ސެންޓަރ އެންޓަރޕްރައިސަސް ކުންފުނީގެ މަކަރާއި ޙީލަތުގެ މައްސަލަ ތަހުގީގު ކުރުމަށް ފުލުހުންނަށް ހުށަހަޅައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 32ސ
ސެންޓަރ އެންޓަރޕްރައިސަސް ކުންފުނީގެ މަކަރާއި ޙީލަތުގެ މައްސަލަ ތަހުގީގު ކުރުމަށް ފުލުހުންނަށް ހުށަހަޅައިފި

ސެންޓަރ އެންޓަރޕްރައިސަސް ޕްރައިވެޓް ލިމިޓެޑުން ސައްހަ ނޫން ލިޔެކިޔުންތައް ކޯޓަށް ހުށަހަޅައިގެން މަކަރާއި ޙީލަތުން ދައުލަތުން ފައިސާ ހޯދަން މަސައްކަތްކޮށްފައިވާ ކަމަށް އޮޑިޓުން ދައްކާތީ، އެ މައްސަލައިގައި ތުހުމަތުކުރެވޭ ފަރާތްތަކާމެދު ތަހުގީގު ހިންގުމަށް ބަންޑާރަނައިބު ދިވެހި ފުލުހުންގެ ޚިދުމަތަށް ވަނީ ހުށަހަޅުއްވާފައެވެ.

އޮޑިޓަރ ޖެނެރަލްގެ އޮފީހުން ހިންގި ޚާއްސަ އޮޑިޓަކުން ހާމަވި ގޮތުގައި، މި ކުންފުނިން ވަނީ 2006 އާއި 2010 އާ ދެމެދު ދައުލަތުގެ އިދާރާތަކާއި ކުންފުނިތަކަށް ފޯރުކޮށްދީފައިވާ ކަމަށް ބުނާ މުދަލާއި ޚިދުމަތްތަކަށް ލިބެންޖެހޭ ކަމަށް ބުނާ 400 މިލިއަނެއްހާ ރުފިޔާ ހޯދުމަށް 2020 ވަނަ އަހަރުން ފެށިގެން ކޯޓަށް މައްސަލަތައް ހުށަހަޅާފައެވެ.

އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި، ހެލްތު މިނިސްޓްރީގެ ދަށުން ހިނގަމުންދިޔަ ޑިޕާޓްމަންޓް އޮފް މެޑިކަލް ސަރވިސަސް (ޑީއެމްއެސް) އަށް ފޯރުކޮށްދިން ކަމަށް ބުނާ މެޑިކަލް އިކުއިޕްމަންޓްސްއާއި ކޮންސިއުމަބަލްސްގެ މައްސަލައިގައި ކުންފުނިން ކޯޓަށް ހުށަހެޅި މުހިންމު ލިޔެކިޔުންތަކަކީ ފޯޖުކޮށްފައިވާ ސައްހަ ނޫން ލިޔުންތަކެއް ކަމަށް ބެލެވެއެވެ.

މީގެއިތުރުން، ކޯޓަށް ހުށަހެޅި އެއްބަސްވުމުގައި ރަށްރަށުގެ ޞިއްޙީ ޚިދުމަތްދޭ މަރުކަޒުތަކަށް މުދާ ފޯރުކޮށްދިން ކަމަށް ބުނާއިރު، އެއްވެސް ތަނަކަށް މުދާ ފޯރުކޮށްދިން ކަމުގެ ޑެލިވަރީ ނޯޓެއް ހުށަހަޅާފައި ނުވާކަން ފާހަގަކުރެވެއެވެ. އަދި ކޯޓަށް ހުށަހެޅި ސްޓޭޓް ބޭންކް އޮފް އިންޑިޔާގެ ބޭންކު ގެރެންޓީއަކީވެސް ސައްހަ ނޫން ލިޔުމެއްކަން އެ ބޭންކުން ވަނީ ކަށަވަރުކޮށްދީފައެވެ.

އޮޑިޓަރ ޖެނެރަލް ވަނީ މި މައްސަލައިގައި ސައްހަ ނޫން ލިޔެކިޔުންތައް ކޯޓަށް ހުށަހަޅައިގެން، ފޯރުކޮށްނުދޭ މުދަލަށް ފައިސާ ހޯދަން މަސައްކަތްކުރާ ފަރާތްތަކާމެދު ފުލުހުންގެ އިދާރާ މެދުވެރިކޮށް ތަހުގީގުކުރުމަށް އިލްތިމާސްކުރައްވާފައެވެ.

މިއަދު އޮންލައިން