ލ. މާވަށު ސްކޫލުގެ އެކްސްޓެންޝަން އިމާރާތުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީ.ސީ.ސީ) އާ މިއަދު ޙަވާލުކޮށްފިއެވެ.
މި މަސައްކަތް އެމްޓީ.ސީ.ސީއާ ޙަވާލުކުރުމަށް ނިންމާފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ލ. މާވަށު ރައްޔިތުންނާއެކު ބޭއްވެވި ބައްދަލުވުމެއްގައި ކަމަށްވާއިރު، މި މަޝްރޫޢުގެ އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ތަޢުލީމީ ވުޒާރާގެ ވަޒީރު ޑރ. އިސްމާޢީލް ޝަފީޢުއެވެ. އެމްޓީ.ސީ.ސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ސަޢުދީއެވެ.
މި މަޝްރޫޢުގެ ދަށުން މާވަށު ސްކޫލަށް 9 ކްލާސްރޫމް އިތުރުކުރުމުގެ އިތުރުން، ސްކޫލުގެ ލެބޯރަޓަރީއާއި ލައިބްރަރީ އިމާރާތްކުރުމާއި ވަށާފާރުގެ މަސައްކަތްވެސް ހިމެނެއެވެ. މި މަސައްކަތްތަކަކީ ސްކޫލުގެ ވަސީލަތްތައް އިތުރުކޮށް، ދަރިވަރުންނަށް ފޯރުކޮށްދެވޭ ތަޢުލީމީ ޚިދުމަތްތައް ފުޅާކުރުމަށް އެޅޭ މުހިންމު ފިޔަވަޅެކެވެ.
މި މަޝްރޫޢުގެ ސަބަބުން މާވަށު ސްކޫލުގެ ވަސީލަތްތައް އިތުރުވެ، ދަރިވަރުންނަށް ފޯރުކޮށްދެވޭ ތަޢުލީމީ ޚިދުމަތްތަކުގެ ފެންވަރު މަތިވެގެންދާނެ ކަމަށް އުންމީދުކުރެވެއެވެ. އަދި މިއީ ސަރުކާރުން ރާއްޖޭގެ ތަޢުލީމީ ދާއިރާ ކުރިއެރުވުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން އެޅޭ އިތުރު ފިޔަވަޅެއް ކަމުގައިވެސް ފާހަގަކުރެވެއެވެ.