އަނބިމީހާކަމަސްވީނަމަވެސް އަދި ފިރިމީހާކަމަށްވީނަމަވެސް ފުރަތަމަ ކަމަކަށްވެސް ބައިވެރިޔާގެ ކިބައިން ތިބާ ހިތްހަމަނުޖެހޭ ޒާތުގެ ކަންކަން ފެންނަނަމަ އެކަމުގެ ވާހަކަ ނުދައްކައި މަޑުނުކުރާށެވެ! ކަންބޮޑުވާކަމާއި ނުރުހޭކަން ފައުޅުނުކޮށް ގިނަދުވަސްތަކެއް ފާއިތުނުކުރާށެވެ!
މިޘާލަކަށް ފިރިމީހާ ގެއަށް އައުން ލަސްވަނީއެވެ. އެހެންވެ ނުނިދިފައި އޮންނަންޖެހެނީއެވެ. އެހެންކަމަށްވާނަމަ އެމައްސަލަ އަވަހަށް ފާހަގަކުރާށެވެ! އެކަމުން ތިމާއަށް އުފުލަންޖެހޭ ހިތްދަތިކަން ބަޔާންކުރާށެވެ! ކައިވެނިކުރީ ދެމީހުން އެކުގައި ނިދަންކަމަށާއި އެކަނި އޮވެގެން ނިދަން ނޫންކަން ބަޔާންކުރާށެވެ.
ބަޔާންކުރުމުން ސަމާލުކަން ނުދީފިނަމަ އަޅާނުލައި ހުންނަންވީއެއް ނޫނެވެ. ފިޔަވަޅުއަޅަންވީއެވެ. އަޅަންޖެހޭނެ ފިޔަވަޅަކީ އިޞްލާޙްވާން މުއްދަތެއް ދިނުމަށްފަހު އިޞްލާޙް ނުކުރިނަމަ އެމީހަކާއި ވަކިވުމެވެ. ސަބަބަކީ އެކަން އިޞްލާޙް ނުކުރާނަމަ އެއިގެ މާނައަކީ ފިރިމީހާއަށް ތިބާ މުހިންމު ނޫންކަމެވެ.
ދެމަފިރިންނަށް ލޯބިން އެކުގައި ދިރިއުޅެވޭނީ ދެމީހުންނަށްވެސް ބައިވެރިޔާ މުހިންމުވެގެންނެވެ. އެކަކަށް މުހިންމުވެގެން އުފާވެރި ދިރިއުޅުމެއް ނުއުޅެވޭނެއެވެ. ވީމާ ޙަޔާތުން ދުވަސްތަކެއް ބޭކާރު ގޮތުގައި ހޭދަކޮށްލުމުގެ ބޭނުމެއް ނެތެވެ. އެއިރުން ލިބޭނީ އިތުރު ގެއްލުމާއި އަނިޔާއެވެ. ދިރިއުޅުމާއިމެދު މާޔޫސްކަން އިތުރުވުން ނޫންކަމެއް ނުވާނެއެވެ.
ގިނަފަހަރަށް އަނބިންނަށް ކަންކަން ކުރެވޭ ގޮތަކީ އަޅާނުލައި ތިބެވެނީއެވެ. އެތައް ދުވަހެއް ފާއިތުވެ ދެން ކެތްނުކުރެވޭވަރުވުމުން ކަންބޮޑުވުން ފައުޅުކުރަނީއެވެ. އެއިރު ފިރިމީހާ ހުންނަނީ ރޭގަނޑު ލަހުން ގެއަށް އަންނަން އާދަވެފައެވެ. އެއްވެސް ނުބައިކަމެއް ކުރަން އާދަވުމުން އެކަން އިޞްލާޙްކުރަން ފަސޭހައެއް ނުވާނެއެވެ.
ހަމަ އެއާއިއެކު އަނބިމީހާއަކީ ރީތިވެގެން ހުންނަން ޝައުޤުވެރި އަންހެނަކަށް ނުވެދާނެއެވެ. އެޙާލަތުގައި އަނބިމީހާ ގާތު ނުބުނެ ނުހުންނާށެވެ! ރީތިވެގެން ހުންނަންބުނާށެވެ! އަދި އެކަމަށް މަގުފަހިކޮށްދީ ހިތްވަރުދޭށެވެ! ބުނާށެވެ! "އަހުރެންގެ ހިތުގެ ރާނީ އަބަދުވެސް އިންނަންވާނީ ރީތި މަލެއް ފަދައިން ފަރިވެ ފޮޅިގެންނެވެ.
- އަލަފް