ތިބާއަށް މި ޕްލެޓިނަމް އެވޯޑް ހޯދިއްޖެނަމަ ޞިއްޙަތު ސަލާމަތްވުމުގެ އިތުރުން ޖީބުވެސް ތަނަވަސްވާނެ! ފާފަވެރިވުމުންވެސް ސަލާމަތްވެވޭނެ! އިން ޝާ ﷲ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 45ސ
ތިބާއަށް މި ޕްލެޓިނަމް އެވޯޑް ހޯދިއްޖެނަމަ ޞިއްޙަތު ސަލާމަތްވުމުގެ އިތުރުން ޖީބުވެސް ތަނަވަސްވާނެ! ފާފަވެރިވުމުންވެސް ސަލާމަތްވެވޭނެ! އިން ޝާ ﷲ

ދުނިޔޭގެ އެންމެ ހިތްވަރުގަދަ މީހާގެ މެޑެލް އެއްވެސް މީހަކަށް އަހުރެން ދޭނަމަ ދޭނެ އެކަކީ ބަނގުރަލާއި މަސްތުވާތަކެތީގެ ހުރިހާ ބާވަތެއް ހިމެނޭހެން އެއިން ބާވަތެއް ބޭނުންކުރަން ދެވިހިފުމަށްފަހު އެކަން ކުރުން ހުއްޓައިލާ މީހަކަށެވެ. 

މީގެ އިތުރުން އެންމެ ބުއްދިވެރި މީހާގެ އެވޯޑްވެސް ދޭން ބޭނުމެވެ. މިއެވޯޑްގައި 2 ދަރަޖަ ހިމަނަން ބޭނުންވެއެވެ. އެއީ ގޯލްޑާއި ޕްލެޓިނަމްއެވެ. ގޯލްޑް ދޭން ބޭނުންވަނީ މަސްތުވާއެއްޗެއް ބޭނުންކުރަން ފެށުމުން އެއިން ލިބޭ ގެއްލުން ވިސްނި ޞިއްޙަތަށް ބޮޑު ގެއްލުމެއް ނުލިބެނީސް އެކަން ކުރުން ހުއްޓައިލާ މީހުންނަށެވެ. ޕްލެޓިނަމް އެވޯޑްދޭން ބޭނުންވަނީ މަސްތުވާ ކޮންމެ އެއްޗަކުންވެސް ތިމާގެ ޞިއްޙަތަށް ލިބޭނީ ގެއްލުން ކަމާއި ޖީބުހުސްވެ ފަޤީރުވާނެކަމާއި އަދި ފާފަވެރިވެ ނަރަކައަށް ވަންނަން ޖެހޭނެކަން ވިސްނި އެފަދަ ޢަމަލެއް އެއްވެސް ވަރަކަށް ނުކުރާ މީހުންނަށެވެ. 

މިއަދު އަހުރެން އެންމެ އުފާވަނީ މިބުނި ކެޓަގަރީ ތަކުގެ ތެރެއިން ޕްލެޓިނަމް އެވޯޑް ހޯދަން މަސައްކަތްކުރާ މުސްލިމުންގެ އިތުރުން ކާފިރުންގެ ތެރެއިން ގިނަ ބައަކު އެއެވޯޑް ހޯދަން މަސައްކަތްކުރާތީއެވެ. ޙަޤީޤަތުގައި މަސްތުވާ އެއްވެސް އެއްޗެއް ބޭނުންކުރުން އެއްވެސް ދީނަކު ހުއަދައެއް ނޫނެވެ. ހުއްދަކޮށްގެން އުޅެނީ އަމިއްލައަށެވެ. 

އަހުރެން އެންމެ ހިތާމަކުރަނީ މިކަންކަމަށް ވިސްނާނުލައި މުސްލިމް އަޚުންނާއި އުޚުތުން މަސްތުވުމުގެ ވަބާގައި ޖެހެމުންދާތީއެވެ. ދުނިޔެއާއި އާޚިރަތް އަމިއްލައަށް ނަގާލަމުން ގެންދާތީއެވެ. ދުޢާއަކީ ހުރިހާ އެންމެންނަށްވެސް ހެޔޮވިސްނުން މިންވަރުކުރެއްވެވުމެވެ.

- އިސްލާމީ ތިލަފަތުގެ ދަރުސަކުން 

މަސްތުވުމަސް ދެވިހިފީމާ ވާގޮތް ވިދާޅުވެލައްވާށެވެ! 

އަޅުގަނޑުގެ އެއް ބޮޑުބޭބެ ދެދަރިން މަސައްކަތްކުރަނީ ކުވައިތުގައެވެ. އެދަރިންނަށް ރަނގަޅު މުސާރައެއް ލިބެއެވެ. ބޮޑުބޭބެ ބޭނުންވާ ހުރިހާ ކަންކަން ކުރެވޭނެ ވަރަށް ކޮންމެ މަހަކުވެސް ފައިސާ ފޮނުވައެވެ. އެއިގެ އިތުރުން ބޮޑުބޭބެއަކީ މާރުކޭޓުގައި އަމިއްލައަށް ވިޔަފާރިކޮށްގެންވެސް އާމްދަނީ ހޯދާ މީހެކެވެ. 

ބޮޑުބޭބެގެ ޢުމުރަކީ އަދި 50 އަހަރެވެ. ފައިގައި ޖެހި ފާރުކޮޅެއް ރަނގަޅު ނުވެގެން ޑޮކްޓަރަށް ދައްކައިގެން ޓެސްޓްތައް ހެދިއިރު ހަކުރުހުރީ 540 ގައެވެ. ޖެހުނީ ފައިތިލަ ބުރިކޮށްލާށެވެ! އެވަރަކުންވެސް ނުފުދުނެވެ. ޑޮކްޓަރުން މިހާރުބުނަނީ ޖެހޭނީ ކަކުލުހުޅުން ފެށިގެން ބުރިކޮށްލަން ކަމަށެވެ. ބޮޑުބޭބެ އެއްބަހެއް ނުވެއެވެ. މަރުވެދާނެތީ ބިރުންނެވެ. 

ބޮޑުބޭބެއަކީ ކޮންމެ ރެއަކު އިންތަނަށް ވެއްޓެންދެން ބަނގުރާ މީހެކެވެ. ހަކުރުގެ މައްސަލަ މިހައި ބޮޑުވީ އެހެންވެގެންނެވެ. އެކަމަކު މިހާރުވެސް ރާބުއިން މަދެއް ނުކުރެއެވެ. ބުނަނީ ހުއްޓައި ނުލެވޭނެ ކަމަށެވެ. 

ގަނެ ނުދީފިނަމަ ދަނޑިގަނޑު ވިއްދައިގެންވެސް ބަނގުރާ ހޯދަން ނުކުމެގެންދެއެވެ. އެޙާލުގައިވެސް ނުކުންނާތީ ޢާއިލާއަށް މަޖުބޫރުވަނީ ގަނެދޭށެވެ. 

ބޮޑުބޭބެއަކީ މުސްލިމެއް ނޫނެވެ. އަހުރެން ބުނެލަން ބޭނުންވަނީ ބަނގުރާ ނުބޯންވީ ހަމައެކަނި ތިމާއަކީ މުސްލިމަކަށް ވެގެނެއް ނޫނެވެ. ތިމާގެ އަމިއްލަ ޞިއްޙަތަށްޓަކައެވެ. އަމިއްލަ ފައިދާއަށް ކަމަށެވެ. އަމިއްލަ ފުރާނަ ސަލާމަތްކުރަން ކަމަށެވެ. 

(މިއީ މާލޭގައި މަސައްކަތްކުރާތާ 10 ވަރަކަށް އަހަރުވެފައިވާ ސްރީލަންކާގެ އަންހެނަކު މިއަދުނޫހާއި ޙިއްޞާކޮށްފައިވާ ވާހަކައެކެވެ. ފަހުން އެނގުނު ގޮތުގައި ކުޑަދުވަސްކޮޅެއްގެ ތެރޭގައި އޭނާވަނީ ޙާލަތު ނުރައްކާވެ ދުނިޔެ ދޫކޮށްފައެވެ. މިހުރީ ޢިބްރަތް ޙާޞިލުކުރަންޖެހޭ ކަންކަމެވެ.)

މިއަދު އޮންލައިން