ބައިވެރިޔާއަށް ސިއްރުކުރެވޭނެކަމަށް ބަލައި މުޅިދުނިޔެއަށް ސިއްރުން ކުރާ ކަންކަން ބޭޒާރުވާ ސަބަބާ ލިބެން އޮތް ބޮޑު ދެރައިން ސަލާމަތްވެވޭނެ ގޮތް-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 48ސ
ބައިވެރިޔާއަށް ސިއްރުކުރެވޭނެކަމަށް ބަލައި މުޅިދުނިޔެއަށް ސިއްރުން ކުރާ ކަންކަން ބޭޒާރުވާ ސަބަބާ ލިބެން އޮތް ބޮޑު ދެރައިން ސަލާމަތްވެވޭނެ ގޮތް-

އެއީ ތަނަވަސް އަންހެނެއްގެ ފިރިމީހާއެވެ. އަނބިމީހާއަކީ ހުރި ހަމައެކަނި ދަރިފުޅުކަމަށްވެފައި ބައްޕަ މުސްކުޅިވުމުން ބައްޕަގެ ވިޔަފާރި ކުންފުނި ހިންގަން ހަވާލުކޮށްފައިވަނީ ފިރިމީހާއާއިއެވެ. އަނބިމީހާ އަކީ އަހަރަކު އެއްދުވަހުވެސް އޮފީހަށް އަންނަ މީހެއް ނޫނެވެ. އަދި އަންނަ މަދުދުވަހަކުވެސް އަންނާނީ ކުރިން ގުޅައި އަންނަ ވާހަކަ ބުނެފައެވެ.  

ފިރިމީހާ އޮފީހުގެ މުވައްޒަފަކާއި ލޯބީގެ ގުޅުން އުފައްދައި ކަންކަން ކުރެއެވެ. ލޯބިވެރިޔާއަށް މާލީގޮތުން އެހީވިނަމަވެސް ފާފަކުރަނީ ވަރަށް މަދުންނެވެ. އެތައް ދުވަހެއް ކޮށްފައެވެ. ވަރަށް ސިއްރުންނެވެ.  

އެއްދުވަހެކެވެ. ދެމީހުން ގުޅުން ހިންގި ދުވަހެކެވެ. އެކަމަށް ފެށިތަނުން ފެނުނީ އަނބިމީހާ އޮފީހަށް އައިސް ޑަބަލް ތަޅުދަނޑިން ދޮރުހުޅުވައި ވަންތަނެވެ. ބޭޒާރުވީއެވެ. އަނބިމީހާ ރޮމުން ބުންޏެވެ. "ކަލޭ މިކަންކުރާކަން ވިސްނޭތާ ކިތަންމެ ދުވަހެކެވެ. މިއަދު މިއައީ ހަމަ ބޮލަށް އުނދަގޫވާވަރުން ކެތް ނުކުރެވިގެންނެވެ."  

މިވީ ކިހިނެއް ހެއްޔެވެ؟ އަނބިމީހާއަށް އެކަންވިސްނައިދީ އުނދަގޫތައްވީ ކީއްވެގެން ހެއްޔެވެ؟ މިއުޅެނީ އެކަން ހިނގާ ގޮތް ކިޔައިދެވޭތޯއެވެ. ރަނގަޅަށް އަޑުއަހާށެވެ!  

ބައިވެރިޔާއަށް ބޭވަފާތެރިވާ ގިނަ މީހުން އެކަންކުރަނީ ކޮންމެހެން ބައިވެރިޔާ ކަމުނުގޮސް އޭނާއާއި ވަކިވުމުގެ ނިޔަތަކު ނުވަތަ ވަކިވާން ބޭނުންވެގެނެއް ނޫނެވެ. ޝައިޠޯނާ ދޭ ވަސްވާސްތަކަށް ހެއްލެވިގެންނެވެ. އެހެންވެ ކުށްތައް ކުރަނީ ވަރަށް ސިއްރުންނެވެ. މުޅިދުނިޔެއަށްވެސް ސިއްރުންނެވެ. މިބުނަނީ އިތުރު އެއްވެސް މީހަކަށް ނުއެނގޭނެހައި ބޮޑަށް ސިއްރުކޮށްގެންނެވެ.  

އެކަމަކު ސިއްރުކުރެވޭ ހެއްޔެވެ؟ އެކަމުން ތިމާއަށް އެންމެ ބޮޑަށް ދެރަ ލިބޭނެ ވަޤުތު އޮންނަނީ ބޭޒާރުވެފައެވެ. މިވަނީ ކިހިނަކުން ގިނަބައަކަށް ނުވެސް ވިސްނެއެވެ. އެހެންވެ ބޭޒާރުވުމުން ލިބެނީ ބޮޑު ސިހުމެކެވެ.   

ޒަވާޖީ ޙަޔާތެއް ފަށައިގެން ކުރިއަށްދާއިރު ފިރިމީހާއަށްވިޔަސް، އަނބިމީހާއަށް ވިޔަސް ކުރެވޭ ކުށަކާއި ގުޅިގެން އަނެކާ ސުވާލުކޮށްފިނަމަ ސުވާލު އެކުރަނީ އޭނާއަށް އެނގިގެންކަން ޔަޤީންކުރާށެވެ. އެކަން އޭނާއަށް ނުއެނގޭނަމަ ސުވާލުކުރާކަށް ނުއެނގޭނެއެވެ. ސުވާލުކުރީ ޝައްކެއްގެ މައްޗަށްކަމަށްވާނަމަ ޝައްކު އުފެދޭނީ ސަބަބުތަކެއް ހުރެގެންކަމަށް ޤަބޫލުކުރާށެވެ. ނޫންނަމަ ސީދާ "ޕޮއިންޓަށް" ސުވާލުކުރާކަށް ނުއެނގޭނެއެވެ.  

ލޮބުވެތި އެކުވެރިންނޭވެ! ތިމާއަށް ކުރެވެމުން އަންނަ ކުށަކާއި ގުޅިގެން ބައިވެރިޔާ ސުވާލުކޮށްފިނަމަ ދޮގުބުނެ އޮޅުވާލަން މަސައްކަތްނުކުރާށެވެ. އެހިސާބުންވެސް ތެދުބުނާށެވެ. މާފަށް އެދެންޖެހޭނަމަ މާފަށް އެދި އަވަހަށް އެކަން ޙައްލުކުރާށެވެ.  

އޮޅުވައިލެވޭނީ ދުވަސްކޮޅަކަށެވެ. ޙަޤީޤަތް ހާމަވާނެއެވެ. ޙަޤީޤަތާއި ކުރިމަތިލާންޖެހޭނެއެވެ. އެހެން މިބުނަނީ ދެމަފިރިން ދުރުކުރަން ގޯސްތައް ހައްދުވަނީ ޝައިޠޯނާއެވެ. އެކަން ކާމިޔާބުކުރެވުމުން އެކަން ފަޅާއަރުވާލައި ބޭޒާރުކޮށްލުވާނީވެސް ހަމަ ޝައިޠޯނާއެވެ. ޝައިޠޯނާ ހިންގުވި މަޝްރޫޢު ކާމިޔާބުކުރެވި ޝައިޠޯނާ ބޭނުންވިގޮތަށް ކަންތައްތައް ނިންމައިލެވޭނީ ފަޅާއަރުވާލައިގެންކަމަށްވާތީއެވެ.  

އެހެންވީމާ އަހުރެމެން އަބަދުވެސް ތިބެންޖެހޭނީ އެކަމަށް ތައްޔާރުވެގެންނެވެ. ކުށެއް ކުރެވިއްޖެނަމަ އެކަންކުރުވީ ޝައިޠޯނާކަން ޤަބޫލުކޮށް އަވަހަށް އެކަމެއް ކުރުން ހުއްޓައިލާށެވެ. ހުއްޓައިނުލެވެނީސް ބައިވެރިޔާ ސުވާލުކޮށްފިނަމަ ފުރަތަމަ ކަމަކަށްވެސް ވިސްނަންވީ ޝައިޠޯނާގެ ދެވަނަ މަޅީގައި ނުޖެހުމަށެވެ. އެއީ ކުރިން މިބުނިފަދައިން ދޮގުބުނެ އޮޅުވައިލުމެވެ.  

ކުރުކޮށް ނަމަވެސް މިބުނީ ވަރަށް ގިނަ ވާހަކަތަކެކެވެ. ޒަވާޖީ ޙަޔާތް ކާމިޔާބުކޮށް އުފާވެރި ދިރިއުޅުމަކަށް އުންމީދުކުރާ ކޮންމެ މީހަކުވެސް މިކަންކަމަށް ވިސްނައިލުން ބުއްދިވެރިއެވެ. މިމަގުން ޢަމަލުކޮށް ތެދުބުނެ މާފަށް އެދުމާއިއެކު ޢަމަލުތައް އިޞްލާޙްކޮށްފިނަމަ ޝައިޠޯނާއަށް ޖެހޭނީ ފޭލްވެގެން ދުރަށްދާށެވެ. އިން ޝާ ﷲ

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން