞްލަޙަތުރަނގަޅުވާނެތީއެވެ. ކުރާނެ ފައިދާ ބޮޑުވީމައެވެ. އެހެން މީހުން އެކަމާއިބެހި އެވާހަކަތައް ދައްކާކަށް ނުޖެހެއެވެ. އަދި އެގޮތަށް ދެއްކުމުން ދެމަފިރިންގެ ގުޅުމަށް ގެއްލުންވެއްޖެނަމަ އެކަންވާނީ ވާހަކަދެއްކި މީހާގެ ސަބަބުން އުފެދުނު ފިތުނައަކަށެވެ. ވީމާ މިހިރީ ވަރަށް ބޮޑަށް ވިސްނަން ޖެހޭނެ ކަންކަމެވެ.  

ދުލާއި ޖިންސީ ގުނަވަން ރައްކައުތެރިކޮށްފި މީހަކަށް ސުވަރުގެ ލިބުމަށް ތިމަން ކަލޭގެފާނު ޖާމިނުވެވަޑައިގަންނަވާނެ ކަމަށް އޮތް ޙަދީޘްފުޅުގެ މާނައިގައި ހިމެނެނީ ހަމައެކަނި ދުލުން ނުބައި ބަސްބުނުމާއި އަޑުގަދަކުރުމާއި އަރާރުން އެކަންޏެއް ނޫނެވެ. ތިމާ ދައްކާ ވާހަކައަކުން އެހެން މީހަކަށް ގެއްލުން ލިބުންވެސް ހިމެނެއެވެ. އެހެން މީހުންގެ ހިތުގައި ޖެހޭފަދަ ވާހަކަތައް ދެއްކުންވެސް ހިމެނެއެވެ.  

ވީމާ ތިމާ ދައްކާ ވާހަކައަކުން އެއްވެސް މީހަކަށް ޙައްޤު ނޫން އެއްވެސް އަނިޔާއެއް ނުވަތަ ގެއްލުމެއް ލިބިއްޖެ ނަމަ އެކުރެވުނީ ބޮޑު ފާފައެކެވެ. އާޚިރަތް ދުވަހު އެކަމުގެ ބަދަލުދޭން ޖެހޭނެއެވެ. ތިބާ ކުޅަ ޢަމަލުތައް ލިޔުއްވަވާ ފަތުގައި އެކަން ލިޔެވި ރެކޯޑްކުރެވިފައި އޮންނާނީ ތިބާކުރި ފާފައެއްގެ ގޮތުގައެވެ. ބިރުވެރިކަމަކީ އެއީއެވެ. ދޫ ރައްކައުތެރިކުރަން އަންގަވާފައިވަނީ އެ ބިރުވެރިކަމުން ސަލާމަތްވުމަށްޓަކައެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން  

 

މިއަދު އޮންލައިން