މިތަނަށް އެއްވެ މިތިބަ އެންމެންނަށް ބަލާށެވެ! އެންމެންގެ ޙާލަތަށް ބަލާށެވެ! އެންމެ ގިނަ ބައެއްގެ އެންމެ ބޮޑު ކަންބޮޑުވުމަކަށް އޮންނާނީ ލިބޭ މިންވަރު މަދުވުމެވެ. ގިނަވާނީ ލިބޭ މިންވަރުން ދެކޮޅު ނުޖެއްސި ވަރަށް ދަތިޙާލުގައި އުޅެންޖެހިފައިވާ މީހުންނެވެ.
އެއިގެ މާނައަކީ ކޮންމެހެން އެންމެންނަކީ އެފަދަ ދަތިޙާލުގައި އުޅެންޖެހިފައިވާ ބައަކަށްވުމެއްވެސް ނޫނެވެ. އެކަން އެގޮތަށް މެދުވެރިވާ އެއް ސަބަބަކީ ފުދިގެން ތަނަވަހުގައި އުޅެވޭނަމަ މިފަދަ ދަރުސްތައް އަޑުއަހަން ބޭނުންވާ މީހުން މަދުވުމެވެ.
އެހެންވެ އަހުރެން މުޚާޠަބް މިކުރަނީ މިތަނުގައި މިތިބަ މީހުންނަށެވެ. އެމީހަކަށް ލިބޭ މިންވަރު މަދުވެގެން ކަންބޮޑުނުވާށެވެ! ލިބޭ މަދުމިންވަރުގެ ބޭނުން އެންމެ ހެޔޮގޮތުގައި ހިފާށެވެ. ފުރަތަމަ ކަމަކަށްވެސް އަނބިދަރިންނާއި މައިންބަފައިންގެ ބޭނުންތައް ފުއްދައިދޭން މަސައްކަތްކުރާށެވެ! އަދި އަތުގައި ހުރިމިންވަރަކުން ޢާއިލާގެ ކޮންމެ މީހަކަށްވެސް އެހީތެރިވާށެވެ! މާދަމާ ކާނެ އެއްޗެއް ނެތިދާނެތީ ކަންބޮޑުނުވާށެވެ! މާދަމާގެ ކަންކަން ﷲ ތަޢާލާއަށް ވަކީލްކުރާށެވެ!
އެއިރުން އެމީހަކަށް ރިޒުޤް ތަނަވަސްކޮށްދެއްވަވާނެތެވެ. ދެއްވަވާ ރިޒުޤުގައި ބަރަކާތް ލައްވަވާނެތެވެ. އެމީހަކަށްޓަކައި ރަޙްމަތުގެ ދޮރުކޮޅުތައް ހުޅުއްވަވައި ދެއްވަވާނެތެވެ.
ހިތާމައަކީ މުޅިގޭގެ ހުރިހާ ކަމަކަށް 10 ޑޮލަރު ޚަރަދުކޮށްފައި އެކުވެރިންނާއިއެކު މަޖާކޮށްލަންވެސް ހަމައެވަރު ނުވަތަ އެއަށްވުރެ ގިނައިން ޚަރަދުކުރެވޭ ކަމެވެ. އެއިރުން އެކުވެރިންނާއިއެކު އެކެވެނީ ޙަރާމް އެއްޗެއް ކަމަށް ބުނަނީއެއް ނޫނެވެ. ނަމަވެސް އެއިރުން ޚަރަދުއެކުރެވެނީ ﷲ ތަޢާލާ ހުއްދަކުރައްވަވާފައިވާ ގޮތަކަށް ނޫނެވެ. އެކަމަށް ނެރޭނެ ޙުކުމެއް އެމީހަކު އަމިއްލައަށް ނެރޭށެވެ!
އަހުރެންނަށް އެނގޭ މިންވަރުން މިބުނަނީއެވެ. ލިބޭ މިންވަރުން ތިމާ ޚަރަދުކުރަންޖެހޭ މީހުންނަށް ޚަރަދުކުރުމަށްވުރެ ބޮޑަށް ރިޒުޤް ތަނަވަސްވާނެ މަގެއް އަހުރެންނަކަށް ނުއެނގެއެވެ. ތިމާ ޚަރަދުކުރަންޖެހޭ މީހުންނަށް ޚަރަދުކުރާނަމަ އެކުރެވެނީ ޞަދަޤާތެވެ! ތިމާއަށް ލިބޭ ހުރިހާ އެއްޗެއް ޞަދަޤާތްކުރާމީހަކަށް ބޮޑުތަނުން ރަޙްމަތް އިތުރުކުރައްވަވާނެކަން އެއީ ޔަޤީންކަމެކެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން