ހާލުގަ ޖެހޭ ކޮންމެ ފަހަރަކު ރައްޔިތުންނަށް އެންމެ ބޮޑު އިތުބާރެއް ހޯދައިދޭ އެއް ފަރާތަކީ ދިވެހި ދަނޑުވެރިން ކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާބެހޭ ވަޒީރު އާދަމް ޝަރީފް ޢުމަރު ވިދާޅުވެއްޖެއެވެ.
ޤައުމީ ދަނޑުވެރިންގެ ދުވަހާއި ދުނިޔޭގެ ކާބޯތަކެތީގެ ދުވަސް އަދި ދުނިޔޭގެ ޖަނަވާރުންގެ ދުވަސް ފާހަގަކުރުމަށް ބޭއްވި "ފެހި ދިރުން އެކްސްޕޯ" ހުޅުވައިދެއްވަމުން ވަޒީރު ވިދާޅުވީ، މި ޤައުމަށް ބަލާލި ކަމުގައި ވީނަމަވެސް ހާލުގަ ޖެހޭ ކޮންމެ ފަހަރަކު ރައްޔިތުންނަށް އެންމެ ބޮޑު އިތުބާރެއް އަދި އެންމެ ބޮޑު ޔަގީންކަމެއް ހޯދައިދޭ އެއް ފަރާތަކީ ދިވެހި ދަނޑުވެރިން ކަމަށެވެ.
"ދަނޑުވެރިން ކުރާ މަސައްކަތްތަކުގެ އަގުވަޒަން ކުރުމަކީ ވަރަށް ބޮޑަށް މުހިންމު ކަމެއް" ވަޒީރު އާދަމް ޝަރީފް ވިދާޅުވިއެވެ.
މީގެ އިތުރުން ވަޒީރު ފާހަގަކުރެއްވި ގޮތުގައި، ދުނިޔެ ބަދަލުވާ ފަދައިން ރާއްޖެވެސް މިވަނީ ވަރަށް ބޮޑަށް ބަދަލުވެފައެވެ. އެގޮތުން ބިމުގެ ދަތިކަން ވަރަށް ގިނަ އާއިލާތަކަށް ތަހައްމަލް ކުރަން ޖެހިފައިވާ ކަމަށާއި، ނަމަވެސް ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި ދަނޑުވެރިކަން ކުރާ ފަރާތްތައް މިހާރު ތިބިކަން ފާހަގަކުރެއްވިއެވެ.
ދަނޑުވެރިކަމާ ދިރޭތަކެއްޗާބެހޭ ވުޒާރާއިން އިންތިޒާމްކޮށްގެން ބާއްވާ "ފެހި ދިރުން އެކްސްޕޯ" އަކީ ޤައުމީ ދަނޑުވެރިންގެ ދުވަހާއި ދުނިޔޭގެ ކާބޯތަކެތީގެ ދުވަސް އަދި ދުނިޔޭގެ ޖަނަވާރުންގެ ދުވަސް ފާހަގަކުރުމަށްޓަކައި ބޭއްވޭ އެކްސްޕޯއެކެވެ. މި އެކްސްޕޯގެ މަޤްޞަދަކީ ދަނޑުވެރިކަމާއި ޖަނަވާރު ގެންގުޅުމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކުގެ އުފެއްދުންތެރިކަމާއި ހުނަރު ފާހަގަކޮށް، މި ދާއިރާގެ ވިޔަފާރިތައް ކުރިއެރުވުމަށް ޝައުޤުވެރިކަން ހުންނަ ފަރާތްތަކަށް ފުރުޞަތު ފަހިކޮށްދިނުމެވެ.