ހަނދުމަކޮށްދިނުމެއް!: ކޮންމެ ޙާލެއްގައިވެސް ނަމާދު ނުއަޅާށެވެ! ޖަމްޢްކުރަންޖެހޭނަމަ އެފުރުޞަތުގެ ބޭނުންހިފާށެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 9ސ
ހަނދުމަކޮށްދިނުމެއް!: ކޮންމެ ޙާލެއްގައިވެސް ނަމާދު ނުއަޅާށެވެ! ޖަމްޢްކުރަންޖެހޭނަމަ އެފުރުޞަތުގެ ބޭނުންހިފާށެވެ!

ބޮޑެތި ކަންކަން މެދުވެރިވެ ދެ ނަމާދު އެއްވަގުތަކު ކުރަންޖެހުމަކީ ވަރަށް ގިނަބައަކަށް ކުރިމަތިވާ ކަމެކެވެ. ހޮސްޕިޓަލްގަ މީހަކު ބާއްވައިގެން އުޅެންޖެހުން އަދި އަދާކުރާ ވަޒީފާގެ ސަބަބުން ފަދަ ކަންކަން ކޮންމެ މީހަކަށްވެސް މެދުވެރިވާނެއެވެ. ވީމާ އެޙާލަތަކީ އެމީހަކަށް ނަމާދުކުރުން ހުއްދަ ޙާލަތެއް ނަމަ އޮތީ ފަސޭހަމަގު އިޚްތިޔާރުކޮށް އެގޮތަށް ޢަމަލުކުރުމެވެ.

ނަމާދު ޖަމްޢްކުރާނެ ގޮތާއިމެދު ގިނަ ބައަކު ސުވާލުކުރާތީ ޖަވާބުގެ ގޮތުން ހާމަމިކުރަނީ ޝައިޚް މުޙައްމަދު ޝާފިޢް ވިދާޅުވެފައިވާ ބަސްފުޅެވެ.

ނަމާދު ޖަމްޢުކުރުމަކީ ދެ ނަމާދެއް އެއްވަގުތެއްގައި ކުރުމެވެ.

ހ- އިސްކޮށް ޖަމްޢުކުރުން

ށ- ފަސްކޮށް ޖަމްޢުކުރުން

ނަމާދު ޖަމްޢުކުރުން، ޢުޛުރުވެރިންނަށް ހުއްދަވެގެންވެއެވެ. މިގޮތުން މުހިއްމު ޑިއުޓީތައް އަދާކުރާ ފަރާތްތައް ކަމުގައިވާ ޑޮކްޓަރުންނާއި ނަރުހުންނާއި، ސިފައިންނާއި ފުލުހުންނާއި އެއަރޕޯރޓްގައި ޚިދުމަތްދޭ ބައެއް މުވައްޒަފުންނާއި، ދަތުރު ފަތުރު ކުރަންޖެހޭ މީހުންނާއި، ޠަހާރަތުގައި ތަކްލީފު އުފުލަންޖެހޭ ބަލިމީހުންނަށްވެސް އަދި ދިމާވާ ބައެއް ޙާލަތްތަކުގައި މިސާލަކަށް ވަރަށް ބޯކޮށް ވާރޭ ވެހުން އަދިވެސް ނަމާދު އޭގެ ވަޤުތުގައި ކުރުމަށް ޢުޛުރުވެރިވެއްޖެ އެހެން ބައެއް ޙާލަތުގައި ޖަމްޢުކުރުން ހުއްދަވެގެން ވެއެވެ.

މިސާލެއް:

އޮޕަރޭޝަން ތިއޭޓަރުގައި މަސައްކަތް ކުރާ ޑޮކްޓަރުގެ ޑިއުޓީ ފެށެނީ 1 ޖަހާއިރުއެވެ. ޑިއުޓީ ނިމެނީ 9 ޖަހާއިރުއެވެ. ނަމާދު ކުރާނެ ބްރޭކް ނުލިބި މަސައްކަތްކުރަން ޖެހޭނަމަ މި ޑޮކްޓަރު ކަންތައް ކުރާނީ އަންނަނިވި ގޮތަށެވެ.

މެންދުރު ނަމާދު ކުރާ ވަޤުތު މެންދުރު ނަމާއެކު ޢަޞްރު ނަމާދު ޖަމްޢުކޮށްލުން

ފުރަތަމަ ކުރާނީ މެންދުރު ނަމާދުގެ ހަތަރު ރަކްޢަތް

ދެން ޤަމަތްދޭނީ، ޤަމަތް ދީފައި ކުރާނީ ޢަޞްރު ނަމާދުގެ ހަތަރު ރަކްޢަތް

މިގޮތަށް ކުރުމަށް ކިޔަނީ ނަމާދު އިސްކޮށް ޖަމްޢުކުރުމެވެ. މި ޙާލަތުގައި ޑޮކްޓަރު އެ ކުރީ މެންދުރު ނަމާދާއި ޢަޞްރު ނަމާދު އިސްކޮށް ޖަމްޢުކޮށެވެ.

ދެން އޮތީ މަޣްރިބް ނަމާދާއި ޢިޝާ ނަމާދެވެ.

އިޝާނަމާދުގެ ވަޤުތުވުމުން ( މި ޙާލަތުގައި 9 ޖެހުމުން، ޑިއުޓީ ނިމުމުން)

ބަންގި ދީފައި

ފުރަތަމަ ކުރާނީ މަޣްރިބް ނަމާދުގެ ތިން ރަކްޢަތެވެ.

ދެން ސަލާމް ދީފައި ޤަމަތްދޭނީއެވެ. ދީފައި ކުރާނީ

ޢިޝާ ނަމާދުގެ ހަތަރު ރަކްޢަތެވެ.

މިގޮތަށް ކުރުމަށް ކިޔަނީ ނަމާދު ފަސްކޮށް ޖަމްޢުކުރުމެވެ. މި ޙާލަތުގައި ޑޮކްޓަރު އެ ކުރީ މަޣްރިބް ނަމާދާއި ޢިޝާ ނަމާދު ފަސްކޮށް ޖަމްޢުކޮށެވެ.

ޖަމްޢުކުރެވޭ ނަމާދު ތަކަކީ

މެންދުރު ނަމާދާއި ޢަޞްރު ނަމާދު (4+4)

މަޣްރިބް ނަމާދާއި ޢިޝާ ނަމާދު (3+4)

--ޝައިޚް މުޙައްމަދު ޝާފިޢު

 

މިއަދު އޮންލައިން