މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން މި އަހަރުގެ އިންޓަރންޝިޕް ޕްރޮގްރާމުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. މި ޕްރޮގްރާމަށް ކުރިމަތިލުމުގެ ފުރުޞަތު އޮންނާނީ މި މަހުގެ 25 ވަނަ ދުވަހާ ހަމައަށެވެ.
އެމްޕީއެލްއިން މި ޕްރޮގްރާމް ތަޢާރަފުކޮށްފައިވަނީ ކުންފުނީގައި ހުރި ވަޒީފާގެ ފުރުޞަތުތަކާއި، ދާއިރާތަކަށް ދަރިވަރުން އަހުލުވެރިކުރުވުމުގެ މަޤްޞަދުގައެވެ. އަދި މީގެ އިތުރުން މެރިޓައިމް ދާއިރާއަށް ދަރިވަރުން ޝައުޤުވެރިކުރުވުމާއި، ޕޯޓުގެ މަސައްކަތްތަކާ މެދު ހޭލުންތެރިކުރުވުމަށްވެސް މި ޕްރޮގްރާމުން އަމާޒުކުރެއެވެ.
މި އަހަރުގެ އިންޓަރންޝިޕް ޕްރޮގްރާމުގައި ޖުމްލަ 9 ދާއިރާއަކަށް ކުރިމަތިލުމުގެ ފުރުޞަތު ވަނީ ހުޅުވާލާފައެވެ. މީގެ ތެރޭގައި މާކެޓިން އެންޑް ޕީއާރު، އެޑްމިނިސްޓްރޭޝަން، ފައިނޭންސް، އައިޓީ، ޕްރޮކިއުމެންޓް އަދި އިންޖިނިއަރިންގގެ ދާއިރާތަކުގެ ގޮތުގައި މެރިން، މެކޭނިކަލް، އިލެކްޓްރިކަލް އަދި ސިވިލް އިންޖިނިއަރިންގ ހިމެނެއެވެ.
އެމްޕީއެލްއިން ފާހަގަކުރި ގޮތުގައި، މި ޕްރޮގްރާމުގައި ބައިވެރިވާ ކޮންމެ ދަރިވަރަކަށް ވަކި މެންޓަރެއް ހަމަޖައްސައިދޭނެއެވެ. މި މެންޓަރުންގެ މައިގަނޑު ޒިންމާއަކީ މަސައްކަތުގެ މާޙައުލުގައި ދަރިވަރުންނަށް މަސައްކަތުގެ ހުނަރުތައް ދަސްކޮށްދިނުމާއި، ބޭނުންވާ މަޢުލޫމާތު ފޯރުކޮށްދިނުމެވެ.
މި ޕްރޮގްރާމުގައި ބައިވެރިވުމަށް ޝަރުޠު ހަމަވާނީ ސާނަވީ އިމްތިހާނުތައް ފުރިހަމަކޮށްފައިވާ އަދި އުމުރުން 18 އަހަރު ނުވާ ދަރިވަރުންނަށެވެ. ޝައުޤުވެރިވާ ފަރާތްތަކުން މި މަހުގެ 25 ގެ ކުރިން އެމްޕީއެލްއަށް ހުށަހެޅުމަށް ވަނީ ހުޅުވާލާފައެވެ.