ޙައްޖުވެރިންގެ ރައްކާތެރިކަން އިތުރަށް ކަށަވަރުކުރުމަށްޓަކައި އަންނަ އަހަރު އައު ޓެކްނޮލޮޖީއެއް ތަޢާރަފުކުރުމަށް ޙައްޖު ކޯޕަރޭޝަނުން މަސައްކަތް ކުރަމުންދާ ކަމަށް އެ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަކީލު ހާމަކުރައްވައިފިއެވެ.
ދައުލަތުގެ މީޑިއާއަށް މަޢުލޫމާތު ދެއްވަމުން ޝަކީލު ވިދާޅުވީ، މި އައު ޓެގަކީ މިހާރު ބޭނުންކުރަމުންދާ ޓެގްތަކަށްވުރެ ޓެކްނޮލޮޖީގެ ގޮތުން އެޑްވާންސް އަދި އިތުރު ޚިދުމަތްތަކެއް ހިމެނޭ ޓެގެއް ކަމަށެވެ. އަދި މި އައު ޓެގް ޓެސްޓުކުރުމުގެ މަސައްކަތް ކުރިއަށް އޮތް އުމްރާ ދަތުރުތަކުގައި ފެށުމަށް ވަނީ ހަމަޖެހިފައެވެ.
"މިހާރު ބޭނުންކުރާ ޓެގްތަކަށްވުރެ ޓެކްނޮލޮޖީ ގޮތުން ބަލާއިރު ރަނގަޅު ޚިދުމަތްތަކެއް އޭގައި ހިމެނޭ ޓެގަކަށް ދިޔުމަށްޓަކައި މިދަނީ މަސައްކަތްކުރަމުން،" ޝަކީލު ވިދާޅުވިއެވެ. "އެގޮތުން ކުރިއަށް އޮތް އުމްރާތަކުގައި އެ ޓެގް ޓެސްޓުކުރުމުގެ މަސައްކަތް ފަށާނަން."
ޝަކީލު އިތުރަށް ވިދާޅުވި ގޮތުގައި، ޙައްޖުގައި މި ޓެގްތައް ބޭނުންކުރުމުގެ ކުރިން އެ ޚިދުމަތްތައް ރަނގަޅަށް ޓެސްޓުކޮށް، އެއްވެސް މައްސަލައެއް ހުރިތޯ ބަލައި، އެފަދަ މައްސަލައެއް ހުރިނަމަ އެކަން ހައްލުކުރެވޭނެއެވެ. އަދި މި އައު ޓެގް ބޭނުންކުރާނީތޯ ނުވަތަ ކުރިން ބޭނުންކުރަމުން އައި ޓެގްތައް ބޭނުންކުރާނީތޯވެސް ބަލަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.
ފާހަގަކޮށްލެވޭ ކަމަކީ، ޙައްޖު ކޯޕަރޭޝަނުން މީގެ ކުރިންވެސް ވަނީ ޙައްޖުވެރިންގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ޓްރެކިންގ ޑިވައިސް ބޭނުންކޮށްފައެވެ.