ސަލްމާން މިސްކިތުގެ ކުތުބުޚާނާއަށާއި ޒަކާތު ހައުސްގެ ޑިޖިޓަލް ކުތުބުޚާނާ އަށް ޒަކާތާ ގުޅޭފޮތް ހަދިޔާކުރުމަށް ހުޅުވާލައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 29ސ
ސަލްމާން މިސްކިތުގެ ކުތުބުޚާނާއަށާއި ޒަކާތު ހައުސްގެ ޑިޖިޓަލް ކުތުބުޚާނާ އަށް ޒަކާތާ ގުޅޭފޮތް ހަދިޔާކުރުމަށް ހުޅުވާލައިފި

ކިންގް ސަލްމާން މިސްކިތުގައި ޤާއިމުކޮށްފައިވާ އިސްލާމީ ކުތުބުޚާނާއަށާއި ދިވެހިރާއްޖޭގެ ޒަކާތު ހައުސްގެ ޑިޖިޓަލް ކުތުބުޚާނާއަށް، ޒަކާތާ ގުޅޭގޮތުން ލިޔެފައިވާ ފޮތްތައް ހަދިޔާކުރުމުގެ ފުރުޞަތު ވަނީ ހުޅުވާލާފައެވެ.

ޒަކާތު ހައުސްއިން މަޢުލޫމާތު ދެއްވިގޮތުގައި މިއީ އިސްލާމިކް ލައިބްރަރީ އާއި ޒަކާތު ހައުސްގެ ޑިޖިޓަލް ލައިބްރަރީ މުއްސަނދިކޮށް، އިސްލާމީ ތަޢުލީމީ ވަސީލަތްތައް އިތުރުކުރުމަށާއި، ޑިޖިޓަލް ޕްލެޓްފޯމްތަކުގެ ޒަރީޢާއިން ޒަކާތާ ގުޅޭގޮތުން ހޭލުންތެރިކަން އިތުރުކުރުމަށް ކުރެވޭ މުހިންމު މަސައްކަތެކެވެ.

ފޮތްތައް ހަދިޔާކުރަން ބޭނުންވާ ފަރާތްތަކުން ފޮތްތަކާ ގުޅޭ މަޢުލޫމާތު [email protected] އަށް އީ-މެއިލްކުރެއްވުމުން، ފޮތް ހަދިޔާ ކުރެވޭނެ އިންތިޒާމު ޒަކާތު ހައުސްއިން ހަމަޖައްސައިދޭނެ ކަމަށް އެ އިދާރާއިން ވަނީ ހާމަކޮށްފައެވެ.

އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ އޮންލައިން ލައިބްރަރީގައި މިހާރުވެސް ރިޔާޟުއްޞާލިޙީން އަދި ފިޤުހުއްސުންނާ ފަދަ މަޝްހޫރު ދީނީ ފޮތްތަކުގެ ދިވެހި ތަރުޖަމާގެ އިތުރުން އިސްލާމީ ޢަޤީދާއާއި، ފިޤުހާއި، ކީރިތި ރަސޫލާގެ ސުންނަތާއި، ހިދާޔަތުގެ އަލި މަޖައްލާ ފަދަ ފޮތްތަކާއި މަޖައްލާތައް އޮންލައިންކޮށް ލިބެން ހުރެއެވެ.

ފާހަގަކޮށްލެވޭ ގޮތުގައި މި އަހަރުގެ ސެޕްޓެމްބަރ މަހު ސަޢުދީ އަރަބިއްޔާގެ އަލް އިމާމު މުޙައްމަދު އިބްނު ސަޢުދު އިސްލާމިކް ޔުނިވަރސިޓީން ދިވެހިރާއްޖޭގެ އިސްލާމީ ލައިބްރަރީތަކަށް 64,000 ފޮތް ވަނީ ހަދިޔާކޮށްފައެވެ. މި ހަދިޔާއަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދެއް ކަމަށްވާ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އިސްލާމީ ލައިބްރަރީތައް ޤާއިމްކުރުމުގެ މަސައްކަތަށް ލިބުނު ބޮޑު ކުރިއެރުމެއް ކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ވަނީ ފާހަގަކޮށްފައެވެ.

މިއަދު އޮންލައިން