ރައީސުލްޖުމްހޫރިއްޔާގެ ވައުދުފުޅާ އެއްގޮތަށް، ފުރަތަމަ ފަހަރަށް ގައުމީ ޓީމުގެ ކުޅުންތެރިންނާއި އޮފިޝަލުންގެ އިނާޔަތްތައް އެއްހަމަކޮށް، ހުރިހާ ކުޅިވަރު އެސޯސިއޭޝަންތަކަށް މިކަން އަންގައިފިއެވެ.
ކުޅިވަރާއި ހަށިހެޔޮކަމާބެހޭ ވުޒާރާއިން ނެރެފައިވާ ސާކިއުލާގައި ބަޔާންކޮށްފައިވާ ގޮތުގައި، ކުޅިވަރާބެހޭ ގައުމީ މަޖިލީހުގެ ނިންމުމާ އެއްގޮތްވާ ގޮތުގެ މަތިން، 2025 ވަނަ އަހަރުގެ މެއި މަހުން ފެށިގެން ކުޅުންތެރިންނާއި، އޮފިޝަލުންނާއި އަދި ޕެރަ އެތުލީޓުންނަށް ދެމުންގެންދާ އެލަވަންސް 7،000 ރުފިޔާއަށް ބޮޑުކުރުމަށް ވަނީ ހަމަޖެހިފައެވެ.
މީގެއިތުރުން، ވުޒާރާއިން ހާމަކުރި ގޮތުގައި، މިއަހަރުގެ މެއި މަހުން ފެށިގެން ސެޕްޓެމްބަރު މަހުގެ ނިޔަލަށް ކުޅުންތެރިންނާއި، އޮފިޝަލުންނާއި އަދި ޕެރަ އެތުލީޓުންގެ އެލަވަންސަށް އިތުރުވެފައިވާ އަދަދު ޖަމާކުރުމުގެ މަސައްކަތް މިހާރު ދަނީ ކުރެވެމުންނެވެ.
މި ނިންމުމަކީ ދިވެހިރާއްޖޭގެ ކުޅިވަރު ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކަށް ލިބިގެންދާނެ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށް ކުޅިވަރުގެ ދާއިރާގެ ފަރާތްތަކުން ފާހަގަކުރެއެވެ. އަދި މިކަމުގެ ސަބަބުން ކުޅިވަރުގެ ދާއިރާއަށް އިތުރު ހިތްވަރަކާއި ފޯރިއެއް ލިބިގެންދާނެ ކަމަށްވެސް ބެލެވެއެވެ.