ބީއެމްއެލްގެ ސްކޮލަރޝިޕް ފަންޑް ލިބޭ ދަރިވަރުން ހޮވައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 28ސ
ބީއެމްއެލްގެ ސްކޮލަރޝިޕް ފަންޑް ލިބޭ ދަރިވަރުން ހޮވައިފި

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން 2025 ވަނަ އަހަރަށް ސްކޮލަރޝިޕް ފަންޑު ލިބޭ ތިން ދަރިވަރުން ހޮވައިފިއެވެ. މިގޮތުން ސްކޮލަރޝިޕް ލިބުނު ދަރިވަރުންގެ ތެރޭގައި މުޙައްމަދު ޢާހިލް އަޙްމަދު، މަރްޔަމް ޖައިޝާން ޖަލީލު އަދި މުޙައްމަދު ޝައުން ޙިލްމީ ހިމެނެއެވެ.

ބީއެމްއެލް ސްކޮލަރޝިޕް ފަންޑަކީ ތަޢުލީމީ ގޮތުން އެންމެ ރަނގަޅު ނަތީޖާ ހާސިލުކުރާ ދަރިވަރުންނަށް ދުނިޔޭގެ އެންމެ މަތީ 200 ޔުނިވަރސިޓީގެ ތެރެއިން ޔުނިވަރސިޓީއެއްގައި ބޭންކިންގ އެންޑް ފައިނޭންސްގެ ދާއިރާއިން އަންޑަރގްރެޖުއޭޓް ޕްރޮގްރާމެއް ފުރިހަމަކުރުމަށް ހުރިހާ ޚަރަދެއް ހަމަޖައްސައިދޭ ސްކޮލަރޝިޕެކެވެ.

މި ސްކޮލަރޝިޕް ޕްރޮގްރާމާ ގުޅޭ ގޮތުން ބޭންކުގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަރީފް ވިދާޅުވެފައިވަނީ، "މި އަހަރު ސްކޮލަރޝިޕް ހާސިލުކުރި ދަރިވަރުންނަށް މަރުހަބާ ދަންނަވަން. މި ކާމިޔާބީއަކީ ތިޔަ ދަރިވަރުންގެ ހިތްވަރާއި މިންނެތް މަސައްކަތުގެ ނަތީޖާ. މި ފުރުސަތާއެކު ތިޔަ ދަރިވަރުންގެ ފަންނީ ގާބިލުކަން އިތުރުކޮށް، އަދި ތައުލީމް ހާސިލްކޮށް ނިމުމުން ރާއްޖޭގޭ މާލީ ދާއިރާގެ ތަރައްގީއަށް މުހިންމު ދައުރެއް އަދާކޮށްދޭނެ ކަމަށް އަޅުގަނޑު އުއްމީދުކުރަން" ކަމަށެވެ.

ބީއެމްއެލް ސްކޮލަރޝިޕް ފަންޑަކީ ރާއްޖޭގެ ބޭންކިންގ އަދި ފައިނޭންސް ދާއިރާ ކުރިއަރުވައި، އިތުރަށް ހަރުދަނާ ކުރުމަށް ބޭންކުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ކުރިއަށް ގެންދާ މުހިންމު ޕްރޮގްރާމެކެވެ. މި ޕްރޮގްރާމުގެ ދަށުން 2022 ވަނަ އަހަރުން ފެށިގެން މިހާތަނަށް 9 ދަރިވަރަކު ވަނީ ހޮވިފައެވެ. މި ދަރިވަރުން މިހާރު އަންނަނީ އިނގިރޭސިވިލާތާއި އޮސްޓްރޭލިއާގެ އެންމެ މަތީ ފަންތީގެ ޔުނިވަރސިޓީތަކުގައި ތަޢުލީމު ހާސިލުކުރަމުންނެވެ.

މިއަދު އޮންލައިން