ޝައިޠޯނާގެ ކަސްތޮޅުގައިވާ މީހުންގެ ކިބައިން ފެންނާނެ ބައެއް ކަންކަން- މިއިން ކަމެއް ފެނިއްޖެނަމަ އޮތީ އެމީހަކާ ދުރުހެލިވުން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 18ސ
ޝައިޠޯނާގެ ކަސްތޮޅުގައިވާ މީހުންގެ ކިބައިން ފެންނާނެ ބައެއް ކަންކަން- މިއިން ކަމެއް ފެނިއްޖެނަމަ އޮތީ އެމީހަކާ ދުރުހެލިވުން!

އެއްވެސް މީހެއްގެ ބޮލަށް ޝައިޠޯނާ ފުރިހަމައަށް ސަވާރުވެއްޖެނަމަ އޭނާގެ ސިކުނޑިއާއި ވިސްނުން ކޮންޓްރޯލްކުރާނީ ޝައިޠޯނާއެވެ. އޭތީގެ ކަސްތޮޅުން ކަސްތޮޅު އެޅި އެފަދަ ނިކަމެތި ޙާލުގައި ތިބޭ މީހުންގެ ކިބައިން ފެންނާނެ ބައެއް ސިފަތަކަކީ:

--ﷲ ތަޢާލާ ތަނަވސްކަން ދެއްވަވަންދެން ކެތްތެރިވާކަށް ބޭނުމެއް ނުވާނެއެވެ. ވައްކަންކޮށްގެންވެސް ކޮރޕްޝަނުގެ އަމަލުތައްކޮށްގެންވެސް ތަނަވަސްކަން ލިބިގަންނަން މަސައްކަތްކުރާނެއެވެ.

--ކައިވެނިކުރެވެންދެން ކެތްތެރިވާން ބޭނުމެއް ނުވާނެއެވެ. ހެދުނުހައި މަކަރެއް ހަދައިގެންވެސް ފާހިޝް ޢަމަލުތައް ކުރަން ބޭނުންވާނެއެވެ.

--ބަންގީގެ އަޑުން އެއްވެސް އަސަރެއް ނުކުރާނެއެވެ. އެހެން މީހުން ނަމާދުކުރަންވެސް ހުރަސް އަޅާނެއެވެ. ނަމާގެ ޖަމާއަތަށް ނުދިއުމަށް ވަކާލާތުކުރާނެއެވެ.

--ޤުރްއާނުގެ އަޑު އަހަން ބޭނުމެއް ނުވާނެއެވެ. ޤުރްއާނުގެ އަޑު ކަނޑުވާލަން ބޭނުންވާނެއެވެ.

--އިސްލާމީ ނޫރު ފަތުރަން ހުރަސްއަޅާނެއެވެ. އެކަމަށް މަސައްކަތްކުރާ މީހުންގެ އަގުވައްޓާލައި އިތުބާރު ގެއްލުވާލަން މަސައްކަތްކުރާނެއެވެ.

--ތިމާ އެދޭ މަޤާމް ﷲ ތަޢާލާ ތިމާއަށް ދެއްވަވަންދެން ކެތްތެރިވާން ބޭނުމެއް ނުވާނެއެވެ! މަޤާމް ލިބުމަށް ހުރަހަކަށްވާކަމަށް ޤަބޫލުކުރެވޭ ކަންކަން ނައްތާލަން އެއްވެސް ކުރަން ޖެހިލުމެއް ނުވާނެއެވެ. ހަމައާ އިންޞާފަކަށް، ޤާނޫނަކަށް އަދި ޤުރްއާނަކަށް ނުބަލާނެއެވެ!

--ދެފަހަރު އެއް ގޮތަކަށް ވާހަކައެއް ނުދައްކާނެއެވެ. ބުނާ ބަސްތައް އިރުއިރުކޮޅުން ބަދަލުކުރާނެއެވެ. އަދި ލޯބިވެ ހެޔޮއެދޭނީ ހަމައެކަނި ތިމާގެ ފިކުރަށް ތާއީދުކުރާ މީހުން ދެކެއެވެ.

މިއީ ބައެއް ސިފަތަކެވެ. މިފަދަ ސިފަތައް ހުރި މީހަކު ފެނިއްޖެނަމަ ﷲ ތަޢަލާއަށް ބިރުވެތިވެ އެމީހަކާއި ދުރުހެލިވާށެވެ!

--ޝައިޚް ޖަމާލް އަޙްމަދުގެ ދަރުސަކުން

މިއަދު އޮންލައިން