ޑިސެމްބަރުމަހު އިތުރު 40 ރަށުގައި ފުލުހުންގެ މަރުކަޒުތައް ތަރައްޤީކުރުމަށް ދަނީ ތައްޔާރުވަމުން: ވަޒީރު އިޙްސާން

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 20ސ
ޑިސެމްބަރުމަހު އިތުރު 40 ރަށުގައި ފުލުހުންގެ މަރުކަޒުތައް ތަރައްޤީކުރުމަށް ދަނީ ތައްޔާރުވަމުން: ވަޒީރު އިޙްސާން

ޑިސެމްބަރުމަހު އިތުރު 40 ރަށުގައި ފުލުހުންގެ މަރުކަޒުތައް ތަރައްޤީކުރުމަށް ދަނީ ތައްޔާރުވަމުން އަންނަކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިޙްސާން ވިދާޅުވެއްޖެއެވެ.

ދައުލަތުގެ މީޑިއާއަށް މަޢުލޫމާތު ދެއްވަމުން ވަޒީރު އިޙްސާން ވިދާޅުވީ، މީހުން ދިރިއުޅޭ ހުރިހާ ރަށެއްގެ ތެރެއިން އިސްކަންދީފައިވާ ތަރުތީބުން މިހާތަނަށް 56 ރަށުގައި ފުލުހުންގެ މަރުކަޒު ތަރައްޤީކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ.

މި ސަރުކާރު އައިއިރު ރާއްޖޭގައި ފުލުހުންގެ އަމިއްލަ މަރުކަޒުތައް ޤާއިމްކޮށްގެން ޚިދުމަތް ފޯރުކޮށްދެމުން އައީ ގާތްގަނޑަކަށް 20 ރަށުގައި ކަމަށާއި، ނަމަވެސް އެ ޚިދުމަތް ފޯރުކޮށްދެމުން ދިޔައީ އެކަށީގެންވާ ތަންތަނުގައި ނޫންކަން ވަޒީރު ފާހަގަކުރެއްވިއެވެ. އޭގެ ސަބަބުން ރައްޔިތުންނަށް ފޯރުކޮށްދޭންޖެހޭ ޚިދުމަތް އެންމެ ރަނގަޅަށް ފޯރުކޮށްނުދެވޭކަމަށްވެސް ވިދާޅުވިއެވެ.

"ރައީސްގެ ވިޝަން އަކީ ރައްޔިތުން ބޭނުންވާ ފަދަ ފުރިހަމަ ފުލުހުންގެ ޚިދުމަތެއް ފޯރުކޮށްދިނުން. މިގޮތަށް ޚިދުމަތް ދެމުން އަންނައިރު ކުށްތައް ހިނގުމުގެ ކުރިން ފުލުހުން އެކަމަކާ އެންގޭޖްވެ ކުށުގެ މާހައުލު ނައްތާލުމަށް މަސައްކަތް ކުރާނެ. އަދި މުޖުތަމަޢުގެ ތެރޭގައި ފުލުހުން ބޭނުންކޮށްގެން އެއްބައިވަންތަކަން ޤާއިމްކުރުމަށް މަސައްކަތް ކުރަމުންދާނެ،" ވަޒީރު އިޙްސާން ވިދާޅުވިއެވެ.

މި މަޝްރޫޢުގެ ދަށުން ރަށްރަށުގައި ޤާއިމްކުރެވޭ ފުލުހުންގެ މަރުކަޒުތަކުން ރައްޔިތުންނަށް ފުރިހަމަ ޚިދުމަތެއް ފޯރުކޮށްދިނުމަށް މަގުފަހިވެގެންދާނެ ކަމަށް ބެލެވެއެވެ. އަދި މިކަމުގެ ސަބަބުން ރަށްރަށުގައި ކުށްކުރުން މަދުކުރުމަށާއި، މުޖުތަމަޢުގެ ރައްކާތެރިކަން އިތުރުކުރުމަށް އެހީތެރިވެގެންދާނެ ކަމަށް އުންމީދުކުރެވެއެވެ.

މިއަދު އޮންލައިން