ތައުބާވެވޭނީ ކިތައްފަހަރު؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 38ސ
ތައުބާވެވޭނީ ކިތައްފަހަރު؟

ތައުބާވެވޭނީ ކިތައްފަހަރުތޯ؟ ބައެއް މީހުން ސުވާލުކުރެއެވެ. އެހެންވެ މަސައްކަތްމިކުރަނީ އެސުވާލަށް ޖަވާބުދޭށެވެ! އިން ޝާ ﷲ ޖަވާބުދޭނަމެވެ.  

ބައެއް މީހުން އެމީހުންނަށް ކުރެވެމުން އަންނަ ފާފައެއް ކުރުން ހުއްޓާލައި ތައުބާވުމަށްފަހު އެމީހުންގެ ތައުބާ ޤަބޫލުފުޅު ކުރެއްވެވި ކަމާއިމެދު ކަންބޮޑުވެގެން އުޅެއެވެ. އަނެއް ބައަކު ފާފަކުރަން ހުއްޓާލަން ބޭނުންވުމުން ސުވާލު އުފައްދައެވެ. އެމީހުންގެ ތައުބާ ޤަބޫފުޅުކުރައްވަވާނެ ކަމާއިމެދުގައެވެ. 

މިދެޙާލަތުގައިވެސް އަމިއްލައަށް ވިސްނައިލާށެވެ! ފާފަކުރުން ހުއްޓާލައި ތައުބާވުމަށް ކުރަން އޮތީ 3 ކަމެކެވެ. ފުރަތަމަ ކަމަކީ ކުރަމުން އައި ފާފަކުރުން ހުއްޓައިލުމެވެ. ދެވަނަ ކަމަކީ ކުރެވުނު ޢަމަލުތަކާއިމެދު ދެރަވެ ހިތާމަކުރުމެވެ. 3 ވަނަ ކަމަކީ އަލުން ފާފައެއް ނުކުރަން ހިތުގައި ޢަޒުމް ކަނޑައެޅުމެވެ. މި 3 ކަންތައް ކުރުމުގައި އިޚްލާޞްތެރިވެވިއްޖެނަމަ އެހިސާބުން އެމީހަކަށް އެވަނީ ތައުބާވެވިފައެވެ. ﷲ ތަޢާލާ އެމީހާގެ ތައުބާ ޤަބޫލުފުޅުކުރައްވަވާނެތެވެ. އިން ޝާ ﷲ  

ދެން އޮތީ އެންމެ ބޮޑު ކަންބޮޑުވުމެވެ. ތައުބާވެގެން ހުއްޓައިވެސް ފާފައެއް ކުރެވުނީއެވެ. އެފަދަ ޙާލަތުގައިވެސް މުސްލިމުންނަށް އޮތީ މާޔޫސްނުވުމެވެ. ހަމައަނެއްކާވެސް ކުރިން މިބަޔާންކުރި މަގުން ޢަމަލުކޮށް ތައުބާވާށެވެ. އެގޮތުގައި ދެމިހުންނަން މަސައްކަތްކުރާށެވެ.  

އިންސާނުންނަކީ ބަލިކަށިބައެއްކަމާއި ކޮންމެ ވަޤުތަކުވެސް ފާފައެއް ކުރެވިދާނެކަން ﷲ ތަޢާލާ ދެނެވޮޑިގެންވެއެވެ. ތަކުރާރުކޮށް ތައުބާވުމުން ވެސް ތައުބާ ޤަބޫލުފުޅު ކުރައްވަވަނީ އެސަބަބަށްޓަކައެވެ. މައްސަލައަކަށްވާންޖެހޭނީ ގިނަ ފަހަރު ތައުބާވާންޖެހުމަކުން ނޫނެވެ. މައްސަލައަކަށްވާންޖެހޭނީ ތައުބާނުވެވި ހުރެވޭނަމައެވެ.  

ވީމާ ތައުބާވުމާއި، ގިނަ ފަހަރަށް ތައުބާވާންޖެހުމުންނާއި، ތައުބާވުމުން ﷲ ތަޢާލާ ޤަބޫލުފުޅު ކުރައްވަވާނެ ކަމާއިމެދު ޝައިޠޯނާ އުފައްދުވާ ވަސްވާސްތަކަށް ނުހެއްލޭށެވެ. ތައުބާވުމުން ތައުބާ ޤަބޫލުފުޅު ކުރައްވަވާނެ ކަމަށް އޮތް ވަޙީބަސްފުޅަށް އިތުބާރުކުރާށެވެ! 

ތަކުރާރުކޮށްލާނަމެވެ! ތައުބާވުމަކަށް ޢަދަދެއް ނެތެވެ. ފާފައެއް ކުރެވޭއިރަށް ތައުބާވާށެވެ! މައްސަލައަކަށްވާނީ ތައުބާނުވެވި ހުންނަނަމައެވެ. ބިރުވެރިކަން އޮތީ ތައުބާ ނުވެވި ހުއްޓައި މަރުއައިސް ބައްދަލުކޮށްފިނަމައެވެ.  

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

 

މިއަދު އޮންލައިން