ވިސްނައިގެން ކިޔައިލާތި! ވަޒީފާދީފަ މަސައްކަތެއް ކުރަން ފޮނުވީމަ އެކަން ނުކޮށް ތިމާ ބޭނުންވާ ކަންކަންކުރާ މީހަކަށް ވާނެގޮތާ ދުނިޔެއިން އުފާވެރިކަން ނުލިބުމާ ހުރި ގުޅުން ވަރަށް ބޮޑު!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 51ސ
ވިސްނައިގެން ކިޔައިލާތި! ވަޒީފާދީފަ މަސައްކަތެއް ކުރަން ފޮނުވީމަ އެކަން ނުކޮށް ތިމާ ބޭނުންވާ ކަންކަންކުރާ މީހަކަށް ވާނެގޮތާ ދުނިޔެއިން އުފާވެރިކަން ނުލިބުމާ ހުރި ގުޅުން ވަރަށް ބޮޑު!

ވާހަކައަށް ފެށުމުގެ ކުރިން ދުނިޔަވީ މިޘާލެއް ބުނެލާނަމެވެ. މިދައްކަން އުޅޭ ވާހަކަ ފަހުމްވުމަށް ފަސޭހައަކަށެވެ. މިޘާލަކީ ވަޒިފާ ދީފައި މަސައްކަތެއްކުރަން ތަނަކަށް ފޮނުވޭ މީހާގެ މިޘާލެވެ. އެތަނަށްގޮސް އޭނާ ކުރަނީ އޭނާއާއި ކުރަން ޙަވާލުކުރި މަސައްކަތެއް ނޫނެވެ. ކުރަނީ އޭނާއަށް ހިތްހަމަޖެހުން ލިބޭނެ ކަންކަމެވެ. އޭނާއަށް ވަޒިފާދިން ފަރާތުން އެކަމަށް ފިޔަވަޅު ނުއަޅާނެ ހެއްޔެވެ؟ އޭނާއަށް މުސާރަދޭނެ ހެއްޔެވެ؟ ޙަވާލުކުރި ފައިސާއަށް ޚިޔާނާތްތެރިވެ އޭނާ ކުރަން ބޭނުންވާ ކަންކަމަށް ޚަރަދުކުރީމާ އަދަބު ނުދޭނެ ހެއްޔެވެ؟  

މިކަންކަމުގެ ޖަވާބު ހިތުގައި ބާއްވައިގެން އަޑުއަހާށެވެ!  

ހިތްހަމަޖެހުމާއި އުފާވެރިކަން ނުލިބޭތީ ކަންބޮޑުވެގެން އުޅެންޖެހޭ މީހުން ދަނީ ދުވަހެއް ދުވަހަކަށް ގިނަވަމުންނެވެ. އެކަން އެހެން އެވަނީ ކީއްވެގެންކަމާއިމެދު ވިސްނައިލެވޭ ހެއްޔެވެ؟ އެކަން މެދުވެރިވާ ސަބަބު ދެނެގަންނަން މަސައްކަތްކުރެވޭ ހެއްޔެވެ؟  

ހިތްހަމަޖެހުމަކީ ފައިސާވެރިވުމަކުން ޙާޞިލްކުރެވޭނެ ކަމެއް ނޫނެވެ. އަދި ދުނިޔެއިން ކިތަންމެ ގިނަ ނިޢުމަތްތަކެއް ލިބުނަސް ޙާޞިލުކުރެވޭނެ ކަމެއް ނޫނެވެ. އެކަން އެނގެނީ ދުނިޔޭގެ އެންމެ މުއްސަނދި މީހުންނަށްވެސް އުފާވެރިކަމާއި ހިތްހަމަޖެހުން ނުލިބިގެން އުޅެންޖެހޭތީއެވެ.

ހިތްހަމަޖެހުމާއި އުފާވެރިކަން ލިބޭނެ ހަމައެކަނި މަގަކީ ދުނިޔެއަށް ތިމާ ފޮނުއްވެވި ސަބަބު ތިމާއަށް ވިސްނި އެކަން ޤަބޫލުކުރެވުމެވެ. ތިމާ ދުނިޔެއަށް ފޮނުއްވެވުނު ސަބަބު ޤަބޫލުކޮށް ޢަމަލުކުރުމެވެ. އެސަބަބު ކޮންމެ މުސްލިމަކަށްވެސް ވަރަށް ސާފެވެ.

ކޮންމެ މީހަކުވެސް ދުނިޔެއަށް ފޮނުއްވެވުނީ ﷲ ތަޢާލާއަށް އަޅުކަންކުރުމަށެވެ. އެއިގެ މާނައަކީ ﷲ ތަޢާލާ އަންގަވާފައިވާ ގޮތަށް ދުނިޔޭގައި އުޅުމެވެ. ހުއްދަ ކުރެއްވެވި ކަމެއް ނޫނީ ނުކުރުމެވެ. ޙަރާމް ކުރެއްވެވި އެއްވެސް ކަމެއް ނުކުރުމެވެ. އެގޮތަށް ޢަމަލުކުރެވޭ މީހާ އަބަދުވެސް ހުންނާނީ ﷲ ތަޢަލާއަށް އަޅުކަންކުރުންމަތީގައެވެ.

މިއަދު މައްސަލައަކަށް ވެގެން މިއުޅެނީ ދުނިޔެއަށް ތިމާ ފޮނުއްވެވުނީ ކީއްކުރަންކަން އޮޅުވައިލެވުމެވެ. އެކަމަށް ދޭންޖެހޭ ސަމާލުކަން ނުދެވުމެވެ. ކުރިން މިބުނި ފަދައިން ދުނިޔެއަށް ތިމާ ފޮނުއްވެވުނު ސަބަބު ހަނދާން ނައްތާލައިގެން ދުނިޔޭގައި އުޅޭ ހަމަ އެކަކަށްވެސް އުފާވެރިކަމެއްވެސް އަދި ހިތްހަމަޖެހުމެއްވެސް ނުލިބޭނެއެވެ. އެއީ އެކަން ﷲ ތަޢާލާ ލައްވަވާފައިވާ ގޮތެވެ. ބައަކު ކިތަންމެ ވަރަކަށް ކަންބޮޑުވިޔަސް އެއީ ބަދަލުކުރެވޭނެ ކަމެއް ނޫނެވެ.

 

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން