ކުރާނަމާދު ނަމާދަކަށް ހަދަން ކޮންމެހެންވެސް ސަމާލުކަންދޭންވީ ކަންކަން-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 59ސ
ކުރާނަމާދު ނަމާދަކަށް ހަދަން ކޮންމެހެންވެސް ސަމާލުކަންދޭންވީ ކަންކަން-

ނަމާދުކުރިނަމަވެސް އެނަމާދު ނަމާދަކަށް ވަނީ ނަމާދު ފުރިހަމަކުރުމުންނެވެ. ނަމާދު ފުރިހަމަކުރެވޭނީ ޚުޝޫޢަތްތެރިކަމާއިއެކު ނަމާދުކުރުމުންނެވެ. ޚުޝޫޢަތްތެރިވާން ބޭނުންވާނަމަ ކިޔާއެއްޗެއްސަށް ސަމާލުކަންދީ ލަސްލަހުން ނަމާދުކުރަންޖެހެއެވެ. ނަމާދުގަ ޚުޝޫޢަތްތެރި ނުވެވޭ މައްސަލަ ބޮޑުވާތީ ނަމާދުގައި ޚުޝޫޢަތްތެރި ވެވޭނެ ގޮތްތަކާއިމެދު ވަރަށް ގިނަ މީހުން ސުވާލުކުރެއެވެ.

ޚުޝޫޢަތްތެރިވުމަށްޓަކައި ފުރަތަމަ ކަމަކަށް ކުރަންވީ ޙަރަމްކަން ތަކްބީރަށް ސަމާލުކަން ދިނުމެވެ. މިކިޔެނީ ކީކޭކަން ހިތަށް ގެނައުމެވެ. ﷲ ތަޢާލާއަށްވުރެ މަތިވެރިވެގެންވާ ފަރާތެއް ނެތްކަމަށް ދުލުން ބުނާއިރު އެކަން ހިތްމައްޗަށް ގެނައުމެވެ. އަދި އިމާމް މީހާ ތަކްބީރްކިޔުމުން ކޮންމެ ފަހަރަކުވެސް އެކަން ހިތްމައްޗަށް ގެނެވޭނަމަ ނަމާދަށް ދެވޭ ސަމާލުކަން އިތުރުވާނެއެވެ. ނަމާދުގައި ކިޔާ ތަކެތީގެ މާނައަށް ވިސްނަން ފަސޭހަވާނެއެވެ.

ނަމާދަށް ހުއްޓުމަށްފަހު ފުރަތަމަވެސް ހިތަށް ގެންނާށެވެ! "މިއުޅެނީ ކީއްކުރަން ހެއްޔެވެ؟ ވާހަކަތަކެއް ދަންނަވަން މިއުޅެނީ ކޮން ފަރާތަކަށް ކަމެވެ. ހުއްޓި މިހުރެވެނީ ކޮންފަރާތަކަށް ކަމާއި ކުރަން މިއުޅެނީ ކީއް ކަމެވެ." ނަމާދަށް ފެށުމުގެ ކުރިން އެންމެ ކުޑަމިނުން މިހައި މިންވަރު ހިތަށް ގެނެވުނު ނަމަވެސް ނަމާދުގައި ޚުޝޫޢަތްތެރިވާން ފަސޭހަވާނެއެވެ.

ހިތާމައަކީ ގިނަ މީހުން ނަމާދަށް ފަށާއިރުވެސް މިފަދަ އެއްވެސް ކަމަކާއިމެދު ވިސްނައިވެސް ނުލާކަމެވެ. އިމާމާ ސަފުިހަދަން ގޮވާލުމުން ގޮސް ސަފުގައި ބައިވެރިވަނީއެވެ. ކުރަން މިފަށަނީ ކިހައި ބޮޑު ކަމެއް ކަމާއިމެދު ވިސްނައިލަން ހިތަށްވެސް ނާރައެވެ.

ގިނަ މީހުން ޙަރަމް ބަންނަ ގޮތުންވެސް މިކަން ފާހަގަކުރެވޭނެއެވެ. ޙަރަމް ބަނުމަށްޓަކައި އަތް އުފުލަން ޖެހޭ ގޮތަށް އަތް އުފުލައިލަނީވެސް މަދު މީހެއް ކަމަށްވާއިރު އެމީހާ ކުރާ ނަމާދު އޮންނާނީ ކިހިނަކުން ހެއްޔެވެ؟ ޙަރަމް ބަނުމާއި އެއް ރުކުނުން އަނެއް ރުކުނަށް ނަޤްލުވާއިރު ދޭންޖެހޭ ސަމާލުކަން ނުދެވޭނަމަ އެމީހަކަށް އެހުރެވެނީ ނަމާދުގެ ތެރެއަކު ނޫނެވެ. އަރިމަތީގައެވެ. ނުވަތަ ނަމާދުން ބޭރުގައެވެ. އެގޮތަށް ހުރެގެން ކުރެވޭނީ ކޮން ނަމާދެއް ހެއްޔެވެ؟

މީސްތަކުންނޭވެ! ނަމާދުގައި ކިޔާ ތަކެތި ކިޔަނީ ދުލުން ކަމަށްވީ ނަމަވެސް ނަމާދު ފުރިހަމަވާނީ ދުލުން ކިޔުމާއިއެކު ހިތުންވެސް ކިޔައިގެންނެވެ. ހިތުން ކިޔުމަކީ ކިޔާތަކެތި ހިތްމައްޗަށް ގެނައުމެވެ. ވީމާ ނަމާދުގައި ކިޔާ ތަކެތި ދުލުން ކިޔަން ޖެހޭނީ ހިތްމައްޗަށް ގެނައުމާއިވެސް އެކުގައެވެ. ނޫން ނަމަ ކިޔާ ކިޔުން ފުރިހަމައެއް ނުވާނެއެވެ. ކިޔާ ކިޔުން ފުރިހަމަ ނުވެ ނަމާދު ފުރިހަމައެއް ނުވާނެއެވެ! މިބަޔާންކުރި ކަންކަން ފުރިހަަމކުރެވޭނީ ފަށަމުން ބުނިފަދައިން ކިޔާ ތަކެއްޗަށް ސަމާލުކަންދީގެން ފަރުވާތެރިކަމާއިއެކު ލަސްލަހުން ނަމާދުކުރުމުންނެވެ.

--ޝައިޚް ޢުމަރު އަލްބަނާގެ ދަރުސަކުން

މިއަދު އޮންލައިން