ބޭނުންވާ ކަންކަން މާގިނަވުމަކީ ރަނގަޅު ފިރިއަކު ނުލިބިދާނެ ސަބަބެއް! ބޭނުންވާ އެއްވެސް ކަމެއް ޙާޞިލުނުކުރެވި ހުސްއަތާ ކައިވެނިކުރަންޖެހޭވެސް ކަމެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ
ބޭނުންވާ ކަންކަން މާގިނަވުމަކީ ރަނގަޅު ފިރިއަކު ނުލިބިދާނެ ސަބަބެއް! ބޭނުންވާ އެއްވެސް ކަމެއް ޙާޞިލުނުކުރެވި ހުސްއަތާ ކައިވެނިކުރަންޖެހޭވެސް ކަމެއް!

އެއީ ވަރަށް ރީތި އަންހެނެކެވެ. ކުރިން ދެކައިވެނިކޮށްފައެވެ. ދެމީހުންނާއިއެކުވެސް ހޭދަކުރެވުނީ ވަރަށް މަދު ދުވަސްކޮޅެކެވެ. އޭނާ ރީތިވީމާ ވަށައިގެން އެނބުރޭ ފިރިހެނުންތައް ގިނަވީމާ ވިސްނިފައި އޮތީ ކޮންމެ މީހަކުވެސް އޭނާ ހުށަހަޅާ ހުރިހާ ޝަރުޠޫތަކެއް ޤަބޫލުކުރާނެ ކަމަށެވެ.  

3 ވަނަ މީހާއާއި ކައިވެނިކުރަން ތައްޔާރުވަމުން އައިސް ތާރީޙަކަށް އެއްބަސްވާން މަޝްވަރާކުރި ރޭ ކައިވެންޏަށްފަހު ލިބެން ބޭނުންވަނީ ކޮންކަންކަމެއތޯ ސުވާލުކުރުމުން ކިޔައިލި ލިސްޓް ވަރަށް ދިގެވެ. އެކަންކަމުގެ އަގު މިލިއަނުން އަރައިގެންދެއެވެ. ލޯތްބާއި އަޅައިލުމާއި ރިވެތި ދިރިއުޅުމެއްގެ ވާހަކަ ލިސްޓުގައި ނުވެސް ނެތެވެ.  

އޭނާގެ ޖަވާބަކަށްވީ މިހިސާބުން އިސްތިއުފާދިނީ ކަމަށެވެ. އެއީ ކައިވެނީގެ ތެރެއިން ޙާޞިލުކުރަންޖެހޭ މުހިންމު އެއްވެސް ކަމެއް ލިސްޓުގައި ނެތީމައި ކަމަށެވެ. "އަހުރެންގެ އަތުގައި ތަނަވަސްކަން އެބަހުރި. ޚަރަދުކުރުމަކީ މައްސަލައެއް ނޫން. އެކަމަކު މިލިއަނުން ޚަރަދުކުރުމަކީވެސް އަހުރެންނަށް ކައިވެނީގެ ތެރެއިން ބޭނުންވާ އުފާވެރިކަން ލިބޭނެ ސަބަބެއް ނޫން! އަހުރެންނަށް ބޭނުންވާ ހިތްހަމަޖެހުމާ އުފާވެރިކަން ނުލިބޭނެނަމަ ކައިވެނިކުރުމުގެ ބޭނުމެއް އަހުރެންނަކަށް ނުވިސްނޭ!"  

އޭނާ އެހެން ބުނުމުން މިވީ ގޮތް އަންހެން މީހާއަށް ވިސްނުނެވެ. ހުށަހެޅި ޝަރުޠުތައް އަނބުރާ ގެންނަން މަސައްކަތްކުރުމުން އޭނާ ބުންޏެވެ. "އަދިވެސް ފުރުޞަތެއް ދީފާނަމެވެ. އެއީ ތިބާ އެދުނު އެއްވެސް ކަމެއް ކޮށްނުދީ ކައިވެނިކުރުމެވެ. ކައިވެންޏަށްފަހު އަހުރެން ބޭނުންވާ ކަންކަން ތިބާގެ ކިބައިން އަހުރެންނަށް ލިބޭ މިންވަރަކުން ތިބާއަށް ކަންކަން ކޮށްދޭ ގޮތަށެވެ! މިގޮތަށް މިހުށަހެޅީ ކޮންމެހެން ތިބާއާއި ކައިވެނިކުރުން މުހިންމު ވެގެނެއް ނޫނެވެ. ހަމައެކަނި މިކައިވެނިކުރަން ޤަޞްދުކުރެވި އުންމީދުތަކެއްވެސް ކުރެވިފައި އޮތީމައެވެ!"  

އިރުކޮޅަކު ވިސްނަން އިނދެލާފައި އަންހެން މީހާ ބުނީ ތިއަ ގޮތަށްވެސް ކައިވެނިކުރަން ބޭނުންވާ ކަމަށެވެ. އެގޮތަށް އެއްބަސްވީތީ ކައިވެނިކުރެވުނެވެ. ކައިވެނީގެ ސަބަބުން އަންހެން މީހާއަށް ލިބޭނެކަމަށް އުންމީދުކުރި އެއްވެސް އެއްޗެއް އަތަށް ނުލިބި ހުސްއަތާއެވެ. 

ކައިވެންޏަށްފަހު ފިރިމީހާ ބޭނުންވާ ގޮތަށް އުފާވެރިކަން ހޯދައިދޭން ކުރި މަސައްކަތުގެ ނަތީޖާއަކަށްވީ ކައިވެނީގެ ޙަޤީޤީ ބޭނުމާއި ދިރިއުޅުމަކީ ކޮބައިކަން އަނބިމީހާއަށް ދަސްވުމެވެ. ކުރީގެ ދެކައިވެނި ރޫޅިގެން ދިއައީވެސް އޭނާއަށް އެކަންކަން ނުވިސްނުނީތީކަން އޭނާއަށް އެނގުނެވެ. އެހެންވެ އެކުށްތައް ތަކުރާރިވިޔަނުދޭން ކުރި މަސައްކަތުން އުފާވެރި ދިރިއުޅުމެއް ލިބުނެވެ.  

އަހުރެންނަށް ވިސްނޭގޮތުން މިޙާދިސާއަކީ ވަރަށް އަގުހުރި ފިލާވަޅެކެވެ.

 

- ވަސީމާ / މިއަދުނޫހުގެ ކިޔުންތެރިއެއް

މިއަދު އޮންލައިން