އެއްފަހަރާ އެންމެ ގިނަ މީހުން ފީނުމުގެ ދުނިޔޭގެ ރެކޯޑު ރައްޖެއިން މުގުރާލައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 22ސ
އެއްފަހަރާ އެންމެ ގިނަ މީހުން ފީނުމުގެ ދުނިޔޭގެ ރެކޯޑު ރައްޖެއިން މުގުރާލައިފި

މާޅޮސްމަޑުލު ދެކުނުބުރީ ވިލިނގިލިފަރު ފިނޮޅު ސަރަހައްދުގައި ބޭއްވި ޚާއްސަ ހަރަކާތެއްގައި، އެއްފަހަރާ އެންމެ ގިނަ މީހުން ފީނުމުގެ ދުނިޔޭގެ ރެކޯޑު ރާއްޖެއިން ވަނީ މުގުރާލާފައެވެ. މި ތާރީޚީ ހަރަކާތުގައި ޖުމްލަ 623 މީހުން ބައިވެރިވެ، އައު ދުނިޔޭގެ ރެކޯޑެއް ގާއިމުކޮށްފައިވެއެވެ.

"ބާނި އިވެންޓް" ގެ ނަމުގައި ކުރިއަށް ގެންދިޔަ މި ހަރަކާތުގައި ބައިވެރިން ވަނީ ވިލިނގިލިފަރު ފިނޮޅާ ކައިރި އެކި ސަރަހައްދުތަކަށް ފީނާފައެވެ. މި ހަރަކާތުގެ ކާމިޔާބީ ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ގިނިސް ވޯލްޑް ރެކޯޑްސްގެ ޚާއްސަ މަންދޫބަކު ވަނީ ރެކޯޑު ގާއިމުކުރި ކަމުގެ ހަނދާނީ ފިލާ ހަވާލުކޮށްދެއްވާފައެވެ.

މި އުފާވެރި ކާމިޔާބީ ވަނީ ދުނިޔޭގެ ރެކޯޑު ފޮތުގެ އިތުރުން، ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަނުން ބަލަހައްޓަމުން އަންނަ ރާއްޖޭގެ ރެކޯޑު ފޮތުންވެސް ޖާގަ ހޯދާފައެވެ. ވިޒިޓް މޯލްޑިވްސްގެ މެނޭޖިންގ ޑިރެކްޓަރު އަދި ސީއީއޯ އިބްރާހީމް ޝިއުރީ ވަނީ މިކަމުގެ ޝަރަފުގެ ހަނދާނީ ފިލާ އަދި ކޮއިން ބ. އަތޮޅު ކައުންސިލާ ހަވާލުކޮށްދެއްވާފައެވެ.

މި ތާރީޚީ ހަރަކާތް ކުރިއަށް ގެންގޮސްފައިވަނީ 13 ރަށަކާއި 15 ރިސޯޓެއްގެ ފުރިހަމަ އެއްބާރުލުމާއެކުގައެވެ. ހަރަކާތުގައި ބައިވެރިވި 623 މީހުންގެ ތެރޭގައި ރިސޯޓު މުވައްޒަފުންނާއި، ފަތުރުވެރިންނާއި އެ އަތޮޅުގެ އެކި ރަށްރަށަށް ނިސްބަތްވާ ގިނަ ބައެއް ހިމެނެއެވެ.

މި ކާމިޔާބީއަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއަށާއި، ޚާއްސަކޮށް ބ. އަތޮޅުގެ ފަތުރުވެރިކަމަށް އިތުރު ކުރިއެރުމެއް ގެނެސްދޭނެ ކަމެއް ކަމަށް އުއްމީދު ކުރެވެއެވެ. އަދި މިފަދަ ހަރަކާތްތަކަކީ ރާއްޖޭގެ ޑައިވިންގ ޓޫރިޒަމް އިތުރަށް ކުރިއެރުވުމަށް މަގުފަހިވެގެންދާނެ ކަމެއް ކަމުގައިވެސް ފާހަގަކުރެވެއެވެ.

މިއަދު އޮންލައިން