އެންމެ ގާތްކޮށް އުޅޭ އެކުވެރިންގެ ކިބައިންވެސް ލިބޭ އެންމެ ބޮޑު އަނިޔާއަށް ހޭލުންތެރިވެ ސަމާލުވެ ތިބެން އެބަޖެހޭ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 46ސ
އެންމެ ގާތްކޮށް އުޅޭ އެކުވެރިންގެ ކިބައިންވެސް ލިބޭ އެންމެ ބޮޑު އަނިޔާއަށް ހޭލުންތެރިވެ ސަމާލުވެ ތިބެން އެބަޖެހޭ!

މީހުންގެ ދިރިއުޅުމަށް ނުވަތަ ކުރާ ކަންކަމަށް އައިސްފައިވާ ބޮޑެތި ބަދަލުތަކާއިއެކު ކިތަންމެ އެކުގައި އުޅެމުންވެސް ހިތްހަމަނުޖެހޭ ވަގުތު އެކުވެރިޔާގެ ކަންކަން ބޭޒާރުކޮށް ފަޟީޙަތްކުރުން މިއަދު މިވަނީ ޢާންމުކަމަށްވެފައެވެ. ދޮގުހަދާ މީހުން ގިނަވީފަދައިން އެކަންކުރާ މީހުން ގިނަވެ މިކުރެވެނީ ފާފައެއްކަމަށް ޤަބޫލުކުރެވެނީވެސް މިހާރު ވަރަށް މަދު މީހަކަށެވެ.

ކޮންމެ މީހަކުވެސް އެމީހެއްގެ އަމިއްލަ ނަފްސާއިމެދު ވިސްނައިލާށެވެ! އަހަރެމެންގެ ތެރެއިން ކޮންމެ މީހަކީވެސް އެމީހެއްގެ ކިބައިގައި އުނި އެތައް ބައިވަރު ސިފަތަކެއް ހުރި މީހެކެވެ. ކުށެއް، ފާފައެއް ނުކުރެވޭ ހަމައެކަކުވެސް ނުހުންނާނެއެވެ. ވީމާ އެހެންމީހުންގެ އަމިއްލަ ޒާތީ ކަންކަމުގެ ތެރެއަށް ވަދެގަނެ، އެމީހުންގެ ފަތިފުށް ހޯދައިގެން ފަޟީޙަތް ކުރަން މަސައްކަތް ކުރުމުގެ ކުރިން ކޮންމެ މީހަކުވެސް ތިމާގެ އަމިއްލަ ޙާލަށް ވިސްނައިލާށެވެ!

އަހަރެމެން އެންމެންނަށް ކުރެވޭ ހުރިހާ ކަންކަން ﷲ ތަޢާލާ އެންމެ މޮޅަށް ދެނެވޮޑިގެންވެއެވެ. ކުށްކުރުމުގެ ކުރިން އެކަންކުރާނެކަން ދެނެވޮޑިގެންވެއެވެ. ކުށްކުރާވަގުތު އެކަންވެސް ދެނެވޮޑިގެންވެއެވެ. ކުރުމުން ކޮށްފިކަންވެސް ދެނެވޮޑިގެންވެއެވެ. ނަމަވެސް ފަޟީހަތް ނުކުރައްވަވަނީ ﷲ ތަޢާލާގެ ފަޟްލް ވަންތަކަމާއި، އެކަލާނގެ ރަޙްމަތްވަންތަކަން މީސްތަކުންގެ މައްޗަށް ބޮޑުކަމުންނެވެ. ތައުބާވެ ހެޔޮ ޢަމަލުތައް ކުރަން ފުރުޞަތު ދެއްވެވުމަށެވެ.

އެކަން އެނގެނީ ވަޙީބަސްފުޅުންނެވެ. "އެކަލާނގެ ރަޙްމަތްވަންތަކަން ނުވާނަމަ، ތިއަބައިމީހުން ފަޟީޙަތްކުރައްވައި ހަލާކުކުރައްވައިފީސް ކަމަށާއި އަދި ހަމަކަށަވަރުން، ﷲ އީ، ގިނަގިނައިން ތައުބާ ޤަބޫލު ކުރައްވަވާ، ޙަކީމްވަންތަ ރަސްކަލާނގެ" ކަމަށް އޮތުމުންނެވެ!

"އަދި ﷲ ގެ ފަޟްލް ވަންތަކަމާއި، އެކަލާނގެ ރަޙްމަތްވަންތަކަން ތިއަބައިމީހުންގެ މައްޗަށް ނުވާނަމައެވެ. (އެބަހީ: އެކަލާނގެ ރަޙްމަތްވަންތަކަން ނުވާނަމަ، ތިއަބައިމީހުން ފަޟީޙަތްކުރައްވައި ހަލާކުކުރައްވައިފީހެވެ.) އަދި ހަމަކަށަވަރުން، ﷲ އީ، ގިނަގިނައިން ތައުބާ ޤަބޫލު ކުރައްވަވާ، ޙަކީމްވަންތަ ރަސްކަލާނގެއެވެ." (އަންނޫރު: 10)

މީސްތަކުންނަށް ކުރެވޭ ފާފަތައް ފަޟީޙަތްކުރުމުގެ ބަދަލުގައި އެފަދަ ކަމެއް އެނގިއްޖެ ނަމަ އެމީހަކަށް ނަޞޭޙަތްތެރިވެ ތައުބާވުމަށް ހިތްވަރުދޭށެވެ! އެކަމުގެ ސަބަބުން އެމީހާ ތައުބާވެއްޖެ ނަމަ ތިބާއަށް ﷲ ތަޢާލާ ދެއްވަވާނެ ދަރުމަ މުޅި ދުނިޔެއަށްވުރެ މާއަގުބޮޑެވެ! ފަޟީޙަތް ކުރުމުން ފާފަވެރިވާނެއެވެ! ނަޞޭޙަތްދީ ތެދުމަގު ދައްކަން މަސައްކަތްކުރުމުން ދެއްވަވާނީ ގިނަގުނަ ޘަވާބެވެ! ވީމާ ފައިދާ ބޮޑީ ފަޟީޙަތް ނުކުރުން ނޫންހެއްޔެވެ؟

ދެން ބަލައިލަންވީ އެކުވެރިންނާއިމެދުގައެވެ. އެކުވެރިންގެ ތެރެއިން ކޮޅުކެހިދޭނެ މީހުންގެ އެންމެ ޢާންމު އެއް ސިފައަށް ބަލާއިރު އެމީހުން އަބަދުވެސް އުޅޭނީ އަނެކާގެ ސިއްރުތައް އޮޅުންފިލުވާށެވެ! އެމީހުންގެ ސިއްރުތައް ހިފަހައްޓާނެއެވެ. އެއީ ފުރަތަމަވެސް އެމީހުންގެ ނިޔަތް ރަނގަޅުނުވުމުންނެވެ. އެފަދަ މީހުންނާއިމެދު ވަރަށް ބޮޑަށް ވިސްނަން ޖެހޭނެއެވެ. ބުއްދިވެރިގޮތަކީ އެފަދަ މީހުންނާއި އެއްވެސް ކަމެއް ހިއްޞާ ނުކުރުމެވެ. އެންމެ ނުބައިކަންބޮޑު އެކުވެރިންނަކީ ހަމައެއީއެވެ.

އެކުވެރިންގެ އެމީހުންގެ ސިއްރުތައް ހިއްޞާކުރަނީ ނުހަނު ބޮޑަށް އިތުބާރުކޮށްފައެވެ. އެކުވެރިޔާއާއިމެދު ހިތްހަމަނުޖެހޭވަގުތު އެއިތުބާރުގައި ކޮޅުފައިންޖަހަނީއެވެ. ބިއްގަނޑު ވައްޓާލައި ހުރިހާ ކަންކަން ހާމަކުރަނީއެވެ. އެކަން އެގޮތަށް ކުރާއިރު ތިމާގެ ކަންކަން ﷲ ތަޢާލާ ފަޟީޙަތްކުރައްވަވައިފިނަމަ ދެންވާނެ ގޮތަކާއިމެދު އެންމެފަހަރަކުވެސް ހިތަށް އަރާހެއްޔެވެ؟

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން