ރައީސް މާވަށަށް ވަޑައިގަތުމުން ހޫނު މަރުހަބާއެއް ދަންނަވައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 12ސ
ރައީސް މާވަށަށް ވަޑައިގަތުމުން ހޫނު މަރުހަބާއެއް ދަންނަވައިފި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހައްދުންމަތީގައި މީހުން ދިރިއުޅޭ ރަށްރަށަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން މިއަދު އެއަތޮޅު މާވަށަށް ވަޑައިގަތުމުން ހޫނު މަރުޙަބާއެއް ދަންނަވައިފިއެވެ.

ލ. މާވަށަށް ރައީސުލްޖުމްހޫރިއްޔާ ވަޑައިގެންނެވުމުން އެރަށުގެ މުއައްސަސާތަކުގެ އިސްވެރިންނާއި މުވައްޒަފުންނާއި ރަށުގެ އެކި އުމުރުފުރާތަކުގެ ރައްޔިތުން ވަނީ އެމަނިކުފާނަށް ހޫނު މަރުޙަބާއެއް ދަންނަވާފައެވެ. ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި އެރަށު ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިތުރުން ރަށުގެ މުއައްސަސާތަކުގެ އިސްވެރިންނާ ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި ލ. މާވަށުގެ ތަރައްޤީއަށް ގިނަ މަޝްރޫޢުތަކެއް ފެށްޓެވުމަށް ވަނީ ހަމަޖެހިފައެވެ. މީގެ ތެރޭގައި އެރަށުގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަޝްރޫޢު ފެށުމާއި، ބޭންކް އޮފް މޯލްޑިވްސްގެ ބްރާންޗުގެ ބިންގާ އެޅުން ހިމެނެއެވެ.

މީގެ އިތުރުން، ރަށުގެ ގިރާ ސަރަހައްދު ހިމާޔަތްކުރުމުގެ މަސައްކަތްވެސް މި ދަތުރުފުޅުގައި ފަށްޓަވައިދެއްވުމަށް ވަނީ ހަމަޖެހިފައެވެ. މި މަޝްރޫޢުތަކަކީ ރަށުގެ ތަރައްޤީއަށާއި ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު މަތިކުރުމަށް ސަރުކާރުން ކުރިއަށް ގެންދާ މަސައްކަތްތަކުގެ ތެރެއިން ބައެކެވެ.

މިއީ ރައީސުލްޖުމްހޫރިއްޔާ ލ. އަތޮޅަށް ކުރައްވާ ދަތުރުފުޅުގައި ވަޑައިގެންނެވި ފުރަތަމަ ރަށެވެ.

މިއަދު އޮންލައިން