ތިބާގެ އުޚުތުންނަށް ތިބާގެ ކިބައިން އެންމެ ބޮޑަށް ބޭނުންވާނީ ކޮންކަމެއްކަން އެނގޭތަ؟ ގިނަ އުޚުތުން އެތިބެނީ ކޮންފަދަ ޙާލެއްގަކަމާއިމެދު ވިސްނާލަމުތަ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 5ސ
ތިބާގެ އުޚުތުންނަށް ތިބާގެ ކިބައިން އެންމެ ބޮޑަށް ބޭނުންވާނީ ކޮންކަމެއްކަން އެނގޭތަ؟ ގިނަ އުޚުތުން އެތިބެނީ ކޮންފަދަ ޙާލެއްގަކަމާއިމެދު ވިސްނާލަމުތަ؟

ބައެއް މީހުން އެމީހުންގެ އުޚުތުންނާއި ބައްދަލުވުމުން ހެޔޮ ނަޞީޙަތް ދެއެވެ. އެއީވެސް ކުރަންޖެހޭ ކަމެކެވެ. ނަމަވެސް ހެޔޮ ނަޞީޙަތަށްވުރެ ބޮޑަށް އެކަނބަލުންނަށް ބޭނުންވާނީ ތިބާގެ އެހީތެރިކަމެވެ.  

މާލީ އެހީތެރިކަމަކީވެސް މުހިންމު ކަމެކެވެ. ނަމަވެސް އެހީތެރިކަން މާނަކުރަންވީ އެހައި ހަނިކޮށެއް ނޫނެވެ. އެހީތެރިކަމުގެ ތެރޭގައި އަޅައިލުމާއި ޙިމާޔަތާއި ރައްކައުތެރިކަން ފޯރުކޮސްދިނުންވެސް ހިމަނަންވާނެއެވެ.  

މިޒަމާނުގައި ގިނަ އުޚުތުންވެސް ދިރިއުޅޭނީ އަމިއްލައަށް ފުދިގެންނެވެ. އެމީހުންގެ އަޚުންގެ ކިބައިން ބޭނުންވާނީ ދަތިޙާލެއްގައި ޖެހިއްޖެނަމަ އެހީތެރިވެދޭނެކަމުގެ ޔަޤީންކަމެވެ. އެމީހުންގެ ބައިވެރިޔާގެ ކިބައިން އަނިޔާ ލިބޭނަމަ އެމީހުން ދިފާޢުކޮށްދޭނެ ކަމުގެ ޔަޤީންކަމެވެ.  

ރަނގަޅަށް ބަލާށެވެ! ކައިވެނީގެ ތެރެއިން އަނިޔާ ލިބެމުންދާއިރުވެސް ގުޑާލަންވެސް ނުކެރި ބިރުން ތިބޭ ގިނަ އަންހެނުން އެގޮތަށް އެތިބެނީ އޭނާގެ އަޚުންގެ ކިބައިން އެހީތެރިކަން ލިބޭނެކަމުގެ ޔަޤީންކަން ނެތުމުންނެވެ. އެމީހުންނަށް ލިބެމުންދާ ހިތްދަތިކަމަށް ކެތްނުކުރެވިގެން ގޮސް ބަލިއެނދަށް ވެއްޓެމުން އެދަނީވެސް ހަމަ މިބުނި ސަބަބަށްޓަކައެވެ.  

ލޮބުވެތި އަޚުންނޭވެ! ތިބާގެ އުޚުތުންނަށްޓަކައި އެހީތެރިވެދޭ ބައަކު ކަމުގައިވާށެވެ! އެމީހުން އުފަލުގައި ދިރިއުޅުނަސް އެމީހުންގެ ޙާލުބަލާށެވެ! އެމީހުން ދެކެ ލޯބިވާކަމުގެ ޔަޤީންކަން ދެމުން ގެންދާށެވެ! ދަތިޙާލެއް ކުރިމަތިވުމުން ޙިއްޞާކުރަން ކެރޭނީވެސް އެއިރުންނެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން