ލ. މާވަށު ބިން ހިއްކުމުގެ މަޝްރޫޢުގެ މަސައްކަތް ކުރިއަށްދާ ގޮތް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ބައްލަވާލައްވައިފިއެވެ.
މިއީ ރައީސުލްޖުމްހޫރިއްޔާ ލ. އަތޮޅުގެ މީހުން ދިރިއުޅޭ ރަށްރަށަށް މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން މިއަދު ހެނދުނު މާވަށަށް ކުރެއްވި ޒިޔާރަތުގައެވެ.
ބިން ހިއްކުމުގެ މަސައްކަތް ކުރިއަށްދާ ސަރަހައްދަށް ކުރެއްވި ޒިޔާރަތުގައި، މަޝްރޫޢުގެ މަސައްކަތް ކުރިއަށްދާ ގޮތުގެ ތަފްސީލީ މަޢުލޫމާތު އެމްޓީސީސީގެ ފަރާތުން ރައީސުލްޖުމްހޫރިއްޔާއަށް ހިއްސާކޮށްފައިވެއެވެ. މި ދަތުރުފުޅުގައި މިނިސްޓަރ ޑރ. ޢަބްދުﷲ މުއްޠަލިބާއި، އެމްޓީސީސީގެ މެނޭޖިންގ ޑިރެކްޓަރ (ރިޓަޔަރޑް) ޑީސީޕީ އަޙްމަދު ސަޢުދީގެ އިތުރުން ސަރުކާރުގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.
މި މަޝްރޫޢުގެ ދަށުން އެންމެ ފުރަތަމަ ހިއްކުމަށް ހަމަޖެހިފައިވަނީ 15 ހެކްޓަރުގެ ބިމެކެވެ. ނަމަވެސް، ޕްރޮޖެކްޓްގެ ސްކޯޕަށް ގެނެވުނު ބަދަލުތަކާ ގުޅިގެން އިތުރު 15 ހެކްޓަރުގެ ބިން ހިއްކުމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ނިންމަވާފައެވެ.
މި ބަދަލާ ގުޅިގެން މުޅި މަޝްރޫޢު ނިމޭއިރު ޖުމްލަ 30 ހެކްޓަރުގެ ބިން ހިއްކިގެންދާނެއެވެ.
މިއީ މާވަށުގެ ރައްޔިތުންނަށް ލިބިގެންދާނެ ވަރަށް މުހިންމު ތަރައްޤީއެކެވެ.