މިއާޔަތަށް ބިރުވެތިވާ މީހަކު ޙަޔާތުގެ ބައިވެރިޔާއަށްވެސް ދޮގާ މަކަރެއް ނުހަދާނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 14ސ
މިއާޔަތަށް ބިރުވެތިވާ މީހަކު ޙަޔާތުގެ ބައިވެރިޔާއަށްވެސް ދޮގާ މަކަރެއް ނުހަދާނެ!

ދޮގާއި މަކަރުހެދުމުގައި ގިނަ ބައަކު މިވަނީ ހައްދުފަހަނައަޅައި ގޮސްފައެވެ. ގިނަ ކައިވެނިތައް ރޫލެމުންދާ ސަބަބަކީ ޙަޔާތުގެ ބައިވެރިޔާއަށް ދޮގާއި މަކަރު ހެދުމެވެ. ފިރިމީހާ އަނބިމީހާއަށެވެ. އަނބިމީހާ ފިރިމީހާއަށެވެ. މިފަދަ ކަންކަން ކުރާއިރު ހަދާ ދޮގާއި ހަދާ މަކަރު ތިމާގެ ފަތުގައި ވަޤުތުން ލިޔުއްވަވާކަންވެސް ގިނަބައެއްގެ ހަނދާނުގައިވެސް ނުހުރެއެވެ.   

ބިރެއް ނެތި މިއަދު ބޭނުންހައި ގޮތަކަށް ކަންކަން ކުރެވުނަސް އެދުވަހުން (ޤިޔާމަތް ދުވަހު) ކުށްވެރި އަޅުންތައް ކަސްތަޅު އެޅުވިފައިވާނެއެވެ. އެދުވަހުން ފޮނި ބަސްތަކަކުން ނުވަތަ ފަށުވި ޢިބާރާތްތަކަކުން ﷲ ސުބުޙާނަހޫ ވަތަޢާލާގެ ޢަދުލުވެރި ހިސާބުބެއްލެވުމުގެ ދަރުބާރުގައި ޢުޒުރެއް ނުދެއްކޭނެއެވެ. 

އެދުވަހުން ﷲ ސުބުޙާނަހޫ ވަތަޢާލާ ޙުއްޖަތް ޤާއިމްކުރައްވާނީ ޚުދު އަހަރެމެންގެ ގުނަވަންތަކުންނެވެ. އެދުވަހުން ﷲ ސުބުޙާނަހޫ ވަތަޢާލާ އަހަރެމެންގެ ދޫތައް ބަންދުކުރައްވާނެއެވެ. އަދި އަހަރެމެންގެ ގުނަވަންތަކަށް ހެކިދީ ވާހަކަ ދެއްކުމަށް އަމުރުކުރައްވާނެއެވެ.  

الْيَوْمَ نَخْتِمُ عَلَى أَفْوَاهِهِمْ وَتُكَلِّمُنَا أَيْدِيهِمْ وَتَشْهَدُ أَرْجُلُهُمْ بِمَا كَانُوا يَكْسِبُونَ (يس: 65)  

"މިއަދު ތިމަންރަސްކަލާނގެ އެއުރެންގެ އަނގަތަކުގައި ސިއްކަގައްސުވައި ބަންދުކުރައްވާ ހުށީމެވެ. އަދި އެއުރެންގެ އަތްތައް ތިމަންރަސްކަލާނގެއަށް ބަސްދަންނަވާނެތެވެ. އަދި އެއުރެން ހޯދައިއުޅުނު ޢަމަލުތަކާމެދު އެއުރެންގެ ފައިތައް ހެކިދޭނެއެވެ." 

މީސްތަކުންނޭވެ! ދޮގު ހަދައި ކަންކަން އޮޅުވާލަން ބިރުގަންނަ މީހަކު ނެތޭ ބުނާވަރަށް ތެދުވެރިން މަދުވެއްޖެއެވެ. ނަމަވެސް ވިސްނާށެވެ! ދޮގުހަދާ، މަކަރުވެރިން ދުނިޔޭގައި ކިތަންމެ ވަރަކަށް ގިނަވި ނަމަވެސް ނަރަކައިގެ ޖާގަ ޛައްރެއްގެ މިންވަރަކަށްވެސް މަދެއް ނުވާނެއެވެ. ދުނިޔޭގެ އެންމެން ނަރަކައަށް ލެއްވެވި ނަމަވެސް ނަރަކައިގެ ކަންކަން ބަލަހައްޓަވަން ޙަވާލުކުރައްވަވާފައިވާ 19 މަލާއިކަތުން އެއެންމެންގެ ކަންކަން ﷲ ތަޢާލާ އަންގަވާ ގޮތަކަށް ބަލަހައްޓަވާނެތެވެ.  

އަލްމުއްދައްޘިރު ސޫރަތުގެ 30 ވަނަ އާޔަތާއި އައްތަޙްރީމް ސޫރަތުގެ 6 ވަނަ ޢާޔަތް ކިޔައިލުމުން މިބަޔާންކުރި ބަހުގެ ޙަޤީޤަތް އެނގިގެންދާނެއެވެ. އިން ޝާ ﷲ

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

މިއަދު އޮންލައިން